ލޮކްޑައުން އަށް ފަހު ދިމާވާނެ މީހުން ފާހަގަކޮށް ގްރޫޕެއް ހަދަން ޖެހޭ: މަބްރޫކް

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު، ލޮކްޑައުންގެ ހާލަތު އުވާލުމުން ދެން ކޮންމެ މީހަކުވެސް ބައްދަލުވާ މީހުން ފާހަގަކޮށް ވަކި ގްރޫޕެއް ހެދުން މުހިންމު ކަމަށް ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19އާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ލޮކްޑައުން އުވާލުމުން ކޮންމެ މީހަކުވެސް އަމިއްލަ އަށް "މައިކްރޯ ކްލަސްޓާ"އެއް ހެދުން މުހިންމު ކަމަށެވެ. އެގޮތުން ކޮންމެހެން ބައްދަލުވާނެ އަދި ބައްދަލުވާން ޖެހޭ ވީހާވެސް ބަދު ބަޔަކު ފާހަގަކޮށްފައި ބޭތިއްބުމަށް މަބްރޫކް އިލްތިމާސްކުރެއްވި އެވެ.

"ތިބޭފުޅުން މިހާރު ނިންމަވަންވީ ލޮކްޑައުންގެ ހާލަތުން ލުއިތައް ލިބޭއިރު ދިމާވާނީ ކޮން ބަޔަކާތޯ، އެމީހުންނަށް ވެސް އަންގަނވީ ތިބޭފުޅުން ނިންމައިފިކަން މި ފަސް ހައެއްކަ މީހުންނާއޭ ދިމާވާނީ، އިތުރު މީހަކާ ދިމައެއް ނުވާނަމޭ" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގޮތަށް ކަންތައް ކުރުމުން ބައްދަލުވާ މީހުން ވީހާވެސް މަދުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ގޭގައި ތިބޭ މީހުންނާއި ވަޒީފާއަށް ދާނަމަ އެތަނުގައި ބައްދަލުވާ މީހުންގެ އިތުރަށް ކޮންމެހެން ބައްދަލުކުރަން ޖެހޭ ގާތް ރަހުމަތެރިއަކާ ނޫނީ ބައްދަލު ނުކޮށް ވީހާވެސް މަދު ކޮންޓެކްޓްސް ބޭތިއްބުމަށް މަބްރޫކް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ވަކިން ހާއްސަކޮށް މިބަލީގެ ހައި ރިސްކް މީހުންގެ ގޮތުގައި ފާހަގަކުރާ އުމުރުން ދުވަސްވީ މީހުން ނުވަތަ އެނދުދާންމަތިވެފައިވާ މީހުންނާ ބައްދަލުވާ ނުވަތަ އެ މީހުންގެ ކަންކަން ބަލަހައްޓާ މީހުންގެ މައިކްރޯ ކްލަސްޓާ ވަރަށް ކުޑަވާން ޖެހެނޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެ އިން ކޮމިއުނިޓީ ޓްރާންސްމިޝަނެއް ފެށުމާ އެކު މާލެ ލޮކްޑައުންކޮށް އެ މުއްދަތު މިހާރު އިތުރުކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެެވެ. އަދި 18 ވަނަ ދުވަހުގެ ފަހުން ލޮކްޑައުން އަށް ލުއިތަކެއް ދީ ސްކޫލްތަކާ އޮފީސްތައް ހުޅުވޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.