ގުޅީފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި "މަރުވަނީ"

ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާއެކު ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށާފައިވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ބުނެފި އެވެ.


ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ނެދަލެންޑްސްގެ ބޮސްކާލިސް އިން ވަނީ ފަށައިފަ އެވެ. ވިލިމާލެއާ ކައިރިން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދާއިރު އެކަމުގެ ސަބަބުން ވިލިމާލޭ ފަރާއި ފަޅުތެރެއަށް ވަރަށް ބޮޑަށް ކިސަޑު ފެތުރެން ވަނީ ފަށައިފަ އެވެ. އެ ކިސަޑުތައް ފަރުމައްޗަށް އެޅި މުރަކަތައް މަރުވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ބުނީ ފަރަށް ކިސަޑު އެޅޭ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

ގުޅީފަޅުގެ ބިން ހިއްކަން ފެށުމުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން-- ފޮޓޯ: ޒޫނާ ނަސީމް

ވިލިމާލޭގައި ޑައިވް ސެންޓަރެއް ހިންގާ ޑައިވަރު ޒޫނާ ނަސީމް ވިދާޅުވި ގޮތުގައި ގުޅީފަޅު ހިއްކަން ފެށުމާއެކު ވެލިގަނޑު ކެހިގެން އައިސް ވިލިމާލޭ ފަރު ހަލާކުވާން ފަށައިފި އެވެ. އަދި ގުޅީފަޅާއި މާލެއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖާއެކު އެ ފަރަށް އިތުރު ގެއްލުންތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މި ފަރާ އެކުގައި ހިމާޔަތް ކުރެވިފައިވާ މަސްހޫރު ޑައިވްސައިޓްއެއް ކަމުގައިވާ ކިކީރީފް (ހާންސް ހާސް ޕްލޭސް) ދެވަނަ ފަހަރަށް ހަލާކުވެގެން ދާނެ. ތަރައްގީ އަންނައިރު ތިމާވެއްޓާ ރައްޓެހި، ރައްޔިތުންގެ ހިތްހަމަޖެހޭ ގޮތަށް އަންނަ ނަމަ ކިހާ ފޮނިވީސް،" ޕަޑީގެ ކޯސް ޑައިރެކްޓަރުކަން ލިބުނު ފުރަތަމަ ދިވެހި އަންހެން ޑައިވަރު ޒޫނާ ސޯޝަލް މީޑިގާއި ލިޔެފައިވެ އެވެ.

View this post on Instagram

ވިލިގިލި ފަރަކީ މިސަރަހައްދުގައި އަަރެމެނައް އަގެއްނެތި އާއިލާ އާއެކު ފީނާލަން ދެވޭ ހަމައެކަނި ފަރޭ ބުންޏަސް ދޮގަކައްނުވާނެއެވެ . އަދިމިފަރަކީ ރާއްޖޭގެއެތައް ހާސް ކުދިންނެއް އެޑިއުކޭޟަން އިންހިންގި ފަރުކޮއެ ޕްރޮގްރާމް ހިންގުމައް ބޭނުންކުރެވިފައިވާ ފަރެކެވެ. މިފަރަކީ އެތައް ބަޔަކައް ޑައިވިންކޯސް ހިންގުމަށާ އެކިކަހަލަ މޫދާފަރުތަކާގުޅުންހުރި ފްރޮގްރާމް ތައް ހިންގުމައް ބޭނުންކުރާއަދިކުރެވެން އޮތް ހަމައެކަނި ފަރެވެ .... މިއަދުމިފެންނަނީ ވަރައްވެސް ހިތްދަތި މަންޒަރެކެވެ ..ތަރައްގީގެ ފިޔަވަހިތަކުގެތެރެއިން ގުޅިފަޅު ކޮންނަން ފެށިތަނެވެ ... މިކަމުގެސަބަބުން އެވެލިގަނޑު ކެހިގެން އައިސް މިފަރުހަލާކުވެގެންދާ މަންޒަރެވެ. އަދި މުސްތަގްބަލްގައި އެއަޅާބުރިޖް އެޅުމުން ދެން އިތުރައް ވާނެ ގެއްލުންހަމަ ހިތައްވެސް ނުގުނެވެއެވެ. މި ފަރާއެކުގައި ހިމާޔަތްކުރެވިފައިވާ މަސްހޫރު ޑައިވްސައިޓް އެއްކަމުގައިވާ ކިކީރީފް ( ހާންސް ހާސް ޕްލޭސް ) ދެވަނަފަހަރައް ހަލާކުވެގެން ދާނެއެވެ. ތަރައްގީއަންނައިރު ތިމާވެއްޓާރައްޓެހި ރައްޔިތުންގެ ހިތްހަމަމަ ޖެހޭ ގޮތައް އަންނަނަމަ ކިހާ ފޮނިވީސް... @epamaldives @moenvmv #stopreclaim #protectmaldivescoralreefs 📷 @sharmbye

