ހަފުތާއަކު އެއްފަހަރު ނުކުމެވޭ ގޮތަށް ފާސް ދެވުނީ ސިސްޓަމްގެ މައްސަލައަކުން: ޕޮލިސް

ލޮކްޑައުނަށް ލުއިތަކެއް ދީފައިވާ ކަން އިއުލާންކުރުމަށް ފަހު، ވިޔަފާރިކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށް ކަނޑައަޅައި ބައެއް މީހުންނަށް ފާސް ދޫކުރެވުނީ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ފުލުހުން ބުނީ އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. ކުރިން ވެސް ނިންމާފައިވާ ގޮތަށް ކޮންމެ ގޭބީސީއަކުން ތިން މީހަކަށް ހަފުތާއަކު ދެ ދުވަހު، ދެ ގަޑިއިރަށް ބޭރަށް ދިއުމުގެ ހުއްދަ މިހާރު ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

އޮންލައިން ޕޯޓަލް އަށް މައްސަލަ އަށް ދިމާވީ ކަމަށް ފުލުހުން މިހާރު ބުނާއިރު، އެޗްޕީއޭއިން ގެނައި ބަދަލަށް ފަހު ވެސް އެއް ދުވަހަށް ފާސް ދޭތީ އެކަމާ ގުޅިގެން "މިހާރު"ން މިއަދު ސުވާލުކުރުމުން ފުލުހުން ބުނީ އެއް ދުވަހަށް ފާސްދިނުމަކީ އުސޫލުގައި އޮންނަ ގޮތް ކަމަށެވެ. ގޭބިސީއަކުން ތިން މީހަކަށް އެކި ދުވަހަށް ހުއްދަ ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިދީ، އަމަލުކުރާ ގޮތުގެ ޑޮކިއުމަންޓްތަކާއި އެކަމާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި ވެސް ބުނެފައި ވަނީ ކޮންމެ ގޭބިސީއަކުން ތިން މީހަކަށް، ހަފުތާއަކު ދެ ފަހަރު، ދެ ގަޑިއިރު ބޭރުގައި އުޅެން ހުއްދަ ލިބޭނެ ކަމަށެވެ. ކުރިން ދެނީ ގޭބީސީއަކުން އެކަކަށް ހަފުތާއަކު އެއް ގަޑިއިރުގެ ހުއްދައެކެވެ.

މިއާހިލާފަށް ފުލުހުން ދެއްކި ވާހަކަތައް ތަފްސީލްކޮށްދޭން މިއަދު ޓުވީޓެއް ވެސް ކުރި އެވެ. އަލީ އާއި އައިޝާގެ މިސާލު ދައްކައި ފުލުހުން ބުނެފައި ވަނީ ގެއަކުން ތިން މީހުނަށް ފާސް ލިބޭނީ ކޮންމެ މީހަކަށް އެއް ދުވަހަށް ކަމަށެވެ.

"މިސާލަކަށް: އަލީ އަކަށް ދެ ދުވަހެއް ނުލިބޭނެ، ކޮންމެ މީހަކަށް ވެސް ލިބޭނީ އެއް ދުވަހު ދެ ގަޑި އިރު، ދެން އަލީ އައިޝާ އަދި ފާތުމަތު އެއް ގެއެއްގަ އުޅުނީމަ އެ ގެއަށް ހަފްތާއަކު ހަ ގަޑިއިރު ލިބޭނެ" ފުލުހުންގެ ޓުވީޓުގައި މިސާލެއްގެ ގޮތުގައި ބުނެފައި ވެއެވެ.

ފުލުހުން ކުރިން ކުރި ޓުވީޓެއް.

ނަމަވެސް އެއް ދުވަހަށް ހުއްދަ ދޫކުރެވުނީ ޕޯޓަލް އެރާ އަކުން ކަމަށް ބުނެ ފުލުހުން މިހާރު ވަނި މި ޓުވީޓުތައް ރިމޫވްކޮށްފަ އެވެ.

މާލެއިން ކޮވިޑް-19 ފެނުމާ އެކު ލޮކްޑައުން އިއުލާންކުރުމަށް ފަހު ކޮންމެ ގޭބީސީއަކުން އެކަކަށް ހަފުތާއަކު ދެ ދުވަހު އެއް ގަޑި އިރަށް ވިޔަފާރި ކުރުމުގެ ފާސްތައް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް ފަހުން ބަދަލު ގެނެސް އެއް ދުވަހު އެއް ގަޑިއިރަށް ނިކުމެވޭ ގޮތަށް ހެދީ ބަލީގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވިގެންނެވެ. ލޮކްޑައުންއަށް ގެނައި ލުއިތަކާ އެކު ކޮންމެ ގޭބީސީއަކުން ތިން މީހުންނަށް މިހާރު ނުކުމެވޭނެ އެވެ.