މަސައްކަތް ނުކުރާ ކަމަށް ހީވަނީ ފޮޓޯ ނުނަގާތީ ކަމަށް ވެދާނެ: ނަހުލާ

ކޮވިޑް-19 އާ ހެދި މިހާރު އޮފީހަށް ވަޑައިނުގެންނެވުނަސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށާއި މަަސައްކަތް މާބޮޑަށް ނުފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އާއްމު މަސައްކަތްތައް ދުވާލުގެ ވަގުތުގައި ކުރެއްވުމުގެ އިތުރުން ސިވިލް އޭވިއޭޝަނާ ބެހޭ މަސައްކަތްތައް ރޭގަނޑު ވަރަށް ދަންވަންދެން ކުރައްވާ ކަމަށެވެ.

ނަހުލާ މިމޭރުމުން ވާހަކަ ދެއްކެވީ ކޮވިޑް-19 އާ އެކު އޭނާ ގެއްލިއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ.

"އޮފީހަށް ނާދެވޭތީ ގޭގައި ހުރެގެން ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން ޖެހިފައި ވަނީ 24 ގަޑިއިރޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރު ވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާލަތުގައި ރާއްޖެ އަށް ފްލައިޓްތައް ޖެއްސުމާއި މުދާ އުފުލުމާއި ހުރިހާ ކަމެއް ވެސް ބައްލަވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތުގައި މިނިސްޓްރީގެ އެހެން ބޭފުޅުން ވެސް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ.

އޮފީހަށް ނާދެވޭތީ ގޭގައި ހުރެގެން ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަން ޖެހިފައި ވަނީ 24 ގަޑިއިރޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައި ހުންނާނެ ތިނެއް ޖަހާއިރު، ހަތަރެއް ޖަހާއިރު ފަހެއް ޖަހާއިރުވެސް. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު: ނަހުލާ

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ މެމްބަރުން އެކި ކަންކަމުގައި ނަހުލާއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވި ނަމަވެސް ބައްދަލުނުކުރައްވާ ކަަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ވަގުތު އޮންނަ ވަރަކުން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. ބައްދަލު ނުކުރައްވާ ކަމަށް ފެންނަނީ ފޮޓޯ ނަގައި އާއްމު ނުކުރައްވާތީ ކަމަށާއި އެކަން މީގެ ފަހުން އެގޮތަށް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެޕޮއިންޓްމަންޓް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހުރެދާނެ. އެކަމަކު ވެސް ހަމަ ފަހުން ވަގުތު ދީގެން އަޅުގަނޑަށް ވީ ވަރަކުން ހުރިހާ ބޭފުޅުންނާ ވެސްް ބައްދަލުކޮށްފައި ވާނީ. ދެން އަނެއްކާ ވެސްް ދަންނަވައިލަން ޖެހޭނީ އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގޭމީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ހަމަ އަޕްޑޭޓް ވެސް ކުރަމުންދާނަން،" ނަހުލާ ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް ދާއިރާއިން ވައުދު ފުއްދިފައި ވަނީ ކިހާ ވަރަކަށްތޯ ސިރާޖް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ރައީސްގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ވަނީ ފުއްދިފައި ކަމަށާއި ކޮވިޑް-19 ގެ ސަބަބުން މަސައްކަތްތައް މަޑުޖެހޭ ގޮތް މެދުވެރި އިރު އެހެން މަސައްކަތްތައް ވެސް ބާރަށް ކުރިއަށް ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ހާސިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ނިންމަމުން ގޮސްފައިވާނެ ކަމަށެވެ.

"މިހެން އޮއްވައި އަޅުގަނޑުމެންނަށް މި ކޮވިޑްގެ ހާލަތު މިއައީ. މިހާލަތާ ގުޅިގެން ހަމަ ގައިމު ވެސް ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ މަސައްކަތްތަކަށްް ލަސްޖެހުން އައިސްފައި މިވަނީ،" ނަހުލާ ވިދާޅުވި އެވެ.