ސުޕްރީމް ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ފަށައިި، ޓްވީޓާއި ޔޫޓިއުބުން ލަައިވް ކުރަން ނިންމައިފި

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައި، އަދި ޓްވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް އެ ޝަރީއަތްތައް ލަައިވް ކުރަން އެ ކޯޓުން ނިންމައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާންގެ ދަށުން އޮފީސްތައް ބަންދު ކޮށްފައިވާތީ އާންމު އުސޫލުން ޝަރީއަތްތައް އޮތީ މެދުކަނޑާލައިފަ އެވެ. މީގެ ކުރިން ބައެއް ކޯޓުތަކުން ވީޑިއޯ ކޮންފަރެންސްކޮށް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަނީ ރައްކާތެރިިކަމުގެ ފިޔަވަޅުތަކާ އެކު، އެކަމަކު ފަނޑިޔާރުން ކޯޓުގައި ތިއްބަވައިގެންނެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަވާއިދުގައިވާ ގޮތުން މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށެވެ. އަދި ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރާ ކޯޓު ރޫމުގައި ނުވަތަ އެ ނޫން އެހެން ތަނެއްގައި ވެސް ފަނޑިޔާރުން ތިބެގެން އެފަދަ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ. އެކަމަކު ކޮންމެ ތަނެއްގައި ތިބެގެން އަޑުއެހުންތައް ކުރިއަށް ގެންދިޔަޔަސް، ވަކީލުން ކޯޓު ފަޓުލޫނުގައި ތިބެން ޖެހޭއިރު، ފަނޑިޔާރުން ތިބޭނީ ގައުނު ތުރު ކުރައްވައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ޝަރީއަތް ކުރިއަށް ގެންދެވެން ނެތް ހާލަތުގައި އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިތުރަށް ސިއްރު ކުރަން ޖެހޭ ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތައް ޓްވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން އެފަދަ އަޑުއެހުންތައް ފެށުމުގެ އެއް ގަޑިއިރުގެ ކުރިން ލޮގިންވާން ބޭނުން ޖެހޭ ލިންކާއި ޔޫޒާ ނޭމާއި ޕާސްވޯޑް މައްސަލާގައި ހިމެނޭ ދެ ފަރާތަށް ކޯޓުން ފޮނުވާނެ އެވެ. އަދި ލޮގިންވުމަށް ފަހު އެ މީހެއްގެ އައިޑީކާޑު ނަމްބަރާއި ނަން ކޯޓާ ހިއްސާ ކުރަން ޖެހޭނެ އެވެ. އަޑުއެހުމުގައި ވާހަކަ ދައްކަން ފުރުސަތު ދެވޭނީ ކޮޮންމެ ފަރާތަކަށް ފުރަތަމަ 10 މިނެޓްގެ ފުރުސަތެއް ދިނުމަށް ފަހު، މައްސަަލަ ބަލާ ބެންޗުން ކަނޑައަޅާ ގޮތެއްގެ މަތިން އިތުރު ފުރުސަތު ދޭ ގޮތަށް ކަމަށް އެ ގަވާއިދުގައިވެ އެވެ.

ހެކިންނާއި އެކްސްޕާޓުންގެ ހެކިބަސް ވެސް އޮންލައިންކޮށް ނެގުމާއި ހުކުމް ކުރުމުގެ އަޑުއެހުންތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ އެވެ. އެކަމަކު އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންދިޔަޔަސް ޝަރީއަތުގެ އާންމު އުސޫލުތައް އެފަދަ އަޑުއެހުންތަކުގައި ވެސް ހިފަހައްޓަން ޖެހޭ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ލިޔުންތަކާއި ބަޔާންތަކާއި ކޯޓު އަމުރުތައް ފޮނުވުމާއި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި ބަޔާންތަކުގައި ވަކީލުން ސޮއި ކުރުމުގެ ބަދަލުގައި، ބަޔާން ލިޔާ މުވައްޒަފުން ސޮއިކުރާ ގޮތަށް ހަމަޖެއްސުމާއި އީމެއިލް މެދުވެެރިިކޮށް މައްސަލަތައް ހުށަހެޅޭ ގޮތް ވެސް އެ ގަވާއިދުގައި ވަނީ ހަމަޖައްސައިފަ އެވެ.

އޮފީސްތައް ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތު ނުހިނގާ ގޮތަށް ކުރިން ހަމަޖެއްސިޔަސް، އެ ގަވާއިދު އޮތްގޮތުން ޖޫން 1 އިން ފެށިގެން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް އެ މުއްދަތު ހިނގަން ފަށާނެ އެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމިއިރު، މިއީ ފަނޑިޔާރުން ކޯޓަށް ހާޒިރު ނުވެ އޮންލައިން ޕްލެޓް ފޯމެއް މެދުވެރިކޮށް ރާއްޖޭގައި ޝަރީއަތް ކުރިއަށް ގެންދަން ނިންމި ފުރަތަމަ ފަހަރެވެ. އަދި މިއީ ސޯޝަލް މީޑިއާ މެދުވެރިިކޮށް ޝަރީއަތް ވަގުތުން އަޑުއެހުމުގެ ފުރުސަތު ދޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހަމަޖެއްސިއިރު، ކްރިމިނަލް ކޯޓުން މިހާރު ގެންދަނީ ބަންދުގައި ތިބި މީހުންގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން އެއްބަސްވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަމުންނެވެ. އެކަމަކު އެ ކޯޓުން މައްސަލަތައް ކުރިއަށް ގެންދަނީ ފަނޑިޔާރުން ކޯޓަށް ވަޑައިގެން އެކަމަކު ދައުވާލިބޭ މީހުންނާއި ވަކީލުން އެހެން ތަނެއްގައި ބައިތިއްބައިގެން، ވީޑިއޯ ކޮންފަރެންސް ނިޒާމަކުން ގުޅާލައިގެންނެވެ.