ކޮވިޑްގެ ފުރަތަމަ މަރު: ސާމްޕަލް ނެގުމާއި ނަަތީޖާ ލިބުން ވެސް ލަސްވި

ކޮވިޑް-19 ގައި ރާއްޖޭގެ ފުރަތަމަ މަރާ ގުޅިގެން ބެލި ކަންކަމުން، އެ ކޭސްގައި ބަލި މީހާގެ ސާމްޕަލް ނެގުމާއި ސާމްޕަލްގެ ނަތީޖާ ލިބުން ފަދަ ކަންކަން ލަސްވެފައިވާ ކަމަށާއި އެކަމަކު އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރުމަށް ލަފައެއް ލިބިފައި ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ލަގަބު ދެއްވާފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް 83، އަވަހާރަވީ މިދިޔަ މަހުގެ 29 ގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އެމްބިއުލާންސް ތެރޭގަ އެވެ. ހުސައިން އަބްދުﷲ ވެސް ފަހުން ވަނީ އަވަހާރަވެފަ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 ޖެހިގެން ރާއްޖޭން ފުރަތަމަ މީހަކު މަރުވި ކޭސްގައި ޓެސްޓްކުރުމަށް ސާމްޕަލް ނެގުމާއި ޓެސްޓްގެ ނަތީޖާ ލިބުން ވެސް ލަސްވެފައިވާ ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެކަން ބެލީ އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އިމްޕްރޫވްމެންޓް ޑިވިޝަނުންނެވެ.

"އާމުކޮށް ވެސް އެކަންތައްތައް ބަލަނީ މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އިމްޕްރޫމެންޓް ޑިވިޝަނުން. އެގޮތުގެ މަތިން މިކޭސް ވެސް ވަނީ ކޮލިޓީ އިމްޕްރޫމެންޓް ޑިވިޝަނުން ބައްލަަވާފައި އިނގޭތޯ. ދެން މި ބެއްލެވުމުގައި ބައެއް ކަންތައްތައް ލަސްވެފައިވާ ކަމަށް ފާހަގަކުރެވޭ މިގޮތުން ސާމްޕަލް ނެގުމާއި އަދި ހާއްސަކޮށް ސާމަޕްލަގެ ނަތީޖާ ލިބުން ލަސްވެފައިވާ ކަމަށް،" ނަޒްލާ ވިިދާޅުވި އެވެ.

އެ ކޭސްގެ ތަހުގީގު ހެލްތުގެ ކޮލިޓީ އިމްޕްރޫމެންޓް ޑިވިޝަންގެ ތަހުގީގާ ހިސާބުން ނިމޭނޭތޯ ނުވަތަ އެކަމުގައި އިހުމާލްވި ބަޔަކު ވާނަމަ ޖިނާއީ ތަހުގީގެއް ނުކުރާނެތޯ "މިހާރު" ން ސުވާލު ކުރުމުން ޑރ.ނަޒްލާ ވިދާޅުވީ އެފަދަ ތަހުގީގެއް ކުރަން ރިކޮމެންޑްކޮށްފައި ނެތް ކަމަށެވެ.

"މިހާރު އެބޭފުޅުން [ކޮލިޓީ އިމްޕްރޫމެންޓް ޑިވިޝަނުން] ދެއްވާފައި އޮތް ރިޕޯޓަކު ނުއެއް ނެތް އިތުރު އެކަހަލަ އެއްވެސް ކަމެއް ހުށަހަަޅާކަށް،" އެފަދަ މައްސަލަތައް އިތުރަށް ބެލުމުގެ އިންތިޒާމްތައް އޮންނަ ގޮތާ ބެހޭ ގޮތުން ނަޒްލާ ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް އިތުރަށް ތަހުގީގުކުރަން ޖެހިއްޖެ ނަމަ ހުށަހަޅަން ޖެހޭ އެކި ބޮޑީތަކުގެ ނަންތައް އޭނާ ވިދާޅުވި އެވެ. އަދި އެކަހަލަ ބައެއް މައްސަލަތައް މީގެ ކުރިން ފުލުހުންނަށް ވެސް ރިފާކޮށްފައިވާ ކަަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

