ސިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަނީ

ސިިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ނުވަތަ ބަޔާން ބަދަލުކުރާ އުސޫލުން ކުރިއަށް ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލު އެ ކޯޓުން އާންމުކޮށްފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޝަރީއަތްތައް މެދުކެނޑިފައި އޮތުމަށް ފަހު ކޯޓުތަކުން މިހާރު ގެެންދަނީ އޮންލައިންކޮށް ޝަރީއަތްތައް ބާއްވަމުންނެވެ. ކޯޓަށް މީހުން ހާޒިރު ކުރުމެއް ނެތި އޮންލައިންކޮށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް މި ހަފުތާގައި ވަނީ ޝަރީއަތެއް ބާއްވައިފަ އެވެ.

ސިވިލް ކޯޓުން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ވަޓްސްއެޕާއި ވައިބާގެ އިތުރުން މައިކްރޮސޮފްޓް އޮފީސް ޓީމްސް އަދި ސްކައިޕް މެދުވެރިކޮށް ވެސް ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ބަޔާންތައް ބަދަލު ކޮށްގެން ވެސް އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ އެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ބާއްވާ ޑިސްޕިއުޓް ރިޒޮލިއުޝަންގެ އަޑުއެހުންތައް އާންމު އުސޫލު ކުރިއަށް ގެންދެވޭނީ އޮންލައިންކޮށް ކަމަށް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާއިރު ކޯޓު އަމުރުގައިވާ ގަޑިއަށް އޮންލައިން ޕްލެޓް ފޯމަށް ލޮގިންވުމުން ޝަރީއަތަށް އެ މީހަކު ހާޒިރުވީ ކަމަށް ބެލެވޭނެ އެވެ. އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި އަޑާއި މަންޒަރު ރަނގަޅަށް ސާފުވާ ކަން ކަށަވަރު ކުރުމުގެ އިތުރުން މައްސަލާގައި ހިމެނޭ ފަރާތްތަކުން ތިބީ އެކަށީގެންވާ ހެދުމެއްގައި ކަން ކޯޓުން ކަށަވަރު ކުރާނެ ކަމަށާއި އަދި އަމުރުގައިވާ ގަޑިއަށް ހާޒިރު ނުވެއްޖެ ނަމަ، ފިޔަވަޅު އެޅޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ބަޔާން ބަދަލުކުރާ އުސޫލު ޝަރީއަތްތައް ހިންގާނީ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ބަޔާންތައް ދެ ފަރާތުން ބަދަލު ކުރުމުގެ މަރުހަލާ ނިމުމުން އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހުކުމް ކުރާ ގޮތަށެވެ. އެ މަރުހަލާގެ ތެރޭގައި ވެސް އޮންލައިންކޮށް އަޑުއެހުމެއް ބޭއްވިދާނެ ކަމަށާއި އެކަމަކު ހެކިންނާއި އެކްސްޕާޓުންގެ ބަސް ކޯޓުން ހޯދާނީ ހާލަތަށް ބެލުމަށް ފަހު ކޯޓަށް ހާޒިރު ކޮށްގެން ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ހުކުމް ތަންފީޒު ޑިވިޝަންގެ ހުރިހާ މައްސަލަތައް ވެސް އާންމު އުސޫލުން ގެންދާނީ އޮންލައިންކޮށް ކަމަށް އެ އުސޫލުގައިވެ އެވެ.

އަޑުއެހުންތައް ނިމުމުން ހުކުމް ކުރުމަށް ފަހު އީމެއިލް މެދުވެރިކޮށް ދެ ފަރާތަށް ހުކުމް ފޮނުވަން ޖެހޭނެ ކަމަށާއި އެކަމަކު މިހާރު އަޑުއެހުންތައް ނިމިފައި ހުރި މައްސަލަތަކުގައި އޮންލައިންކޮށް އަޑުއެހުމެއް ބޭއްވުމެއް ނެތި ވެސް ހުކުމް އިއްވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާއި ލިޔުންތައް ވެސް އީމެއިލް ނުވަތަ އޮންލައިންކޮށް ފޮނުވުމުގެ އިތުރުން އެގޮތަށް މައްސަލަތައް ވެސް ހުށަހެޅޭނެ ކަމަށް އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔަޔަސް، ޝަރީއަތުގެ ނިޒާމާ ޚިލާފްވާ އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އެގޮތުން އޮންލައިންކޮށް އަޑުއެހުން ކުރިއަށް ދަނިކޮށް އެތަނަށް އިތުރު މީހަކު ވެއްދުމާއި ޝަރީއަތް ރެކޯޑް ކުރުން މަނާ ކުރުމުގެ އިތުރުން ހުއްދަ ހޯދައިގެން ވާހަކަ ދެއްކުމާއި އޮންލައިން ޕްލެޓް ފޯމަށް ކޯޓުން ހުުއްދަ ނުދޭ މީހަކު ވެއްދުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އަޑުއެހުމުގައި ބައިވެރިވާން ޖެހޭނީ އެކަށީގެންވާ ހެދުމެއްގައި ހުރެގެން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށް ދާއިރު، މީޑިއާތަކަށް ޝަރީއަތުގައި ބައިވެރިިވުމުގެ ފުރުސަތު އެ އުސޫލު އޮތްގޮތުން ލިބޭނެ އެވެ. އާންމުކޮށް ހުޅުވާލާފައިވާ އަޑުއެހުމެއްގައި ބައިވެރިވާން މީޑިއާތަކުން ކޯޓުގައި އެދުމުން އެ އަޑުއެހުމެއްގައި ބައިވެރިވުމަށް ލޮގިންވުުމުގެ ފުރުސަތު އެ މީޑިއާއަކަށް ދިނަސް، އެ ޝަރީއަތް ރެކޯޑްކޮށް އަދި ބްރޯޑްކާސްޓް ކުރެވޭނީ ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އެ އުސޫލުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމައި، އަދި ޝަރީއަތްތައް ލައިވްކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ.