ކައުންސިލްތަކަށް އާންމުންނަށް އެހީ އާއި ސަބްސިޑީއެއް ނުދެވޭނެ: ފިނޭންސް

ފިނޭންސް މިނިސްޓްރީން ބުނީ، ކައުންސިލްތަކުގެ ބަޖެޓުން އެހީ ދެވޭނީ ޖަމާއަތުގެ ފައިދާ އަށާއި ރަށުގެ ތަރައްގީއަށް މަންފާ ކުރާ ޕްރޮގްރާމްތައް ހިލޭ ސާބަހަށް ހިންގާ ޖަމިއްޔާތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަަށް. އެ ނޫން ފަރާތްތަކަށް އެފަދަ އެހީއެއް ނުދެވޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ލަފާދީފައި.

ލޯކަލް ކައުންސިލްތަކުން އާންމުންނަށް ހިލޭ އެހީ އާއި ސަބްސިޑީ ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


ކައުންސިލްތަކުން އާންމު ފަރާތްތަކަށް އެހީ ދިނުމާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީގެ ދައުލަތުގެ އިންޓާނަލް އެޑްވައިޒަރީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ މާފުކުރުމާއި ސަބްސިޑީ އާއި އަމިއްލަ ފަރުދުންނަށް އެކި ބާވަތުގެ އެހީތައް ކައުންސިލްތަކުން ފޯރުކޮށްދޭ ކަމުގެ މައުލޫމާތު އެ ލިބެމުން އަންނަ ކަމަށެވެ.

އެކަމަކު މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކުން އެހީއެއް ދެވޭނީ ޚާއްސަ ހާލަތްތަކެއްގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން، އެ އޮފީހެއްގެ ބަޖެޓްގައި އެ ކަމަށް ޚަރަދު ކުރާނެ ފައިސާ ހުރެގެން ކަމަށް އެ ބަޔާނުގައިވެ އެވެ. ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު އޮތްގޮތުން ވެސް ޚިދުމަތެއްގެ އަގު ހެޔޮ ކުރުމުގެ ގޮތުން ކައުންސިލްތަކުގެ ބަޖެޓުން ސަބްސިޑީއެއް ނުވަތަ އެހީއެއް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ކައުންސިލްތަކުގެ ބަޖެޓުން އެހީ ދެވޭނީ ޖަމާއަތުގެ ފައިދާ އަށާއި ރަށުގެ ތަރައްގީއަށް މަންފާ ކުރާ ޕްރޮގްރާމްތައް ހިލޭ ސާބަހަށް ހިންގާ ޖަމިއްޔާތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. އެ ނޫން ފަރާތްތަކަށް އެފަދަ އެހީއެއް ނުދެވޭނެ ކަމަށާއި އެ ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ލަފާ ދީފައިވާ ކަމަށް އެ ކޮމިޓީގެ ބަޔާނުގައިވެެ އެވެ.

އެހެންވެ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކައުންސިލްތަކުން އަމަލު ކުރުމަށާއި ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތާއި ޚިލާފަށް ސަބްސިޑީ އާއި އެ ނޫން ވެސް އެހީއެއް އެއްވެސް ފަރާތަކަށް ނުދޭން ގޮޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން އެގޮތަށް ބުނިއިރު، ރޯދަ މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެ ރަށެއްގެ ހުރިހާ ގެއެއްގެ ކަރަންޓް ބިލް ދައްކައި ދިނުމާއި ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި މީގެ ކުރިން ފައިސާ ވެސް ބަހާފައިވެ އެވެ. މީގެ ދެ އަހަރެއް ކުރިން ރަށެއްގައި އީދު ފާހަގަ ކުރަން ކައުންސިލްގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ޚަރަދުކުރަން ކުރަން އުޅުމުން އޭރު އެކަން ހުއްޓުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަކަށެވެ.