"ސޭފް ޓޫރިޒަމް" ގެ އުސޫލުތަކުގެ ދެލިކޮޕީ މަޖިލީހަށް ވެސް ފޮނުވައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ އޮންނަ ހާލަތުގައި ވެސް ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމަށް ޓަަކައި ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި އިންޑަސްޓްރީގެ ފަރާތްތަކަށް ފޮނުވާފައިވާ "ސޭފް ޓޫރިޒަމް"ގެ އުސޫލުތައްް ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވައިފި އެވެ.


ސޭފް ޓޫރިޒަމްގެ އުސޫލުތަކާ އެކު މަޖިލީހަށް ފޮނުއްވި ސިޓގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ އެ އުސޫލުތައް ކަނޑައަޅާފައި ވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އުސޫލުތަކާއި ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްްޔާ (ޑަބްލިއުޓީއޯ)ގެ ލަފާޔާ އިރުޝާދުގެ މަތިން ކަމަށެވެ. އަދި އެ އުސޫލުތައް އެކުލަވައިލުމުގައި ދުނިޔޭގެ އެހެން ގައުުމުތަކުގައި އަމަލުކޮށްފައިވާ ގޮތް ބަލާފައިވާނެ ކަމަށް ވެސް ސިޓީ ގައި އޭނާ ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު އެދިވަޑައިގެންފައި ވަނީ އުސޫލުތަކާ މެދު މަޖިލީހުން ބޭނުންވާ ކަންތައްތައް އަންނަ ހޯމަ ދުވަހުގެ ކުރިން އެންގުމަށެވެ. އެ އުސޫލުތަކުގެ ދެލިކޮޕީ ދިރާސާ ކުރަން މަޖިލީހުގެ ރައީސް ފޮނުއްވީ އިގުތިސާދީ ކޮމިޓީ އަށެވެ.

އެ ދެލިކޮޕީގައިވާ ގޮތުން، އަލުން ޓޫރިސްޓުން ގެންނަ އިރު ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ އެވެ. އަދި އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ހިމަނާފައިވެ އެވެ.

އެއާޕޯޓުތަކަށް ޓޫރިސްޓުން ފައިބާ ހިސާބުން ފެށިގެން ޗުއްޓީ ނިންމައި، ރިސޯޓުން ފޭބުމާ ހަމައަށް އެކި މަރުހަލާތަކުގައި އަމަލުކުރާނެ ގޮތުގެ ފުރިހަމަ އުސޫލުތަކެއް އެ ދެލިކޮޕީގައިވެ އެެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި އަމަލުކުރާނެ ގޮތްތައް ވެސް އެ އުސޫލުގައި ވަކިވަކިން ކިޔައިދީފައިވެ އެވެ.