އެންމެން ރަނގަޅުވެ، ނަރުދުއަށް އުފާވެރިކަން، އެކަމަކު ޖެހުނީ "ލައްގަނޑެއް"!

މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު، ނުރައްކާތެރި ކޮވިޑް-19އަށް ޕޮޒިޓިވްވީ ށ. ނަރުދޫންނެވެ. މާލެ ލޮކްޑައުން ކުރި ދުވަހު، ގިނަ ބަޔަކާ އެކު ވެރިރަށުން ފުރި ނަރުދޫ ބޯޓުގެ ކެޕްޓަނަށް ރަށަށް ދެވުނީ ބައްޔާ އެކު އެވެ. އޭނާގެ އާއިލާގެ ހަ މީހަކާއި އިތުރު ފަސް މީހަކު ވަނީ އެ ރަށުން ޕޮޒިޓިވްވެފަ އެވެ. އެއާއެކު، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، މީހުން ގެއިން ބޭރަށް ނިކުތުމާއި ރަށަށް އަރައި ފޭބުން މަނާކުރި އެވެ.


އެކަމަކު ގާތްގަނޑަކަށް ދޮޅު މަހަށް ފަހު އިއްޔެ އަލުން ނަރުދޫ ހުޅުވާލީ ރަށުން ބަލިޖެހުނު އެންމެން ރަނގަޅުވުމުންނެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ މީގެ ހަފުތާއެއް ކުރިން ރަނގަޅުވެފައިވާއިރު، ބާކީ ތިބި މީހުން ވެސް ބަލި ނެތްކަން ޔަގީންވުމުން މިއަދު ރަށަށް ދާނެ އެވެ. މިއީ ނަރުދުއަށް އުފާވެރި ދުވަހެކެވެ. އެކަމަކު ކައުންސިލަރު އަހުމަދު އާރިފް ސިފަ ކުރައްވާ ގޮތުގައި ކޮވިޑް-19 ގައި ބަޔަކު ބަލިވުމުން އެ ރަށުގައި ޖެހުނީ ކަޅު ލައްގަނޑެކެވެ.

"ނަރުދޫން ޕޮޒިޓިވްވި މީހުން ރަނގަޅުވީމައި އަޅުގަނޑުމެން އުފާކުރަން. އެކަމަށް ޝުކުރު ކުރަން" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ދަންނަވަންތޯ، މި ބަލީގެ ސަބަބުން އަޅުގަނޑުމެންގެ ގައިގާ ލައްގަނޑެއް ޖެހިއްޖެ،"

ނަރުދުއަށް ކާއެއްޗެހި ބާލަނީ: އެ ރަށުން ބަލިވި އެންމެން މިހާރު ވަނީ ރަނގަޅުވެފައި

އާރިފް ވިދާޅުވި ގޮތުގައި ބަލިން އެންމެން ރަނގަޅުވެ، ރަށް ހުޅުވާލި ނަމަވެސް އަދިވެސް ބައެއް މީހުން އެ ރަށުގެ މީހުން ސިފަ ކުރަނީ ބަލި ބައެއްގެ ގޮތުގަ އެވެ. ރަށް ނޫން އެހެން ތަނަކުން ވެސް ނަރުދޫ މީހެއް ފެނިއްޖެ ނަމަ، އެއީ "ކޮވިޑް ރަށުގެ މީހެއް" ކަމާއި ނުރައްކާތެރި ބައެއް ކަމަށް ދެކެ އެވެ. އަދި ރަށާ މެދު ބައެއް މީހުން ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރުދޫން ބަޔަކު ޕޮޒިޓިވްވުމާއެކު ފެށުނު އެ ތަފާތު ކުރުންތައް އަދިވެސް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ދެރަވޭ މިކަމާ. ކިހިނެއްތޯ އަޅުގަނޑުމެން މި ލައްގަނޑު ފިލުވާލާނީ؟" ވަރަށް މާޔޫސްވެ އޭނާ ވިދާޅުވި އެވެ.

ދެން ވެސް އޭނާ ކުރެއްވީ ހަމަ މި ފަދަ ސުވާލުތަކެކެވެ. ކޮވިޑް-19 ނެތް ރަށެއްގެ ގޮތުގައި މިހާރު އޮތް ނަމަވެސް، އެކަން މީހުންނަށް ޔަގީންކޮށްދޭނީ ކިހިނެއްތޯ އެވެ؟ މީހުން އަބަދު ވެސް ނަރުދޫއާ މެދު ދެކެނީ ބަލީގެ ނުރައްކާ އޮތް ރަށަކާ މެދުތޯ އެވެ؟ މީހުންގެ މި ވިސްނުން، ކިހާ ދުވަހަކަށް ދެމިގެންދާނެތޯއޭ ވެސް އެއްސެވި އެވެ.

ބަލީގެ ފުރަތަމަ މީހާ ފެނުމާއެކު، މޮނިޓަރިންގެ ހާލަތަށް ބަދަލު ކުރި ނަރުދޫ ރައްޔިތުން ވޭތުވެދިޔަ ދޮޅު މަހު އުޅުނީ އުނދަގޫ ދިރިއުޅުމެކެވެ. ދަނޑުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެފައި އޮތް އެ ރަށުގައި މީހުން އާމްދަނީ ހޯދަން ކުރި މަސައްކަތްތައް މެދުކެނޑުނެވެ. އެންމެންގެ ރައްކާތެރިކަމަށް ތިބެން ޖެހުނީ ގޭގަ އެވެ.

ކައުންސިލުން ބުނިގޮތުގައި މޮނިޓަރިންގެ ހާލަތުގައި ރަށުގެ އެންމެންގެ ވެސް ފަރާތުން ފެނުނީ ކެތްތެރިކަމާއި ކިޔަމަންތެރިކަމެވެ. ރަށު ތެރޭގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އެންމެން ވެސް އެއްބާރުލާފައިވާ ކަމަށް ބުންޏެވެ.

ނަރުދޫ ރައްޔިތުންނަށް އެ އަތޮޅު ރައްޔިތުން ވަރަށް ބޮޑަށް އެހީވި އެވެ. ރޯމަހާއި ކާޑާއި މޭވާ އާއި ތަރުކާރީގެ އިތުރުން ފެން ރަށަށް ފޮނުވި އެވެ. އެ ރަށުގެ މީހުން އެކަން ބަލައިގަތީ ޝުކުރުވެރިކަމާއެކު އެވެ.

މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް އިތުރު ދެ ހަފުތާ ވަންދެން އެ ރަށުގެ މީހުން ތިބެން ޖެހޭނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. މިސްކިތުގައި ޖަމާއަތުގައި އަދި ނަމާދެއް ނުކުރެ އެވެ. ގެއިން ބޭރަށް ނިކުމެވެނީ ވެސް ކައުންސިލުން ދޫކޮށްފައިވާ ކާޑެއް ހިފައިގެންނެވެ. އެކަމަކު އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ނިކުމެވުމަކީ އެމީހުންނަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. އުއްމީދަކީ ނަރުދުއާ މެދު ބައެއް މީހުން ދެކޭ ގޮތް ބަދަލުވުމެވެ. ބަލިން ފުރިހަމަ ޝިފާއެއް ލިބުނީ ކަމަށް އެ މީހުންނަށް ގަބޫލު ކުރެވޭނީ އޭރުންނެވެ.