ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރީ ގާނޫނާ ޚިލާފަށް؟!

ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ތިން މަހަށް ކުޑަކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ބަދަލާ އެކު، ރައީސްގެ މުސާރަ 65،000ރ. އަށް އަދި ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންނެވެ. މަޖިލީހުން 2009 ވަނަ އަހަރު ފާސްކުރި ގާނޫނެއްގައިވާ ގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އަދި ނައިބު ރައީސްގެ މުސާރަ އަކީ މަހަކު 75،000ރ. އެވެ. އެހެންވެ، ސުވާލު އުފެދެނީ އެ ގާނޫނު އިސްލާހު ނުކޮށް އެ ދެ މަގާމުގެ މުސާރަ ކުޑަކުރަން މަޖިލީހަށް ނިންމޭނެ ކަމާ މެދުގަ އެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާ ބުނާގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް ވެސް ކަނޑައަޅާނީ މަޖިލީހުންނެވެ. އެކަމަކު ރައީސާއި ނައިބު ރައީސް ފިޔަވައި، އެހެން މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ގާނޫނުތަކުގައި ބަޔާން ކޮށްފައެއް ނޯވެ އެވެ.

އޭގެ ބަދަލުގައި މަޖިލީހުން މިހާތަނަށް އަމަލު ކުރަމުން އައި ގޮތަކީ އެ މަގާމުތަކުގެ މަސްއޫލިއްޔަތުތަކަށް ބަލައި، މުސާރަ އާއި އިނާޔަތްތައް މާލިއްޔަތު ކޮމެޓީން ކަނޑައެޅުމަށް ފަހު މަޖިލީހުން ފާސް ކުރުމެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުން ކުރިން ވެސް ރައީސާއި ނައިބު ރައީސާއި ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރި އެވެ.