A post shared by @ xoonti on

ޒޫނާގެ ޕޯސްޓް

ވިލިމާލޭ ފަރުގެ މުހިންމުކަން ފާހަގަ ކުރައްވައި ޒޫނާ ވިދާޅުވީ އެ ފަރަކީ މިސަރަހައްދުގައި އަގަކާނުލައި އާއިލާ އާ އެކު ފީނާލަން ދެވޭ ހަމައެކަނި ފަރު ކަމަށެވެ. އަދި އެ ފަރަކީ ރާއްޖޭގެ އެތައް ހާސް ކުދިންނަކަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގި "ފަރުކޮއެ" ޕްރޮގްރާމް ހިންގުމަށް ބޭނުންކުރި ފަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިފަރަކީ އެތައް ބަޔަކަށް ޑައިވިންކޯސް ހިންގުމަށާއި އެކި ކަހަލަ މޫދާ ފަރުތަކާ ގުޅުން ހުރި ފްރޮގްރާމްތައް ހިންގުމަށް ބޭނުންކުރާ އަދި ކުރެވެން އޮތް ހަމައެކަނި ފަރު،" ޑައިވިންގެ ދާއިރާ އިން، 2018 ވަނަ އަހަރު ގައުމީ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލް ކުރައްވައިފައިވާ ޒޫނާ ވިދާޅުވި އެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ވިލިމާލެއާ ދިމާލަށް ކިސަޑު ދާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ހިއްކުމުގެ ކުރިން އެ ސަރަހައްދުން ކިސަޑު ފެތުރުނަ ނުދިނުމަށް ހަރުކުރަން ޖެހޭ "ސިލްޓް ސްކްރީން" މިހާތަނަށް ހަރުކޮށްފައިނުވާތީ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ސްކްރީން ހަރުނުކުރެވި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

"އެހެން ގޮތްތަކެއް ވެސް ވޭތޯ ބަލަމުން އެބަދޭ. އެހެން ގޮތަކުން ވެސް ހައްލު ނުވެއްޖެއްޔާ ޖެހޭނީ ހިއްކުން ހުއްޓުވަން. ނަމަވެސް އަދި މި ބަލަނީ އެކަން ހައްލު ކުރެވޭތޯ. އެހެންވެ ވަގުތު ދީގެން މިތިބީ،" އިބްރާހިމް ވިދާޅުވި އެވެ.

ގުޅީފަޅުގެ ބިން ހިއްކަން ފެށުން: ވިލިމާލެ ފަރަށް ގެއްލުން ލިބޭތީ އީޕީއޭ އިން އަންނަނީ އެކަން ބަލަމުން-- ފޮޓޯ: ޒޫނާ ނަސީމް

އިބްރާހިމް ވިދާޅުވިގޮތުގައި މިހާރު ކިސަޑު ގޮސްފައިވާ ވަރަށް ބަލާއިރު ވެސް ވިލިމާލެ ފަރަށް ގެއްލުންތަކެއް ލިބުން އެކަށީގެންނެވެ އެވެ. ނަމަވެސް ގެއްލުމުގެ ތަފްސީލްތައް އެނގޭނީ އިތުރަށް ދިރާސާ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު މޮނީޓާ ކުރަމުން މިދަނީ، ފަރަށް ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލް އަދި ނުލިބޭ،" އިބްރާހިމް ވިދާޅުވި އެވެ.

މިފަހުން ރާއްޖޭގައި ހިންގާ މިފަދަ ތަރައްގީގެ މަޝްރޫތަކުގެ ސަބަބުން ފަރުތަކާއި ފަޅުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.