އުއްމީދުކުރި ވަރުގެ ލުޔަކަށް ނުވުމުގެ ކަންބޮޑުވުން!

ކޮވިޑް-19 އިން ރައްކާތެރިވާން ގޭގައި، ބަންދުވެ ތިބޭތާ 43 ދުވަސް ފަހުން މިއަދު ލޮކްޑައުނަށް ލުޔެއް ދިން އިރު އެއް ބަޔަކު އުއްމީދުކޮށްގެން ތިބީ ފަތަން ދެވޭނެ ކަމަށެވެ. އަނެއް ބައެއްގެ ވިސްނުމުގައި ހުރީ ބޭރުގައި ދުވެ، ކަސްރަތުކޮށްލާށެވެ. މައިންބަފައިން ހީކޮށްގެން ތިބީ ގޭތެރޭގެ ހާސްކަމުގައި ތާށިވެފައި ތިބި ކުދިން ބޭރަށް ނެރެލެވޭނެ ކަމަށެވެ.


އެކަމަކު، ބަލީގެ ހާލަތު އާއްމުންގެ ތެރޭގައި އޮތް މިންވަރަށް ބަލައި ފުރަތަމަ ދެ ހަފުތާ އަށް ދިން ލުއިތަކުގެ ތެރޭގައި ބައެއް މީހުންގެ އެންމެ ބޭނުންވެގެން ލިސްޓްކުރި ކަންކަން ނުހިމެނެ އެވެ. ބަލީގެ ހާލަތާ މެދު ނުވިސްނި، މިކަން މިވީ، ބައެއް މީހުންނަށް އަނެއްކާ ވެސް ބޮޑު މާޔޫސް ކަމަކަށެވެ.

ދޮޅު މަސް ވަންދެން ހިފަހައްޓައިގެން ތިބި އުދާސްތަކާ އެކު ސޯޝަލް މީޑިއާގައި ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެކަކު ލިޔެފައިވާ ގޮތުގައި، ހުރިހާ ވިޔަފާރިތަކެއް ހުޅުވަން ފުރުސަތު ދިން އިރު، ނަފްސާނީ ގޮތުން އާއްމުން ތަހައްމަލް ކުރި ކަންކަމަށް ލުޔެއް ދޭން ނުވިސްނަ އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދޭން ނިންމާފައިވާ އިރު ފުރަތަމަ ދެ ހަފުތާގައި ބޭރަށް ނުކުމެ، ކަސްރަތު ކުރަން ފުރުސަތު ދިނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ފުލުހުންގެ ހުއްދައާ އެކު ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރު ތެރޭގައި ހަރަކާތްތެރިވެ އުޅެވޭނެ އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުމަކީ މި ހުއްދައިގެ ތެރޭގައި، ޒުވާނުންނާއި މެދު އުމުރާއި ކުޑަކުދިން ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ނުލިބުމެވެ.

"ހީކުރީ ލުއި ލިބޭއިރު ޕޮލިހުންގެ ހުއްދައާ އެކު ކަސްރަތު ކުރުމަށް ވަގުތު ދޭނެ ކަމަށް. ބޮޑެތި ގޭގޭގައި މެޝިންތަކާއި ކަސްރަތު ކުރާނެ ޖާގަ އޮތަސް ހަމަވައި ނުލިބޭ ކުދިކުދި ތަންތަންކޮޅުގައި ގިނަ ބަޔަކު އެބަތިބި. ވައިކޮޅެއް ނުޖެހޭ ތަނުގައި އިރުގެ އަލި ވެސް ނުލިބޭ ތަންތަނުގައި ދިވެހިން އެބަތިބި،" ލުއި ދިން ގޮތާ މެދު ހިތްހަމަނުޖެހިފައި ހުރި އެކަކު ލިއެފައިވެ އެވެ.

"ބަލި ބޮޑަށް ފެތުރޭ ގައުމުތަކުގައި ވެސް ކަސްރަތަަށް ގިނަ މީހުން އެއް ނުވާ ގޮތަށް. ޑޮކްޓަރު ވެސް ބަރާބަރަށް ކަސްރަތުކުރަން އަންގާފަ ތިބި މީހުން އެބަތިބި. އިތުރަށް ބަލި ބޮޑުވަނީ."

މަސް މާރުކޭޓު ސަރަހައްދުގައި ދޯންޏެއްގައި މަސްވެރިންތަކެއް މަޑުކޮށްލައިގެން: ދޮޅު މަހަށް ފަހު މިއަދު ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދީފައި.

ދިވެހިންގެ އާބާދީގެ ބޮޑު ބައަކީ ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ދެވި ހިފައި، ހާޓްއެޓޭކާއި ކެންސަރާއި ހަކުރު ބަލި ފަދަ ނުރައްކާތަކަށް ހުށަހެޅިފައި ތިބި ބައަކަށް ވާ އިރު، ފުރަތަމަ ދިން ލުއިތަކުގެ ތެރޭގައި ދުވުމާއި ކަސްރަތު ކުރުން ހިމެނެން ޖެހޭ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގް (މަރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުވުމާއި ކަސްރަތު ކުރުން ފިޒިކަލް ޑިސްޓެންސިންއެއްގައި ކުރެވޭނެ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި ލޮކްޑައުނަށް ލުއި ދެމުން އަންނަ އިރު އެންމެ ފުރަތަމަ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ކަސްރަތު ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. ކުދިން ވެސް ބޭރަށް ނުކުންނަން ފުރުސަތު ލިބޭ ކަން ފާހަގަކުރެއްވި އެވެ.

މަރޭގެ ވާހަކަ އަށް ތާއީދު ކުރަމުން އަބްދުﷲ ވަހީދު ކިޔާ މީހަކު ލިޔެފައިވާ ގޮތުގައި، ލޮކްޑައުންގައި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގައި ވެސް ކަސްރަތު ކުރަން ފުރުސަތު ލިބޭ ކަމަށެވެ. ވިޔަފާރި ކުރުމާއި ބޭންކިންގެ ޚިދުމަތް ފަދަ ކަންކަމާ އެއްވަރަށް، ސިއްހީ ދުޅަހެޔޮކަމަށް އިސްކަން ދިނުން މުހިއްމު ކަން އޭނާ ފާހަގަކުރި އެވެ.

ކުޑަކުދިންގެ ހައްގުތަކުގައި އަޑުއުފުލާ ލީލާ އަހްމަދުގެ ކަންބޮޑުވުމަކީ ބޭރަށް ނުކުމެލަން ގަޑިއެއްހާ އިރު ވެސް އެ ކުދިންނަށް ނުލިބުމެވެ. ކުދިން ސްކްރީނަށް ގެއްލިފައި ތިބޭ ވަގުތުތަކުގެ ބަދަލުގައި ބޭރަށް ނުކުމެ ހަރަކާތްތެރިވެލަން ފުރުސަތު ލިބުމަކީ އެ ކުދިންނަށް ކޮންމެހެން މުހިއްމު ކަމެއް ކަން އޭނާ ފާހަގަކުރި އެވެ.

ލުއި ދިނުމާ ގުޅޭ ގޮތުން މި ކަންބޮޑުވުންތައް ހުއްޓަސް ފުރަތަމަ ދެ ހަފުތާގައި ލުއި މިދިނީ، ބަލީގެ ނުރައްކާ އާއްމުންގެ ތެރޭގައި ކުޑަވަގެން ނޫން ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެތައް ދުވަހަކު ބަންދުވެ ތިބެން ޖެހުމުން، ލުއިތަކެއް މިދިނީ ވިޔަފާރިކުރުމާއި ބޭރަށް ނުކުމެ އުޅުމާއި ސިއްހީ ޚިދުމަތްތަކަށް ފަސޭހަ އިން ފުރުސަތު ލިބޭ ގޮތަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މިހާރު ހަމަޖައްސާފައި އޮތީ ހަފުތާއަކު ދެ ދުވަހު ކޮންމެ ގޭބީސީއަކުން ތިން މީހުންނަށް ފުލުހުންގެ ހުއްދައާ އެކު ބޭރަށް ނުކުމެ އުޅެވޭ ގޮތަށެވެ.

ލުއި ދިނުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވީ ފުރަތަމަ ދެ ހަފުތާގައި ކަސްރަތު ކުރަން ހުއްދަ ނުދިން ސަބަބަކީ ޖިމްތައް ބަންދުވުމާ އެކު ވަރަށް ގިނަ ބަޔަކު އެއްފަހަރާ މަގުތަކަށް ނުކުމެ ގައިދުރު ކަމެއް ނުބެހެއްޓި އެއްވެ އުޅެވޭނެތީ ކަމަށެވެ.

