ގާނޫނުއަސާސީ އަށް ބަދަލު ގެންނަ ބިލު ލަސްކުރެއްވި ކަމުގެ ތުހުމަތަށް ނަޝީދު ރައްދު ދެއްވައިފި

ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނުނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ލަސްކުރެއްވި ކަމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ތުހުމަތު ކުރެއްވުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ރޭ ރައްދު ދެއްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި އިސްމާއީލް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލަކީ މާޗް 31 ގައި މަޖިލީހަށް ފޮނުވާފައިވާ ބިލެއް ކަމަށާއި އެކަމަކު އެޖެންޑާ ކުރުމަށް ފަހު ބިލު އޮތީ "ގެއްލިފައި" ކަމަށެވެ. ކައުންސިލަރުންގެ ދައުރު ނިމޭ ދުވަހާ ހިސާބަށް އައުމުން ވަގުތު ނެތިގެން އެ ބިލްގެ މަސައްކަތް ނުކުރެވުނީ ރޭވުންތެރިކަމެއް ނެތީމާ ކަމަށް އޭނާ ސިފަކުރެއްވި އެވެ. މަޖިލީހުގެ ކަންތައްތައް މިހާރު ދާގޮތް އެހާ ހިތްގައިމު ނޫން ކަމަށާއި މަޖިލީހުގެ އަމާޒު ސާފުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ކުޑަތަންވެގެން މިދަނީ، ޖޫން މަހުގެ ދެވަނަ ދުވަހަކީ ކައުންސިލްގެ މުއްދަތު ހަމަވާ ދުވަސް. އެކަމަކު އަޅުގަނޑުމެންނަށް ދެ މަސް ދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނުހެދިގެން މިއުޅެނީ، މި ރޭވުންތެރިކަން އިތުރަށް ކުރިއަރާ ދާންޖެހޭ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން،" އިސްމާއީލް ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިންމަވައިލެއްވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ "މެމްބަރު ތިޔަ ހުންނެވީ ސްނޫކާ"ވެފައި ކަމަށެވެ. ތަފްސީލް ފަހުން ދެއްވަމުން ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލް ވެސް އަދި އެހެން މަސައްކަތެއް ވެސް އެމަނިކުފާނު އިންނެވި ތަނެއްގައި މަޑުޖެހިފައި ނޯންނާނެ ކަމަށެެވެ.

"ބައެއް ފަހަރަށް ސްނޫކާ ކިޔާ ކުޅިވަރެއްގައި އިއްޒަތްތެރި މެމްބަރު ތިޔަ ފާހަގަކުރައްވާ ކަންކަން ފާހަގަވީމާ އެއަށް ކިޔަނީ ސްނޫކާ ވުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ ވިދާޅުވި ކުޅިވަރުގައި ސްނޫކާ ވުމަކީ އެއްވެސް ބޯޅައެއްގައި ސީދަލަށް ޖެހޭ ފަދަ ތަނެއްގައި ބޯޅައެއް ނެތް ހާލަތަކަށް ދިއުމެވެ. ބަޔަކު ކުރާ ކަމެއްގެ ސަބަބުން މީހަކު ހާލުގައި ޖެހުމުގެ މާނައިގައި މަޖާޒީ ގޮތެއްގައި އެ ލަފްޒު ބޭނުން ކުރެ އެވެ. ނަޝީދު އެހެން ވީދާޅުވީ އިސްމާއިލް ދެއްކެވި ވާހަަކައަށް ކަމެއް ނުވަތަ މާސްކާއި އެކު އޭނާ ވާހަކަ ދެއްކެވި އުނދަގޫ ގޮތަށް އިޝާރާތް ކުރައްވައި ކަމެއް ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވާހަކަ ދައްކަވަނީ

އެކަމަކު ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވަޑައިގެންނެވުމުގެ ކުރިން އިސްމާއީލްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްްގެ ވާހަކައަށް ވެސް ރައްްދު ދެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުގައި ހުއްޓާލާފައި ބާއްވާފައި ދުވަހަކުވެސް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު އިންނަވާ ތަނެއްގައި ކަންތައްތައް މަޑުޖެހި ހުއްޓިފައި ނޯންނާނެ ކަމަށާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިހައިތަނަށް ބޭއްވެވީ ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ކަމަށެވެ.

"ފުރަތަމަ ކިއުމަށް ފަހު މަޖިލީހުގެ ގަވައިދު ތަންދޭ ހުރިހާ ހަމައެއްގެ މަތިން އަޅުގަނޑު މަސައްކަތް ކުރީ އަޅުގަނޑުމެންގެ، ތިޔަ އިއްޒަތްތެރި މެމްބަރުންގެ ލޮބުވެތި ރައްޔިތުންނަށް ދުވަސްކޮޅެއް ވާންދެން މި ބިލު ފެނިލާފައި އޮތުން،" ނަޝީދު ވިދާޅުވި އެވެ.