ޖަޕާނުގެ އެހީ، މީގެ ކުރިން އިމިގްރޭޝަނަށް ނުލިބޭވަރުގެ ހަދިޔާއެއް

ރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމެންޓް އިތުރަށް ހަރުދަނާ ކުރުމަށް ޖަޕާނުން ބޮޑު އެހީއެއް ދީފި އެވެ.


އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވީ މިއީ މީގެ ކުރިން އެ ތަނަށް ނުލިބޭވަރުގެ ބޮޑު ހަދިޔާއެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ތަރައްގީއަށް އެހީވުމުގެ ގޮތުން ޖަޕާނުން މިއަދު ވަނީ އިމިގްރޭޝަނާއި ކަސްޓަމްސްއަށް 68 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ދީފަ އެވެ. އިމިގްރޭޝަނަށް ދިން އެހީގެ ތެރޭގައި ކަނޑު އުޅަނދާއި ވިޔަފާރި ބަނދަރުގައި ބޭނުން ކުރާނެ އުޅަނދު ހިމެނެ އެވެ. އަދި ބޯޑަރު ސިސްޓަމްގައި ބޭނުންކުރަން ފޭޝަލް ރެކޮގްނިޝަން މެޝިނާއި ފިންގަޕްރިންޓް ރީޑާ އާއި މޮބައިލް އެކްސްރޭ އާއި ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނާނެ މެޝިން ފަދަ އަގުބޮޑު ވަސީލަތްތައް ވެސް ހިމެނެ އެވެ.

"މީގެ ކުރިން ވެސް އަޅުގަނޑުމެންނަށް އެހީ ލިބިިފައިވޭ. އެކަމަކު މިއީ މިހާ ބޮޑު އެހީތެރިކަމެއް ލިބުނު ފުރަތަމަ ފަހަރު. އަދި މިއީ އިމިގްރޭޝަން ހަރުދަނާ ކުރުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތްތަކެއް،" ހަނަފީ ވިދާޅުވި އެވެ.

"ހުރިހާ ގޮތުން ވެސް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް."

ޖަޕާނުން މިއަދު ވަނީ، އިމިގްރޭޝަނަށް ދިން މި އެހީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް 21.7 މިލިޔަން ރުފިޔާ ވެސް ދީފަ އެވެ.

ހަނަފީ ވިދާޅުވީ ޖަޕާނުގެ އެހީގެ ތެރޭގައި ހިމެނޭ ފޭޝަލް ރެކޮގްނިޝަން މެޝިނުގެ ސަބަބުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ބޯޑަރު ބެލެހެއްޓުމުގައި މިހާރު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތައް ހައްލު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ވެސް ބޯޑާ ސިސްޓަމެއް އިމިގްރޭޝަނުގައި އެބަ އޮތް. އެކަމަކު އެއަށް ލިބޭ، އިތުރު ބާރެއް. ޒަމާނާ އެއްގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީ މިކަމުގައި ބޭނުން ކުރެވޭނެ މަގެއް އެ ފަހިކޮށްދިނީ،" ހަނަފީ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އެ ގައުމާ މަޝްވަރާ ކުރައްވާފަ އެވެ. އަދި އޭގެ ފަހުން، އިމިގްރޭޝަނުގެ އިސް ވެރިން ވެސް ޖަޕާނުގެ އެމްބެސަޑަރާ ބައްދަލު ކުރައްވައި، ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

އެހެންވެ ހަނަފީ ދެކެވަޑައިގަންނަވާ ގޮތުގައި ޖަޕާނުން ދިން މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން ވަރުގަދަކޮށްދިން، އަގުބޮޑު ހަދިޔާއެކެވެ.

މި މަހުގެ ކުރީކޮޅު ވެސް ޖަޕާނުން ވަނީ، ޔުނިސެފް މެދުވެރިކޮށް ފަސް މިލިޔަން ރުފިޔާ އަދި ރެޑްކްރެސެންޓް މެދުވެރިކޮށް ދެ މިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފަ އެވެ.