ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދު ގާނޫނީ ތަޖުރިބާކާރުންގެ ހިޔާލު ތަފާތު: ނަޝީދު

މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ގާނޫނީ ތަޖުރިބާކާރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުން އުފެދިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19އާ ގުޅިގެން އޮންލައިންކޮށް ބާއްވަމުން އައި މަޖިލީހުގެ ޖަލްސާތައް މިއަދު ހާއްސަ އުސޫލުތަކެއްގެ ތެރެއިން ޗެމްބަރުގައި ފަށާފައިވާއިރު ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވައިފަ އެވެ.

އެ އިސްލާހާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އީދު ބަންދުގައި ކުރިއަށް ގެންދާ ޖަލްސާގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަނީ ޖޫން މަހު ދައުރު ހަމަވާ ކައުންސިލަރުންގެ މައްސަލަ ހައްލު ކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށެވެ. އަނެއްބައި މެމްބަރުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ސަންސެޓް ގާނޫނަކުން އެ މައްސަލަ ހައްލު ކުރުން މާ މުހިންމު ކަމަށެވެ.

އެ ބަހުސްތަކަށް ފަހު ހެނދުނުގެ ދަންފަޅި މެދުކަނޑާލުމުގެ ކުރިން ނަޝީދު ވިދާޅުވީ އެ ބަހުސް ކުރެވޭ މައްސަލާގައި ގާނޫނީ ތަޖުރިބާކާރުންގެ ހިޔާލު ވެސް ތަފާތު ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އޮޅުން އަރައިފާނެ ކަމަށްޓަކައި އަޅުގަނޑު ދަންނަވަން. ގާނޫނީ ވަކީލުންނެއް ވެސް އިލްމުވެރިންނެއް ވެސް ފަންނީ ބޭފުޅުންނެއް ވެސް މި މައްސަލާގައި އިއްތިފާގެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އެއަށް ފަހު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ހ. ގައި ބުނާގޮތުން ކައުންސިލްތަކުގައި ތިއްބަވަން ޖެހޭނީ ޑިމޮކްރަޓިކް އުސޫލުތަކުގެ މަތިން ސިއްރު ވޯޓަކުން އިންތިޚާބު ކުރާ ބައެއް ކަމަށެވެ. އެއަށް ފަހު އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން ދޮންބިލެތް މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ވަކި ޚާއްސަ ގާނޫނެއް މި ބޭނުމަށް ފާސްކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

އެކަމަކު ގާނޫނުއަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބުނެ ފާޑުކިޔުންތައް އޮތީ އެކަމަށް އަމާޒުވެފަ އެވެ. ހަސަން ލަތީފްގެ ބިލްގެ މައްސަލައިގައި އެތައް ދުވަހެއް ބޭކާރު ގޮތުގައި ހޭދަވެފައިވާ ކަމަށް ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.

ގާނޫނުއަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް އޮތީ ލަފާ ދެއްވައިފަ އެވެ.