މަޓީން ބުނަނީ މި އަހަރު ޓޫރިސްޓުން ނާންނާނެއޭ، އެ އަޑު އަހަން ޖެހޭ: ނަޝީދު

ނަޝީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ގެސްޓް ހައުސްތަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 28 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް. ކޮންމެ ސަފާރީ ބޯޓަކަށް މަހެއްގެ މައްޗަށް 1.5 މިލިއަނާއި 1.8 މިލިއަންގެ ގެއްލުމެއް ވާނެ ކަމަށް މަޓީން ލަފާކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެ ކަމަށާއި އެ ޖަމިއްޔާގެ އަޑު އަހަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރާއި ޓޫރިޒަމް ދާއިރާ އަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓަށް މަޓީން ބުނެފައި ވަނީ މި ހާލަތުގައި ޓޫރިޒަމް ދާއިރާ އާންމު ހާލަތަކަށް އައުމަކީ ނާދިރު ކަމެއް ކަމަށެވެ. މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ޓޫރިޒަމް ދާއިރާ އިން އާމްދަނީއެއް ލިބޭނެ ކަމަށް ނުފެންނާތީ، އެ ދާއިރާގެ "ފިއުޗާ ރެވެނިއު ފޯކާސްޓް" އެއް މި ދަނޑިވަޅުގައި ހެދިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މަޓީން ބުންޏެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް އެ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހެޅުއްވުމުން، އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، މަޓީން ބުނާގޮތުގައި މި އަހަރު ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެ އެވެ. މަޓީގައި ތިއްބެވީ އެންމެ ތަޖުރިބާކާރު ބޭފުޅުން ކަމަށް ވާއިރު އެ ޖަމާއަތުން ދައްކާ ވާހަކަ އަޑުއަހަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ކޮވިޑް-19 ގެ ސަބަބުން ކޮށްފާނެ އަސަރު ދެނެގަތުމަށް ސަރުކާރުން މިހާތަނަށް ދިރާސާއެއް ހަދާފައި ނުވާތީ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އުޅޭ ބޭފުޅުންނަކީ މި ތަނުގެ ވިޔަފާރީގެ ކަންކަން ވަރަށް ރަނގަޅަށް، ވަރަށް ޒަމާން ވަންދެން ދަންނަ ބޭފުޅުން. އެ ބޭފުޅުން އެ ދައްކާ ވާހަކައާ އަޅާ ނުލައި އެ ބޭފުޅުން ދައްކާ ވާހަކަ ބޮލާލައި ޖަހައިފައި އަޅުގަނޑު ގައިމު ވެސް ލަފައެއް ނުކުރަން މި ރާއްޖޭގައި އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިދާނެ ކަމަކަށް ވެސް. އަދި ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރެވިދާނެ ކަމަކަށް ވެސް." ނަޝީދު ވިދާޅުވި އެވެ.

މަޓީން އެ ގޮތަށް ލަފާކުރި ނަމަވެސް ކައިރީގައި އެއާޕޯޓް ހުރި ރިސޯޓްތައް ހުޅުވޭނެ ގޮތް ހަދައި ދިނުމަށް ރިސޯޓްތަކުން ސަރުކާރުގައި އެދެމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލައިގެން ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މަޓީން ވަނީ މީގެ ކުރިން ފާޑު ކިޔައިފަ އެވެ. މަޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށްވާ އިރު، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ ދާއިރާ އިން ކަމަށެވެ. މިކަން މިހެން އޮތް އިރު ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައިވަނީ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވެ އެވެ. ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެ ކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުނަސް، އެދެވޭ ފިޔަވަޅެއް ނުފެންނަ ކަމަށެވެ.

އެ ބަޔާނާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އެއީ ސަރުކާރުގައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެފަ އެވެ. އެ ފަހަރު ވެސް ނަޝީދު ވަނީ މަޓީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

"ދިވެހިރާއްޖޭގެ ރިސޯޓް ވިޔަފާރީގައި އުޅޭ ބޭފުޅުންނަކީ މި ތަނުގެ ވިޔަފާރީގެ ކަންކަން ވަރަށް ރަނގަޅަށް، ވަރަށް ޒަމާން ވަންދެން ދަންނަ ބޭފުޅުން. އެ ބޭފުޅުން އެ ދައްކާ ވާހަކައާ އަޅާ ނުލައި އެ ބޭފުޅުން ދައްކާ ވާހަކަ ބޮލާލައި ޖަހައިފައި އަޅުގަނޑު ގައިމު ވެސް ލަފައެއް ނުކުރަން މި ރާއްޖޭގައި އިގްތިސާދު ރަނގަޅު މިސްރާބަކަށް ގެންދެވިދާނެ ކަމަކަށް ވެސް: ނަޝީދު

ރާއްޖޭގެ ގެސްޓް ހައުސްތަކަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 28 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކޮންމެ ސަފާރީ ބޯޓަކަށް މަހެއްގެ މައްޗަށް 1.5 މިލިއަނާއި 1.8 މިލިއަންގެ ގެއްލުމެއް ވާނެ ކަމަށް މަޓީން ލަފާކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ކޮވިޑް-19 ގެ ސަބަބުން ކޮށްފާނެ އަސަރު ދެނެގަތުމަށް ސަރުކާރުން މިހާތަނަށް ދިރާސާއެއް ހަދާފައި ނުވާތީ ދިރާސާއެއް ހެދުމަށް ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާގޮތުން އެމްއެމްއޭއިން ހަދާފައިވާ ސިނާރިއޯތަކަށް ބަލާއިރު، އެންމެ ރަނގަޅު ސިނާރިއޯގައި ވެސް މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ޖީޑީޕީ 7.7 ޕަސެންޓް ދަށްވާނެ އެވެ. އެންމެ ގޯސް ސިނާރިއޯގައި މިދިޔަ އަހަރާ އަޅާބަލާއިރު ޖީޑީޕީ 17.7 ޕަސެންޓް ދަށާވާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.