"ބައެއް ކަހަލަ ހަމަ ސިއްހީ މައްސަލަތަކުގައި އެބޭފުޅުން އެބަހުރި ކްރިމިނަލް އިންވެސްޓިގޭޝަން އަށް ފުލުހުންނަށް ވެސް ރިފާ ކުރައްވާފައި ވެސް. މިކޭސް އަކު ނުއެއް ނެތް އެގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮލިޓީ އިމްޕްރޫމެންޓް ޑިވިޝަންގެ ރިޕޯޓްގައި ރިކޮމެންޑްކޮށްފައި އޮތީ ސާމްޕަލް ނެގުމާއި ސާމްޕަލް ނެގުމާއި ޓެސްޓްކުރުން އަދި އުމުރުން ދުވަސްވީ މީހުންގެ ތެރެެއިން ފެސިލިޓީތަކަށް ގެންދަން ޖެހޭ މީހުން ގެންދިއުން އަވަސް ކުރުމަށެވެ.

މި މައްސަލާގައި ޖިނާއީ ތަހުގީގެއްކުރަން ލަފައެއް ނެތް ނަމަވެސް، ރާއްޖޭން ފުރަތަމަ ފެނުނު ކޮވިޑް-19 ކޭސްގައި، ކަމާބެހޭ ފަރާތްތަކާ މައުލޫމާތު ހިއްސާނުކޮށް އެ މީހާ ފުރުވާލި ކަމަށް ތުހުމަތުކޮށް އަންނަނީ ފުލުހުން ޖިނާއީ ތަހުގީގެއް ކުރަމުންނެވެ. ފުރުވާލި އިޓަލީގެ ޓޫރިސްޓު މީހާގެ މައްސަލާގައި އެ މީހާ ޗުއްޓީ ހޭދަކުރި ކުރެއްދޫ ރިސޯޓްގެ މެނޭޖްމަންޓަށް ތުހުމަތުކޮށް ތަހުގީގަށް ވަނީ ބަޔާން ވެސް ނަގައިފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުންނަ ގެތައް މޮނިޓަރިންއަށް ލާ ހިސާބުން އެޗްޕީއޭ އިން އެ ގެތަގުގެ ނަންތައް މިހާރު އިއުލާނުކުރެ އެވެ. އެގޮތުން އާމިނަތު ދިރިއުޅުއްވި ގެ މޮނިޓަރިން އަށް ލީ ކަމަށް އެޗްޕީއޭގެ އިއުލާނުން ފެންނަން އޮތީ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު އެވެ. އެކަމަކު އޭނާގެ ސާމްޕަލް ނެގީ އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ ދަންވަރުކަން، އޭނާ އަވަހާރަވިރޭ ބޭއްވި ޕްރެސް ބްރީފިންގައި ދިން މައުލޫމާތުން އެނގެ އެވެ.

އާމިނަތު އަވަހާރަވުމުން އޭޕްރިލް 29 ވަނަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މީޑިއާ ބްރީފިންގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ އޭނާއަށް ފަރުވާ ދިނުން ލަސްވެފައި ނުވާ ކަމަށެވެ. އެރޭ ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވައި ހެލްތު މިިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ މައުލޫމާތު ހޯއްދެވުމަށް ފަހު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

"މިއަދު[އޭޕްރިލް 28 ވަނަ ދުވަހުގެ]ގެ ހެނދުނު ކަމަށް ބަލިވީ އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެހާ ހިސާބުން ހޮސްޕިޓަލަށް ގެންގޮސްފައި، މި ދެެންނެވީ، ގިނަ ފަހަރަށް މިދިމާވާ ސަބަބަކީ ނޭވާ ކުރުވުން، ހުން އައުން ކެއްސުން، އެހެން ވެއްޖެއްޔާ މިއަކަށް ނޯވޭ ވަކި ޚާއްސަ ފަރުވާއެއް،" ޑރ. އަލީ ލަތީފް އެރޭ ވިދާޅުވި އެވެ.