"މޫދު ކަސްރަތު ފަދަ އެއްވެސް ކަހަލަ އެކްސަސައިޒަކަށް މިވަގުތު އަދި އަޅުގަނޑުމެން އިތުރަކަށް ހުޅުވައެއް ނުލަން. ހުޅުވާލުމުގައި ވެސް ހުންނާނެ އަޅުގަނޑުމެން ބަލަންޖެހޭ ކަންތައްތަކެއް. އަދި ހުޅުވާލީމަ ދިމާވާނެ އިތުރު ކަންތައްތައް ވެސް،" ނަޒްލާ ވިދާޅުވި އެވެ.

"މަގުމަތީ އުޅޭ މީހުން އޭރަށް ގިނަވެފައި ގިނަ މީހުންނާ ދިމާވުމުގެ ފުރުސަތު އޮންނާނެތީ."

އިތުރު ދެ ހަފުތާގައި ލުއި ދެވޭނީ މި ދެ ހަފުތާގެ ނަތީޖާ އިންނެވެ. އޭގައި ކުޑަ ކުދިންނަށް ބޭރަށް ނުކުމެވުމާ އެކު އިތުރު ގިނަ ލުއިތަކެއް ހިމަނާފައިވެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކޮވިޑް-19 އާ ގުޅޭ ކަންކަންކަމުގައި ސަރުކާރަށް ފަންނީ ލަފޭދޭ ކޮމިޓީގެ އިސްވެރިޔާ ޑރ. އަލީ ލަތީފް ރޭ ވިދާޅުވީ ލުއި ދޭ މުއްދަތުގައި، ބައްޔަށް ސަމާލުނުވެ އުޅެފި ނަމަ ކުރިއެކޭ އެއްގޮތަށް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށެވެ. ފުރަތަމަ ދެ ހަފުތާ އަށް ލުއިދޭ އިރު ބައްޔަށް ޕޮޒިޓިވްވާ އަދަދުތަކުން ހާލަތު ވަރަށް ރަނގަޅަށް މޮނިޓަ ކުރާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ފުރަތަމަ ދެ ހަފުތާގައި ބަލާނީ ބަލި ޖެހޭ މީހުންގެ ނިސްބަތާއި ފްލޫ ކްލިނިކްތަކަށް ދާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ އަދަދުތަކާއި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވާ މިންވަރު ފަދަ ކަންކަމަށެވެ. ޑރ. އަލީ ލަތީފް ވިދާޅުވީ ލުއި ދިނުމުގައި ބަލާފައި ވާނީ ޑަބްލިއުއެޗްއޯ އިން ވެސް ކަނޑައަޅާފައިވާ މިންގަނޑުތަކަށެވެ.

"އަލުން ލޮކްޑައުން އަކަށް ދާން ނުޖެހޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން މި ބައްޔަށް މިހާތަނަށް 1،457 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ފަސް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް އެ ބަލިން ރަނގަޅުވީ 242 މީހެކެވެ. ފަރުވާގައި 1،210 މީހަކު އެބަތިއްބެވެ.

"ސްކޫލްތައް ބަންދުކުރީމަ މަސްދަތުރު ގޮސް ޕާޓީ ބާއްވާ، ކޮންޓެކްޓް ޓްރޭސިން ހެދިއިރު ބޮލަކަށް 200 މީހުންނަށް ވެފައި އޮއްވައި ވަރަށް ބުރަ މަސައްކަތް ކޮށްގެން ސިއްހީ ހިދުމަތްތެރިން މިވަނީ މިކަމުގެ މައްޗަށް ކުރި ހޯދައި ދީފައި. ދެންވެސް އޮތީ އަހަރުމެންގެ ފަރުދީ ޒިންމާ ޓެސްޓު ވާނެ މަރުހަލާއެެއް. އެ މަރުހަލާގައި ވެސް އެންމެން އެއްފަހަރާ ގެއިން ނިކުންނަން ހަދާ އަނެއްކާވެސް އެއްވެ އުޅުން އިތުރުކޮށްފި ނަމަ ކަންތައްތައް ބޮއްސުންލައިގެން ހިނގައިދާނެ. ކެތްތެރިކަން އިސްކުރަމާ!" ޝަކުވާތަކުގެ ރައްދުގައި އެކަކު ލިއެފައިވެ އެވެ.

ލޮކްޑައުން އަށް ކިޔަމަންވެ އާއްމުން ބަސް އަހައިފި އެވެ؛ ލޮކްޑައުން އަށް ލުއި ދިން ސަބަބަކީ އެ އެވެ. ދެންވެސް އޮތީ ފަރުދީ ޒިންމާ އިސްކޮށް ކެތްތެރިވެ ދެން އޮތް ދެ ހަފުތާގައި އިތުރު ލުއިތަކަކަށް އިންތިޒާރު ކުރުމެވެ.