އަމިއްލަ ހަރަދުގައި ބޭރުގައި ކިޔަވާ ދަރިވަރުން ރަޖިސްޓަރީވާން ހުޅުވާލައިފި

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރީވާން މިއަދު ހުޅުވާލައިފި އެވެ.


އެ މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން، ކަންކަން އަވަހަށް ނިންމުމަށް، އަމިއްލަ ހަރަދުގައި ބޭރުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ލިބިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެކަމަށް www.mohe.gov.mv ވެބްސައިޓުގައި ހާއްސަކޮށްފައިވާ ލިންކުން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ބުންޏެވެ.

ކޮވިޑް-19 ފަދަ ކާރިސާއަކާ ގުޅިގެން، ދަރިވަރުންނާ އެއްވެސް ކަހަލަ މުއާމަލާތެއް ކުރަންޖެހިއްޖެ ނަމަ ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބަލަންޖެހިއްޖެ ހިނދެއްގައި ވެސް ދަރިވަރުން ރަޖިސްޓަރީ ކޮށްފައި އޮތުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންތެރި ކަމެއް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ސަރުކާރުން ނިންމަންޖެހޭ ނިންމުންތައް ނިންމުމާއި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ހުންނާނީ، ސަރުކާރުން ދޫކުރާ މަތީ ތައުލީމްގެ ލޯނު ނުވަތަ މިނިސްޓްރީ މެދުވެރިކޮށް ފުރުސަތު ދީފައިވާ ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު އެކަންޏެވެ. އެގޮތަށް މިހާރު ވެސް 2،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

މިއަދާ ހަމައަށް ވެސް ގައުމަކަށް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، ދަރިވަރުންގެ މައުލޫމާތު ހިއްސާކުރަން ޖެހެނީ އެ ގައުމެއްގައި ހުންނަ އެމްބަސީއަށެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން، އެކި ގައުމުތަކުގައި ތިބި ދަރިވަރުންގެ މައުލޫމާތާއި ހާލު ބެލުމުގައި ވެސް، އަމިއްލަ ހަރަަދުގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ލިބިފައި ނެތުމުން ގޮންޖެހުންތަކާ ދިމާވި ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ކުރިން ވިދާޅުވެފަ އެވެ. އެގޮތަށް ކިޔަވާ ދަރިވަރުން ރަޖިސްޓަރީވާން ހުޅުވައލާނެ ކަމަށް މިދިޔަ މަހު އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އަމިއްލަ ހަރަދުގައި ނުވަތަ އެހެން ފަރާތެއްގެ އެހީގައި ރާއްޖެ އިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފަައިވާ ދަރިވަރުންނަށް ފައިސާގެ އެހީ ދޭން ނިންމައިފަ އެވެ.