އިތުރު 101 މީހަކު ޕޮޒިޓިވްވެއްޖެ، ގިނައީ ކުރީގެ ކޭސްތަކާ ގުޅުން ހުރި މީހުން

އިއްޔެ އިރު އޮއްސި 6:00 އިން މިއަދުގެ 6:00 އަށް 101 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކަމަކު މީގެ ތެރޭގައި ގިނައީ ކުރީގެ ކްލަސްޓާތަކާ ގުޅުން ހުރި ކޮންޓެއިންމަންޓް ސައިޓްތަކުގައި އުޅޭ ބިދޭސީން ކަމަށް އެންއީއޯސީ އިން މިރޭ ބުނެފި އެވެ.


މި އަދަދާ އެކު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،773 އަށް އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި 101 މީހުންގެ ތެރެއިން 71 މީހުންނަނީ ބަންގްލަދޭޝް މީހުންނެވެ. އަދި އޭގެ ތެރޭގައި އިންޑިއާގެ 21 މީހުންނާއި 8 ދިވެހިން ހިމެނޭ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ކުރަމުން އަންނަނީ 1،313 މީހުންނަށް ކަމަށެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު މިހާރު 453 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހުން ޕޮޒިޓިވް ވެފައިވަނީ ބިދޭސީންގެ ކޮންޓެއިންމަންޓް ސައިޓްތަކުންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 ބިދޭސީންނަކީ އެކި ކްލަސްޓާތަކާ ގުޅިގެން ޕޮޒިޓިވްވި މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަތް ދިވެހިން ޕޮޒިޓިވްވި އިރު އޭގެ ތެރެއިން ހަ މީހުންނަކީ އެކި ކުލަސްޓާތަކާ ގުޅުން އޮތް މީހުން ކަމަށާއި އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް އިތުރު ދިވެއްސަކު ހިމެނޭ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ބިދޭސީއަކު ވެސް ހިމެނެ އެވެ.

މިއީ އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމާ ގުޅިގެން އިތުރުވި އިތުރުވުމެއް ކަމަކަށް ނުބެލެވޭ. 79 ނަގައިފައި ބަލައިފި ނަމަ ދެން މިހިރީ ކްލަސްޓާތަކުގެ ތެރެއިން 19 އަދި އިތުރު ކްލަސްތާއަކުން އެކެއް. އިންޑެޕެންޑެންޓް ދެ ކޭސް ފެނިފައި މިވަނީ. އެހެންވީމާ އެގޮތަށް ބަލާއިރު މިއީ ޓިިޕިކަލްކޮށް އައި އިންސްކްރީޒެއް: ޑރ. އަފްޒަލް

މަބްރޫކް ވިދާޅުވީ މިހާރު ތިން ކްލިނިކަކުން ޓެސްޓްތައް ކުރަމުން އަންނަ ކަމަށާއި އެހެންވެ މައުލޫމާތު އެއްކޮށް ހާމަކުރުމަށް މީގެ ފަހުން ބަލާނީ ކޮންމެ ދުވަހެއްގެ 6:00 އިން އަނެއް ދުވަހުގެ 6:00 އަށް ނަތީޖާ ލިބޭ ކޭސްތައް ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ އިތުރުވުމަކީ ލޮކްޑައުން އަށް ލުއި ދިނުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. މިރޭ ހާމަކުރި މައުލޫމާތަށް ބަލާއިރު އަލަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ގިނައިން ހުރީ މީގެ ކުރިން ފެނުނު، ބިދޭސީން ދިރިއުޅޭ ތަންތަނުން ފެނުނު ކޭސްތަކާއި އެކި ކްލަސްޓާތަކާ ގުޅުން ހުރި މީހުންނެވެ. އާ ކޭސްތަކުގެ ތެރޭގައި ދިވެހިންގެ އަދަދަކީ އަށެކެވެ.

"މިއީ އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމާ ގުޅިގެން އިތުރުވި އިތުރުވުމެއް ކަމަކަށް ނުބެލެވޭ. 79 ނަގައިފައި ބަލައިފި ނަމަ ދެން މިހިރީ ކްލަސްޓާތަކުގެ ތެރެއިން 19 އަދި އިތުރު ކްލަސްތާއަކުން އެކެއް. އިންޑެޕެންޑެންޓް ދެ ކޭސް ފެނިފައި މިވަނީ. އެހެންވީމާ އެގޮތަށް ބަލާއިރު މިއީ ޓިިޕިކަލްކޮށް އައި އިންސްކްރީޒެއް،" އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބޮޑެތި ކްލަސްޓާ ތަކާއި ކުދި ކްލަސްޓާތަކަށްވެސް މާބޮޑު އިތުރުވުމެއް ނާންނަ ކަމަށެވެ.

ފެނިފައިވާ ކޭސްތަކާއި ހެދި ޓެސްޓްތަކުން ޕޮޒިޓިވްވި ކޭސްތަކުގެ ޕަސެންޓް އަޅާކިޔުއްވަމުން ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ޕޮޒިޓިވް ކޭސްތަކުގެ ނިސްބަތް ކުރިން 5-7 ޕަސެންޓް ވަރުގައި ހުރުމަށް ފަހު މި ކޭސްތަކުގައި 14 ޕަސެންޓަށް އެރި ކަމަށެވެ.

މިއީ ކުރިން ލަފާކުރި ގޮތަށް ރާއްޖޭގައި ބަލީގެ ޕީކަށް ދާނެ ކަމަށް ބެލެވުނު ދުވަސް ކަމަށް ވާއިރު އިތުރަށް ފެނުނު ކޭސްތަކާ މިކަމާ ހުރީ ކޮން ގުޅުމެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލީގެ ސާޖެއް އުޅޭ ކަމަށް އެއްވެސް އިންޑިކޭޓާއަކުން ނުދައްކާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ރޯގާ އަދި ނޭވާލާ ނިޒާމުގެ އެހެން ބަލިތައް އިތުވާކަން ފާހަގަނުވުމަށެވެ. އަފްޒަލް ވިދާޅުވީ އާ ކޭސްތަކުގެ ތެރެއިން 79 މީހުންނަކީ އެއްތަނެއްގައި އުޅޭ މީހުން ކަމަށް ވާއިރު މިއީ ސާޖެއްގެ ނިޝާނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.