ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލާއިރު އިތުރު ފީއެއް ނުނަގާނަން: ސަރުކާރު

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިސްޓުން އައުން ހުއްޓުމަކަށް ގެނައުމަށް ފަހު ޖުލައި މަހު އަލުން ފަށާއިރު އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވާން އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖުލައި މަހު ރާއްްޖެ ހުޅުވައިލާއިރު "ޓޫރިސްޓުން އަތުން އިތުރު ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަންދޭ" ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ ހަލުވިކަމާ އެކު މުޅި ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމުން މިދިޔަ މާޗް މަހުގެ 27 ގަ އެވެ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ ޖުލައިމަހު ބޯޑަރު ހުޅުވައިލާނެކަން ރައީަސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރިން އިއުލާނުކުރައްވައިފަ އެވެ.

އެކަމަކު ފުރަތަމަ އަންނަން ފަށާ ޓޫރިސްްޓުން އަތުން ބޮޑެތި ފީތަކެއް ނަގަން ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ހުށަހެޅި އެވެ. މިދިޔަ މަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި ގައިޑްލައިންގައި އޮތީ ފުރަތަމަ ގެންނާނީ ހާއްސަ ހުއްދައެއްގެ ދަށުން އަންނަ ޓޫރިސްޓުން ކަމަށާއި އެގޮތުން އަންނަ ޓޫރިސްޓުން އަމިއްލަ ޖެޓްތަކުގައި އަންނަ ނަމަ ޖެޓަކަށް 50،000 ޑޮލަރުގެ ރޭޓުން ފީއެއް ނަގާނެ ކަމަށެވެ. ޓޫރިސްޓުން ކޮވިޑަށް ޓެސްޓްކުރަން ބޮލަކަށް 100 ޑޮލަރު ނަގަން ވެސް އެ އުސޫލުގައި ހިމެނި އެވެ.

އެކަމަކު ފަހުން އިންޑަަސްޓްރީގެ އިސް ފަރާތްތަކުގެ ކަންބޮޑުވުންތަކާ އެކު ކުރި މަޝްވަރާތަކަށް ފަހު ނިންމީ އިތުރު އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ.

ކޮވިޑް-19 ފެތުރޭތީ، ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި ބޯޑަރު ބަންދުކުރީ މާޗް 27 ވަނަ ދުވަހުން ފެށިގެންނެވެ. އެއާ އެކު ޓޫރިޒަމް އިންޑަސްޓްރީ މުޅިން ހުއްޓުމަކަށް އައުމުން ރާއްޖޭގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ޖުލައިމަހު ރާއްޖެ އަށް ޓޫރިސްޓުން އަންނަން ފަށާއިރު ރައްކާތެރިކަމުގެ ގޮތުން އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެއަށް އެތެރެވާ ހިސާބުން ކޮވިޑަށް ޓެސްޓްްކުރަން ސާމްޕަލް ނަގައި، ނަތީޖާ ލިބެންދެން ކޮޓަރިތަކުގައި އައިސޮލޭަޓްކޮށްފައި ބައިތިއްބަން އެ އުސޫލުގައި ވެ އެވެ.