ލޮކްޑައުންއާ ހިލާފު ވެގެން 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ހިލާފު ވެގެން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުންކުރި ފަހުން ހުއްދަ ނުނަގައި ބޭރަށް ނުކުމެގެން މާލެ އިން 191 މީހުން، ހުޅުމާލެ އިން 17 މީހުން އަދި ވިލިމާލެ އިން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް 210 މީހަކު ހައްޔަރުކުރިޔަސް ފުލުހުންގެ ބަންދުގައި މިހާރު ތިބީ އޭގެ ތެރެއިން ކިތައް މީހުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބަޔަކު ދޫކުރި ނަމަ އެ ދޫކުރާ އުސޫލެއް ވެސް އަދިއެއް ނޭނގެ އެވެ.

މާލެ އިން އިއްޔެ ދެ މީހުން، ހުޅުމާލެ އިން ވެސް މީހަކު ހައްޔަރުކޮށްފައި ވެ އެވެ.

މި މަހުގެ 28 އާ ހަމައަށް ދަންމާފައިވާ ލޮކްޑައުންއާ ހިލާފުވެގެން މިހާތަނަށް 3،892 މީހަކު ވަނީ 1،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެއީ މާލެ އިން 3،349 މީހުންނާއި ހުޅުމާލެ އިން 451 އަދި ވިލިމާލެއިން 92 މީހެކެވެ. އިއްޔެ އެކަނި ވެސް 60 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވެ އެވެ. އެއީ، މާލެ އިން 62، ހުޅުމާލެ އިން ދޭއް އަދި ވިލިމާލެ އިން ހަތަރު މީހެކެވެ.

ފުލުހުން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް ހުއްދަ ނެތި ބޭރަށް ނުކުންނަ މީހުންނާ ދެކޮޅަށް މި ފަހަރު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.