ލޮކްޑައުން އުވައިނުލަނީސް މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ފަށަނީ

ކޮވިޑް-19 ފެތުރޭތީ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބޭއްވުން މެދުކަނޑާލާފައި އޮތުމަށް ފަހު، ހާއްސަ އިންތިޒާމުތަކަކާ އެކު މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.


މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައިވާ އާ އުސޫލުގައިވާ ގޮތުން، ޗެމްބަރުގައި ޖަލްސާތައް ކުރިއަށް ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ދުރުމިނުގައި މެމްބަރުން ތިއްބަވައިގެންނެވެ. އެހެންވެ، އެއް ވަގުތެއްގައި ޗެމްބަރުގައި ތިއްބަވާނީ 42 މެމްބަރުންނެވެ. އެއީ މަޖީލުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ. މި ބަދަލާ އެކު، ޗެމްބަރުގެ އެއް މޭޒެއްގައި ދެ މެމްބަރުންނަކަށް ނުތިއްބެވޭނެ އެވެ.

މެމްބަރުން ދުރުދުރުގައި ތިއްބަވައިގެން ކުރިއަށް ގެންދާ ޖަލްސާތަކުގައި، ވޯޓު ދެއްވުމަށް މެމްބަރުން ޗެމްބަރުން ނުކުމެވަޑައިގަންނަވަން ޖެހެ އެވެ.

މި ހާލަތުގައި ޗެމްބަރުގައި ޖަލްސާތައް ކުރިއަށް ގެންދަންޖެހެނީ، އެކަމަށް ބޭނުންވާ އެންމެ މަދު އަދަދަކަށް މުވައްޒަފުން ޗެމްބަރުގައި ތިއްބަވާ ގޮތަށެވެ. މެމްބަރުންނާއި މުވައްޒަފުން ވެސް ޗެމްބަރުގައި މާސްކް އަޅަން ޖެހެ އެވެ.

ޚާއްސަ ހާލަތުގައި ޗެމްބަރުގައި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމުތައް ތަންފީޒު ކުރައްވާނީ އާ އުސޫލުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މިދިޔަ މާޗް 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވުމުން، އެ މަހުގެ ފަހުކޮޅުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ.

މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައިވާ އާ އުސޫލުގައިވާ ގޮތުން، ޗެމްބަރުގައި ޖަލްސާތައް ކުރިއަށް ގެންދާނީ އެޗްޕީއޭ އިން އަންގާފައިވާ ދުރުމިނުގައި މެމްބަރުން ތިއްބަވައިގެންނެވެ. އެހެންވެ، އެއް ވަގުތެއްގައި ޗެމްބަރުގައި ތިއްބަވާނީ 42 މެމްބަރުންނެވެ. އެއީ މަޖީލުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައެވެ. މި ބަދަލާ އެކު، ޗެމްބަރުގެ އެއް މޭޒެއްގައި ދެ މެމްބަރުންނަކަށް ނުތިއްބެވޭނެ އެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، މަޖިލީހުގެ ޗެމްބަރުގައި މާދަމާ ބާއްވާ ފުރަތަމަ ޖަލްސާ ފަށާނީ ހެނދުނު 11:00 ގަ އެވެ.

އެ ޖަލްސާގައި ފުރަތަމަ މަސައްކަތަކަށް އޮތީ މި އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހިފައިވާތީ ގާނޫނުއަސާސީ އަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެވެ.

މަޖިލީހުގެ ޗެމްބަރުގައި ޖަލްސާތައް ބާއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިއިރު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މަހުގެ 15 ން ފެށގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އޮތީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ލޮކްޑައުންގަ އެވެ.

ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވިޔަސް އޭގެ ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ. މި 2-3 ދުވަހުގެ ތެރޭގައި އެ ކަންކަން ހާމަކުރާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ. މާލެ ސަރަހައްދު ލޮކްޑައުންގައި އޮތް އިރު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު ވެސް ހަމަވާނީ މި މަހުގެ ނިޔަލަށެވެ.