އުމުރުން 92 އަހަރުގެ މީހަކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 92 އަހަރުގެ މީހަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.


އެ އެޖެންސީ ކުރި ޓްވީޓެއްގައި ބުނީ ރޭ 9:00 އާ ހަމައަށް އިތުރު 34 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 92 އަހަރުގެ ދިވެހި ފިރިހެނަކު ހިމެނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު އެންމެ ދުވަސްވީ މީހާ އެވެ.

ރާއްޖެ އިން މީގެ ކުރިން ކޮވިޑް-19 ޖެހުނު އެންމެ ދުވަސްވީ މީހާއަކީ އުމުރަކީ 89 އަހަރުގެ އަންހެނެކެވެ.

އެންމެ ފަހުން ބަލި ޖެހުނު މީހުންގެ ތެރޭގައި ހަތް މަހުގެ ދިވެހި ފިރިހެން ކުއްޖެއް ވެސް ހިމެނެ އެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާއަކީ 11 ދުވަހުގެ ފިރިހެން ކުއްޖެކެވެ.

އެޗްޕީއޭއިން ބުނީ އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،547 އަށް އަރާފައިވާއިރު އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ.

ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ 17 މީހަކަށް ބަލިޖެހިފައި ވެ އެވެ. އެއީ 71 އަހަރުން މަތީގެ މީހުންނެވެ. އެ ބަލީގައި ރާއްޖެއިން މަރުވި ފަސް މީހުންގެ ތެރެއިން ތިން މީހުންނަކީ 80 އަހަރުން މަތީގެ ތިން ދިވެހިންނެވެ.