އިތުރު 13 މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ 968 އަށް

ކޮވިޑް-19 އަށް އަލަށް 13 މީހަކު ޕޮޒިޓިވްވެ ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 968 އަށް އަރައިފި އެވެ.


އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވީ އަށް ދިވެއްސަކާއި ބަންގްލާދޭޝް ފަސް މީހުންނެވެ. މިއާ އެކު، ބަލި ޖެހުނު ބަންގްލާދޭޝް މީހުންގެ އަދަދު ވަނީ 511 އަށް އަރައިފަ އެވެ. އަދި 324 ދިވެއްސަކަށް ވެސް ވަނީ ބަލި ޖެހިފަ އެވެ. މީގެ އިތުރުން އިންޑިއާގެ 98 މީހަކަށާއި ސްރީ ލަންކާގެ ހަ މީހަކަށް ވެސް ބަލި ޖެހިފައިވެ އެވެ. ދެން ހިމެނެނީ އެކި ގައުމުތަކުގެ 29 މީހެކެވެ.

ރާއްޖޭން އެންމެ ފުރަތަމަ މި ބަލި ފެނުނީ މީގެ 67 ދުވަސް ކުރިން ރިސޯޓަކުންނެވެ. އޭގެ 40 ދުވަސް ފަހުން މާޗް 15 ވަނަ ދުވަހު މާލޭން މި ބަލީގެ މީހަކު ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް މި ބަލީގެ އެތައް ބަޔަކު ދަނީ ފެންނަމުންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކު ފިޔަވައި އެންމެންނަކީ ވެސް ރާއްޖޭގައި މި ބަލި ޖެހުނު މީހުންނެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުންނެވެ. އެ މީހުންގެ ތެރެއިން ވެސް އެންމެ ބޮޑަށް މި ބަލި ފެތުރިފައި ވަނީ ތޮއްޖެހިގެން އެއް ތަނެއްގައި ދިރިއުޅޭ މީހުންގެ މެދުގަ އެވެ.

ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ވަނީ 40 މީހަކު ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މަރުވީ ތިން ދިވެއްސަކާއި ބިދޭސީއެކެވެ.

މިހާރު މި ހިނގާ ދުވަސްތަކަކީ ރާއްޖޭގައި މި ބަލީގެ ހާލަތު އެންމެ ނުރައްކާވާނެ ދުވަސްތައް ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެގޮތުން މި މަސް ނިމޭ ހިސާބުގައި ޕީކަށް އަރައި ޕޮޒިޓިވް ހާހަކަށް ވުރެ ގިނަ މީހުން އެއް ދުވަހުން ވެސް ފެންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެންވެ މިހާރު ވަނީ މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ލޮކްޑައުން ވެސް ތިން ވަނަ ފަހަރަށް އިތުރުކޮށް މި މަހުގެ 28 އާ ހަމަ އަށް ދިގު ދަންމައިފަ އެވެ.