ޚިޔާނާތާއި މަރުތަކުގެ މައްސަލަތަކަށް ވީ ގޮތް ދެ ކޮމިޓީއެއް އެކުވެގެން ބަލަން ނިންމައިފި

ރިޔާސީ ދެ ކޮމިޝަންގެ މަސައްކަތް ގޮސްފައިވާ ހިސާބު މަޖިލީހުން ބަލާނީ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ގުޅިގެން. މައްސަލަތަށް އަވަހަށް ނިންމަން މި ދެ ކޮމިޓީން މަސައްކަތް ކުރާނެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމިޓީއެއް ގުޅިގެން ބަލަން ނިންމައިފި އެވެ.


އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލަ އާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ސާފުކުރަން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.

ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވެސް އެ މައްސަލަ ބަލާތީ، ދެ ކޮމިޓީ ގުޅިގެން، ޖޮއިންޓް ކޮމިޓީއެއްގެ ގޮތުގައި އެ ކަން ކުރިއަށް ގެންދަން ރޭގެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ތާއީދު ކުރެއްވި އެވެ. އެހެންވެ، ދެ ކޮމިޓީގެ މުގައްރިރުން މަޝްވަރާ ކުރެއްވުމަށް ފަހު، ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމި އެވެ.

ޚިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށް ވާއިރު، އެ މައްސަލަތައް ލަސްވެފައި ހުރިކަން އެ ކޮމިޓީގައި ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

އެހެންވެ، ދެ ކޮމިޓީން މަޝްވަރާ ކުރުމަށް ފަހު، މައްސަލަތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ފުލުހުންނާއި ކޮމިޝަންތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން ކޯޓުތަކުގެ ފަރާތުން މައުލޫމާތު ސާފު ކުރުމަށާއ އެ މައްސަލަ އަވަހަށް ނިންމުމަށް ކޮމިޓީން މަސައްކަތް ކުރަން ވެސް ނިންމި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި މަރުތަކުގެ މައްސަލަތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ސާފުކުރަން ކޮމިޓީން ނިންމިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީި އިންސާފެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ޗޮރރފަހުން ވަނީ ވިދާޅުވެފަ އެވެ.