ލޮކްޑައުން ލުއިކުރަން، ދުވާލަކަށް 50 ކޭސް ގިނައެެއް ނޫން: އެޗްޕީއޭ

ކޮރޯނާވައިރަސް ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުޔެއް ދެވޭ ވަރަށް އެބަލީގެ ކޭސްތައް މަދުވެއްޖެ ކަމަށާއި ދުވާލަކަށް 50 އަކަށް ކޭސް ފެނުމަކީ ގިނަ އަދަދެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީގިންގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލޭގައި އޮތް ލޮކްޑައުން ލުއިކުރަން އުޅެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެސްް އިރުޝާދާ އެއްގޮތަށް ކަމަށާއި 50 އަކަށް ކޭސް ފެނުމަކީ އާއްމު ހާލަތަށް ދިއުމުގެ ދަތުރު ފެށޭނެ މިންވަރެއް ކަމަށެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ހުރިހާ ފިޔަވަޅެއް ދޫކޮށްލެވޭނީ އޭނާ ވިދާޅުވި ގޮތުގައި، ދުވާލަކަަށް ފަސްވަރަކަށް ކޭސް އަށް އަދަދު ދަށްވީމާ ކަމަށެވެ.

"ދުވާލަކަށް 50 ކޭސް، އަޅުގަނޑު ކުރީ ދުވަހު ވެސް ދެންނެވިން، ފެނުމަކީ ހަގީގަތުގައި މިފަދަ ބައްޔަކަށް ބަލާއިރު ހައި ނަމްބާއެއް ނޫން އިނގޭތޯ. މިގޮތަށް ސްޕްރެޑްވާ، އަރިދަފުސްރޯގާގެ ބަލިތައް ނޫނިއްޔާ އިންފްލުއެންޒާގެ ބަލިތަކަށް ބަލާއިރު، ނޫނިއްޔާ އިންފްލުއެންޒާ ލައިކް އިލްނަސް އަށް ބަލާއިރު، އައިއެލްއޭ އަޅުގަނޑުމެން މިކިޔާ ބާވަތުގެ ބަލިތަކަށް ބަލައިފި ނަމަ، ރާއްޖޭގެ ޕޮޕިއުލޭޝަނަށް ބަލާއިރު، މާލޭގެ ޕޮޕިއުލޭޝަނަށް ބަލާއިރު ނިސްބަތުން ފަންސާހަކަށް މީހުން ފެނުމަކީ އެއީކީ ހަގީގަތުގައި ހައިއެއް ނޫން އިނގޭތޯ،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅު މުޅިން އުވާލަން ނޫޅޭ ކަމަށާއި އެކަމަކު ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދޭނެ ކަމަށެވެ. އެގޮތުން ނިއު ނޯމަލް އަށް ދާނީ އެންމެ ރަނގަޅު ހިސާބަށް ދިޔައިމާ ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ލުއިތައް ދިނުމުގެ ފިޔަވަޅެއް އަަޅަނީ އަފްޒަލް ވިދާޅުވި ގޮތުގައި، ބަލި ފެތުރޭ މިންވަރު ވަކިވަރެއްގައި ހިފެހެއްޓޭތަން ފެންނަން ފެށުމުންނެވެ.

"އެ ވެސް ކޮންމެވެސް ވަރެއްގެ ލޮކްޑައުންއެއްގައި ތިބެގެން ފަސޭހަތަކެއް މިދެނީ،" އޭނާ ވިދާޅުވި އެވެ

އެ ހާލަތުގައި ކަންތައްތައް ވާ ގޮތް ބެލުމަށް ފަހު ދެން ދާނީ ދެވަނަ ފޭހަކަށެވެ. އެގޮތަށް ފިޔަވަޅުތައް ލުއިކުރަން ބަލާނެ މިންގަނޑުތަކެއް ޑަބްލިއުއެޗްއޯ އިން ކުރިން ވަނީ ކަނޑައަޅައިފަ އެވެ. އެ ކަންތައްތަކަށް ބަލައި ނިއު ނޯމަލްގައި އަމަލުކުރާނެ ގައިޑްލައިން އެޗްޕީއޭ އިން މާދަމާ އާއްމުކުރާނެ އެވެެ.

މިރޭގެ ޕްރެސް ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުނަށް ލުއިތައްދޭ ކޮންމެ ފަހަރަކު ވެސް ކޮވިޑް-19ގެ ކޭސްްތައް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ރާއްޖެ އަށް ލިބުނު ވަގުތުގެ ބޭނުންކުރީ އެކަމަށް ތަައްޔާރުވުމަށް ކަމަށެވެ. އެގޮތުން ބޭނުންވާނެ ގިނަ ތަކެތި ހޯދައި ތައްޔާރީގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.