އިތުރު 39 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1،313 އަށް

އިތުރު 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 1،313 އަށް މިރޭ އަރައިފި އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިރޭ 9:00 އާ ހަމައަށް 16 ދިވެއްސަކާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ހަތެއް އަދި ލަންކާގެ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 469 އެވެ. ބަންގްލަދޭޝްގެ 675 މީހަކު ޕޮޒިޓިވް ވެފައިވާއިރު އިންޑިއާގެ މީހުންގެ އަދަދަކީ 126 އެވެ. ރާއްޖެ އިން އެ ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 127 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. ފަރުވާގައި ތިބީ 1،182 މީހެކެވެ.