ކޮވިޑް-19: ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް އިތުރު 10،000 ޓެސްޓު ކިޓާއި ޕީޕީއީ ހަދިޔާކޮށްފި

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިތުރު 10،000 ޓެސްޓު ކިޓް މިއަދު ހަދިޔާކޮށްފި އެވެ.


ހެލްތު މިިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯ އިން މިހާތަނަށް 21،000 ޓެސްޓު ކިޓް ހަދިޔާ ކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން މިދިޔަ މާޗް މަހު ފެށޭވަރުވީ ވެސް ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ.

އެ ޖަމާއަތުން ވަނީ ޓެސްޓް ކިޓުގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ވެސް ރާއްޖެ އަށް މިއަދު ހަދިޔާ ކޮށްފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޑަބްލިއުއެޗްއޯ އިން ޜާއްޖެ އަށް ޓެސްޓު ކިޓާއި ޕީޕީއީ މިއަދު ހަދިޔާ ކުރުމާ ގުޅިގެން، ހެލްތު މިނިސްޓަރު އަމީން، ރާއްޖޭގައި ހުންނަވާ އެ ޖަމާއަތުގެ މަންދޫބު ޑރ. އަރްވިންދާ ގުޅުއްވައި ޝުކުރު އަދާކުރައްވާއިރު، އަރްވިންދު އަޑުއައްސަވަނީ.

މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު އަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޑަބްލިއުއެޗްއޯއާ ހަވާލާދީ، ހެލްތު މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ އަަށް ކަނޑައަޅާ ޓެސްޓް ކިޓުގެ އަދަދު ކުރިމަގުގައި އިތުރުވާނެ އެވެ.

އެ ޖަމާއަތުން މިއަދު ރާއްޖެ އަށް ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ ގައުން އާއި ފޭސް މާސްކާއި އަންގި އާއި ފޭސް ޝީލްޑް ފަދަ އާލާތްތައް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޑަބްލިއުއެޗްއޯ އަކީ ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން އެކި ގޮތްގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ އެއް ޖަމާއަތެވެ. އެގޮތުން ފަންނީ އެހީތެރިކަން އިތުރުކުރުމާއި އެ ބައްޔަށް އެކި ސަރަހައްދުތަކުގައި ޓެސްޓު ކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަމާއި އެކި ކަހަލަ އާލާތްތައް ހޯދުން އަދި އެހެން ޖަމާއަތްތަކުގެ އެހީ ހޯދައި ދިނުމަށް ޑަބްލިއުއެޗްއޯ އިން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.