އެންމެ ރަނގަޅު އަގު ހުށަހެޅި މީޑިއާތައް "މޯލްޑިވިއަން އަައިޑަލް" އިން ބާކީކޮށްފި

ޕީއެސްއެމްގެ "މޯލްޑިވިއަން އައިޑަލް" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހުޅުވާލުމުން، އެންމެ ރަނގަޅު އަގު ހުށަހެޅި "މިހާރު" އާއި "ސަން"ގެ ބަދަލުގައި، އެކްސްޕޯޝާ ވެލިއު އެންމެ ކުޑަކޮށް އޮތް "އަވަސް" ހޮވައިފި އެވެ.


ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު، ސީއީއޯގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ "އަވަސް" އަށް "މޯލްޑިވިއަން އައިޑަލް"ގެ ދެ ވަނަ ސީޒަންގެ މީޑިއާ ޕާޓްނަރުކަން މިދިނީ، ބޮޑެތި ސުވާލުތައް އުފެދޭ ގޮތަށް ފުރަތަމަ ސީޒަންގެ އޮންލައިން ޕާޓްނަރުކަން ވެސް ދީފައި އޮއްވަ އެވެ.

މި ފަހަރުގެ މޯލްޑިވިއަަން އައިޑަލްގެ މީޑިއާ ޕާޓްނަރުކަން ހޮވަން ޕީއެސްއެމް އިން ކަނޑައެޅި މާކްސް ދޭ އުސޫލުގައި 60 ޕަސެންޓް މާކްސް ލިބޭނީ، "ހުށަހަޅާ ޕްރޮޕޯސަލްގެ އަގު (ޕްރޮޕޯސަލްގެ ވެލިއު)" އަށް ކަމަށް ބުނެފައިވެ އެވެ. އެއީ މާކެޓް ރޭޓުން އެންމެ ބޮޑު ޑިސްކައުންޓް އަގެއްގައި ހުށަހަޅާ އެންމެ ރަނގަޅު ހުށަހެޅުމެކެވެ.

އިސްތިހާރު ވިއްކާ އަގާއި، ހަތް މަސް ދުވަހުގެ ތެރޭގައި ދޭ ކަވަރޭޖްގައި ތައްޔާރުކުރާ ލިއުންތަކާއި، އެކަމަށް މާލީ ގޮތުން ހޭދަވާ މިންވަރާއި، މޯލްޑިވިއަަން އައިޑަލް އަށް ހާއްސަކޮށްގެން ހަދަން ޖެހޭ ޕޭޖާއި، އަދި ޗާޕް ސަފުހާތަކަށް ބަލާއިރު، "މިހާރު"ން ހުށަހެޅީ 5.6 މިލިއަން ރުފިޔާގެ އަގުހުރި ހިލޭ ޕެކޭޖެކެވެ. ކަވަރޭޖާއި އެކްސްޕޯޝާގެ އަގު ދެން އެންމެ ރަނގަޅީ 901،250ރ. ހުށަހެޅި "ސަން"ގެ އެވެ. "އަވަސް" އިން ދޭން ހުށަހެޅި އެކްސްޕޯޝާގެ އަގަކީ އެންމެ 139،993ރ. އެވެ.

މިއިން އެއްވެސް އަގަކީ، ޕީއެސްއެމް އިން ދައްކަން ޖެހޭ ފައިސާއެއް ނޫނެވެ. އެހެންކަމުން "މިހާރު"ގެ މުޅި ކަވަރޭޖްގެ އަގުން އެންމެ ލާރިއެއް ވެސް ޕީއެސްއެމް އިން ދައްކާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި، ޕީއެސްއެމްގެ އިއުލާންގައި އޮތް ގޮތަށް، ދޭން ޖެހޭނީ އެތަނުގެ އެކި ޗެނެލްތަކުން، އެ މީޑިއާއަކަށް ދެވެން އޮތް އެކްސްޕޯޝާއެކެވެ. އެއީ، މިސާލަކަށް، މޯލްޑިވިއަން އައިޑަލް ދައްކާ އިރު މީޑިއާގެ ނަން އެރުވުން ފަދަ ކަންކަމެވެ.

މީޑިއާ ޕާޓްނަރު ކަނޑައަޅަނީ ބާޓާ އުސޫލުން ކަމަށް ވިޔަސް، ޕާޓްނަރަކަށް ހޮވޭ ފަރާތުން ހުށަހެޅި އަގާ އެއްވަރުގެ އެކްސްޕޯޝާއެއް، ޕީއެސްއެމް އިން ކޮންމެހެން ދޭން ޖެހޭނެ ކަމަކަށް، އުސޫލުތަކުގައި ކަނޑައަޅާފައެއް ނުވެ އެވެ. އެހެންކަމުން، "މިހާރު" އާއި "ސަން" އިން ހުށަހެޅި އަގާ އެއްވަރުގެ އިސްތިހާރުތަކެއް ޕީއެސްއެމުން ދައްކަން ލާޒިމްވާ އެއްވެސް ކަމެއް، ޕޮއިންޓް ދޭން ކަނޑައެޅި އުސޫލުގައި ނެތެވެ.

