ކޮވިޑް-19: ފިޔަވަޅުތަކަށް ލުއިދޭން ކެބިނެޓުގައި މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.


މިދިޔަ އެޕްރީލް މަހުގެ 15 ގައި މާލެ އިން ކޮވިޑަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރިތާ މަހަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. މި މުއްދަތުގައި އާއްމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، މި މަހުގެ 28 އަށް ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވައިފަ އެވެ.

ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާއްވަވަމުން ގެންދަވާ ކަންތައްތަކާއި ގައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

"މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރެއްވުމާއެކު ފަންނީ މާހިރުންގެ ލަފާގެމަތިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ހިކުމަތްތެރި ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވި،" މިއަދު މެންދުރު ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރެއްވުމަށް އެކި މިނިސްޓްރީތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.

ގައުމުގެ ހާލަތާ ގުޅޭ ގޮތުން ދެއްވި ޚިތާބުގައި ރައީސް ވިދާޅުވެފައި ވަނީ، ލޮންޑައުންނަށް ލުއި ދެއްވާއިރު އެންމެ ފުރަތަމަ ލުއި ދޭނީ ގެއިން ބޭރަށް ދިއުމާއި މިހާރަށް ވުރެން ފަސޭހަކޮށް ވިޔަފާރި ކުރެވޭ ގޮތަށެވެ.

އެހެން ފިޔަވަހިތަކުގައި، ޖަމާއަތުގައި ނަމާދު ކުރުމާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވުން ފަދަ މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެއިތުރުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުން ވެސް ވަކި އިންތިޒާމްތަކެއްގެ ތެރެއިން ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ލުއިތަކާ އެކު ފަރުވާ ކުޑަކޮށްފި ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.