ސިފައިންނަށް އިތުބާރާއި އިހްތިރާމް ހޯދައިދޭން ރައީސް ވެވަޑައިގެން ވައުދު ފުދިއްޖެ: މިނިސްޓަރު

ދިވެހި ސިފައިންނަށް އިތުބާރާއި އިހްތިރާމް ހޯއްދަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދައި ދެއްވައިފި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސިފައިންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް އެމްއެންޑީއެފްގެ މީޑިއާއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ޓްވީޓް ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމުގެ ވައުދު ވެވަޑައިގެންނެވި ކަމަށެވެ.

"މިއަދު އެމްއެންޑީއެފްއާ ގުޅޭ ގޮތުން ރައްޔިތުން ހިއްސާކުރާ އިހުސާސްތަކުން ރައީސްގެ މި ވައުދު ފުދިއްޖެ ކަމަށް ގަބޫލް ކުރެވޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ކުރެއްވި ޓްވީޓް

ކޮވިޑް-19އާ ދެކޮޅަށް ކުރާ ހުރިހާ މަސައްކަތެއްގައިހެން އިސްކޮށް ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ކަރަންޓީން ފެސިލިޓީތައް ވެސް ބަލަހައްޓަމުން އަންނަނީ ސިފައިންނެވެ. އަދި ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނަށް ހިދުމަތް ދިނުމަށް ވެސް ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ވެސް އިސްކޮށް އުޅުނީ ސިފައިންނެވެ. އެ ފެސިލިޓީގައި މަސައްކަތް ކުރި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ފެސިލިޓީގެ ތެރޭގައި ލޮކްޑައުންވެ ތިބެ މަސައްކަތްކޮށް އެތަން ނިންމައި މިހާރު ވަނީ އައިޖީއެމްއެޗާ ހަވާލުކޮށްފަ އެވެ.

ކޮވިޑް-19 އަށް 40 އަށް ވުރެ ގިނަ ސިފައިން ޕޮޒިޓިވްވެ ސިފައިންގެ ގިނަ ބަޔަކު ވަނީ ކަރަންޓީނު ވެސް ކުރަން ޖެހިފަ އެވެ. އެ ހުރިހާ ގޮންޖެހުމަކާއެކު ވެސް ސިފައިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އާންމުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސިފައިންނަށް ތައުރީފް ކުރަމުންނެވެ.