"އަޅުގަނޑުމެންގެ އަގު ހަދާފައި އެ އޮތީ، ޕީއެސްއެމް އިން މައުލޫމާތު ދިން ގޮތަށް. މިސާލަކަށް، މޯލްޑިވިއަން އައިޑަލްގެ ޝޯތަކުގެ ކުރިން އާޓިކަލްއެއް ލިޔާ ނަމަ، އެ އާޓިކަލްގެ މާކެޓް ރޭޓް ހުށަހަޅަން ޖެހޭ. "މިހާރު"ގައި އެޑްވަޓޯރިއަލްއެއް ޖަހައިދެނީ އާންމުކޮށް 10،000ރ- 15،000ރ. އާ ދޭތެރޭގައި. އެ އަގުން ބެއްޔަސް، ވަކިވަކި ލިއުންތަކަށް، ހަތް މަސް ދުވަހުގެ ތެރޭ ބޮޑު އަގެއް ދާނެ،" 'މިހާރު'ގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު، ޝަމްއޫން އަފީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަގު ހެދީ ހަތް މަސްދުވަހު 'މިހާރު"ން ކުރަން ޖެހޭ މަސައްކަތާއި މޯލްޑިވިއަަން އައިޑަލްގެ މައުލޫމާތު ކިއުންތެރިންނާ ހަމައަށް ފޯރުކޮށްދޭން ޕީއެސްއެމް އިން ކަނޑައަޅާފައިވާ 18 ޕޮއިންޓަށް ބަލާފައި. އަސްލު އެވަރުގެ ބޮޑު އެކްސްޕޯޝާއެއް، ހަމަ މުޅިން ހިލޭ ދޭ ވާހަކަ މި ދައްކަނީ. ޕްރޮޕޯސަލް އެ އޮތީ އެގޮތަށް."

މީޑިއާ ޕާޓްނަރު ހޮވަން ޕީއެސްއެމް އިން މާކްސް ދިން އިރު، ޕްރޮޕޯސަލްގެ އަގުގެ ބައިން "މިހާރު" އަށް ލިބުނީ 1.20 މާކްސް އެވެ. "ސަން" އަށް 7.90 މާކްސް އަދި "އަވަސް" އަސް 50.83 މާކްސް އެވެ.

ދެން މާކްސް ދިނީ ތަޖުރިބާ އަށާއި ގާބިލް ކަމަށެވެ. މޯލްޑިވިއަން އައިޑަލް އަށް "މިހާރު"ން ކަނޑައެޅި ލިއުންތެރިންގެ ޓީމުގައި ނޫސްވެރިކަމުގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރި ލިއުންތެރިންނާއި ގައުމީ އެވޯޑާއި މީޑިއާ ކައުންސިލްގެ އެވޯޑް ލިބިފައިވާ އެތައް ބަޔަކު ހިމެނުނަސް، އެބައިން ވެސް އެންމެ ދަށްކޮށް މާކްސް ލިބުނީ، (1.60 މާކްސް) "މިހާރު" އަށެވެ. ސަން އަށް 13.56 އަދި އަވަސް އަށް 4.84 މާކްސް ލިބުނެވެ.

ގާބިލްކަމުގެ ބައިން "މިހާރު" އާއި "އަވަސް" އަށް ދިނީ 5.91 މާކްސް އެވެ. މި ބައިން "ސަން" އަށް 8.18 މާކްސް ލިބުނެވެ.

މުޅި ޖުމްލަ އަށް ބަލާއިރު، މޯލްޑިވިއަަން އައިޑަލް މީޑިއާ ޕާޓްނަރުކަން "އަވަސް" އަށް ދިނީ 61.58 މާކްސް ލިބިގެންނެވެ "ސަން" އަށް، 29.64 އަދި "މިހާރު" އަށް 8.78 މާކްސް އެވެ.

"އަސްލު މުޅި މާކްސްގެ ބޮޑު ބައި މި އޮތީ އެކްސްޕޯޝާގެ އަގަށް. އެ އަގަށް ބަލާއިރު އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ޕީއެސްއެމް އިން އެތަނުގެ އިއުލާނުގައި ބުނެފައިވާ ކަންކަމަށް ބަލާފައެއް ނެތޭ،" ޝަމްއޫން ވިދާޅުވި އެވެ.

"އެންމެ ކުޑަ އަގުގެ އެކްސްޕޯޝާ ދޭ ބަޔަކަށް ޕާޓްނަރުކަން ލިބެންޏާ، ރާއްޖޭގައި އެބަ ހިންގާ 'އަވަސް' އަށް ވުރެ ވެސް މާ އަގުހެޔޮކޮށް ދޭނެ އޮންލައިންތައް."