ފަރުވާ ލަސްވެގެން ތިން ކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

ފަރުވާ ދިނުން ލަސްވެ ދާދި ފަހުން ތިން ކުއްޖަކު މަރުވި މައްސަލަ ބަލައިދޭން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.


އއ. ތޮއްޑޫގައި މާބަނޑު މީހަކު ރަށުން ފުރުމުގެ ހުއްދަ ލިބުން ލަސްވެ، ބަނޑަށް ދަރިފުޅު މަރުވި މައްސަލަ އަކާއި ށ. ނަރުދޫގައި މާބަނޑު މީހަކު ވިހަން ށ. ފުނަދޫ ހޮސްޕިޓަލަށް ގެންދަން ހުއްދަ ނުލިބި އެންމެ ފަހުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، ވިހެއިރު ކުއްޖާ މަރުވެފައި އޮތް މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ހަތަރު މަހުގެ ކުއްޖަކު މަރުވުމުގައި ވެސް، އެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.

އެހެންވެ، އެ މައްސަލަތައް ބަލައިދޭން އެދި މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނަައިބު ރައީސް އަހުމަދު ޝިޔާމެވެ.

އޭޑީކޭއަށް ގެެންދިޔަ ހަތަރު މަހުގެ ކުއްޖާ މަރުވުމުގައި އިހުމާލު އޮތް ކަމަށް އާއިލާއިން ކުރާ ތުހުމަތުތައް އެ ހޮސްޕިޓަލުން ދޮގު ކުރެ އެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ އެ ކުއްޖާ މަރުވީ ދޭންޖެހޭ ފަރުވާތައް ދެމުން ދަނިކޮށް ކަމަށާއި އެކަމަކު ކަން ހިނގި އިތުރަށް ބަލަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. ނަމަވެސް އާއިލާއިން ބުނެފައިވަނީ އެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވި ކަމަށް ޑޮކްޓަރުން ކުރިން އެއްބަސް ވެފައިވާ ކަމަށެވެ.