ސިޔާސީ މީހުންނާއި އަޅުގަނޑުމެންގެ ވިސްނުމުގެ ތަފާތެއް އުޅޭ: މަބްރޫކް

މަބްރޫކް ވިދާޅުވީ މިކަމުގައި ބަސް ބުނަން ޖެހޭނީ ސިއްހީ މާހިރުން ކަމަށް. އެންމެ ބޮޑު އިސްކަމެއް ދޭނީ ވެސް ސިއްހީ މާހިރުންގެ ބަހަކަށް ކަމަށް އޭނާ. އޭގެ ބަދަލުގައި އިތުރު ބަޔަކު ދައްކާ ވާހަކައަކަށް ބަލާނީ ސިއްހީ މާހިރުންގެ އިރުޝާދަށް ބޯލެނބުމަށް ފަހު ދެން އޮންނަ ޖާގައިގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި.

ކޮވިޑް-19އާ ގުޅުން ހުރި ކަންކަމުގައި ސިޔާސީ ބޭފުޅުންގެ ވިސްނުމާއި މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ނެޝެނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ އިސް ބޭފުޅުންގެ އިތުރަށް ޑޮކްޓަރުންގެ ވިސްނުމުގައި ތަފާތުތަކެއް އެބަހުރި ކަމަށް ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ޑޮކްޓަރުންގެ ލަފާގެ މަތިން، ރާއްޖެ އަށް އޮން އެރައިވަލް ވިސާ ދިނުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ނަމަވެސް ކޮމަންވެލްތުން "އިމީޑިއެޓް ރެސްޕޮންސް އެންޑް ފިއުޗާ އޮޕޮޗުނިޓީސް" ގެ ނަމުގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތައް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދުކުރުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް ގައުމުތަކަށް ހީވިޔަސް، އެކަން އެގޮތަށް ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

މި ވާހަކައާ ގުޅޭ ގޮތުން މިރޭގެ މީޑިއާ ބްރީފިންގައި "މިހާރު" ން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، އެ ފަދަ ވާހަކަތައް ދައްކާ ސިޔާސީ ބޭފުޅުންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށެވެ. އެ ބޭފުޅުން ވެސް ދައްކަވާނީ މިިހާރު އާންމުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންވެ އެ ބޭފުޅުން ދައްކަވާ ވާހަކަތައް ވެސް އަޑުއަހަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މަބްރޫކް ވިދާޅުވި ގޮތުގައި މިކަމުގައި ބަސް ބުނަން ޖެހޭނީ ސިއްހީ މާހިރުންނެވެ. ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭނީ ވެސް ސިއްހީ މާހިރުންގެ ބަހަކަށް ކަމަށެވެ. އިތުރު ބަޔަކު ދައްކާ ވާހަކައަކަށް ބަލާނީ ސިއްހީ މާހިރުންގެ އިރުޝާދަށް ބޯލެނބުމަށް ފަހު ދެން އޮންނަ ޖާގައިގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަޅާ ހުރިހާ ފިޔަވަޅެއް އެޅުމުގައި އެންމެ އިސްކަން ދޭނީ ރައްޔިތުންގެ އާންމު ސިއްހީ ހާލަތު ސަލާމަތް ކުރުމަށް، މިކަމުގަ ޑޮކްޓަރުން ނޫން ބަޔަކު ދޭން ޖެހޭ ލަފާއެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއި އިގްތިސާދާ ގުޅުން ހުރި ކަންކަމުގައި ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި މަބްރޫކް ވިދާޅުވީ މިކަމުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އިސްކުރަމުން އައީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. ސަލާމަތުން ތިބި ރައްޔިތަކު ނެތް ތަނެއްގައި އިގްތިސާދެއްގެ ބޭނުމެއް ނޯންނާނެ ކަމަށް ވިދާޅުވާ ވާހަކަ މިރޭ ވެސް މަބްރޫކް ތަކުރާރުކުރެއްވި އެވެ.

"އަޅާ ހުރިހާ ފިޔަވަޅެއް އެޅުމުގައި އެންމެ އިސްކަން ދޭނީ ރައްޔިތުންގެ އާންމު ސިއްހީ ހާލަތު ސަލާމަތް ކުރުމަށް، މިކަމުގަ ޑޮކްޓަރުން ނޫން ބަޔަކު ދޭން ޖެހޭ ލަފާއެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ވެސް، އެހެން ގައުމުތަކުން ވެސް މި ބައްޔާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން ރާއްޖެ އަސް ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވި އެވެ. އެއާ އެކު ރިސޯޓްތައް ބަންދުކުރަން ޖެހި އިގްތިސާދަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފަ އެވެ.

މާލެއިން ކޮވިޑް-19 ފެނުމުން މާލެ ލޮކްޑައުން ކުރިތާ މިހާރު ވަނީ މަސް ދުވަސް ވެފަ އެވެ. ނަމަވެސް ޓޫރިސްޓުން އަލުން ގެންނަން ފެށުމުގެ މަޝްވާރާތައް އެ އިންޑަސްޓްރީގެ މީހުންނާ އެކި ފަށައި އެކަމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.