ކަސްޓަމައިޒް ކުރެވޭ ފުރަތަމަ ދިވެހި އެޕާ އެކު "މިހާރު" އެންޑްރޮއިޑަށް

އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް "މިހާރު"ން ބޮޑު ހަދިޔާއެއް ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ އެއްޗެހި އަމިއްލަ އަށް އިޚްތިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި ނިއުސް އެޕް "މިހާރު"ން ލޯންޗުކޮށްފި އެވެ.


"މިހާރު" ނޫސް އޭގެ ވެބްސައިޓާ އެކު އިފްތިތާހް ކުރީ މިދިޔަ މޭ މަހުގެ 24 ގަ އެވެ. އޭގެ ފަހުން "މިހާރު" ނޫހުގެ ޗާޕު ކޮންމެ ހަފުތާއެއްގެ ފަސް ދުވަހު ނުކުންނަމުންދެ އެވެ. އަދި ވެބްސައިޓް ކޮންމެ ދުވަހަކު 24 ގަޑިއިރު އާ ޚަބަރުތަކާއި ރިޕޯޓްތަކާ އެކު ތާޒާވަމުން ދެ އެވެ.

ރާއްޖޭގެ އެންމެ ހިތްގައިމު ނިއުސް އެޕްގެ ގޮތުގައި މިއަދު ލޯންޗުކުރި "މިހާރު" އެޕްގައި ގިނަ ކަންތައްތަކެއް ހިމެނެ އެވެ. އެ ގޮތުން، "މިހާރު"ގެ ވެބްސައިޓުގައި ޝާއިއުކުރާ ހުރިހާ ލިޔުންތަކާއި ފޮޓޯ ގެލެރީތައް، ވަރަށް ފަސޭހަ ލޭއައުޓަކުން ކިޔާލެވޭނެ އެވެ. އެކަމަކު، މި ލޭއައުޓް ފަރުމާ ކޮށްފައި ވަނީ "މިހާރު"ގެ ވެބްސައިޓަށް ވަންނަ މީހަކަށް ބީރައްޓެހިކަން އިހުސާސް ނުކުރެވޭނެ ގޮތަށެވެ.

"މިހާރު"ގެ އެންޑްރޮއިޑް އެޕްގެ ޕޯސްޓަރެއް.

މި އެޕްގެ އެންމެ ހާއްސަ ކަމަކީ އެ މީހަކު ކިޔާ ހިތްވާ ސެކްޝަނެއް ހޯމްޕޭޖުން ބަލައިލެވޭ ގޮތަށް ކަސްޓަމައިޒް ކުރެވުމެވެ. ބޭރުގެ ބައެއް ނޫސްތަކުގެ މޮބައިލް އެޕްތަކުގައި ހުންނަ ގޮތަށް، އެ މީހަކު ޝައުގުވެރިވާ ދާއިރާއެއްގެ ލިޔުންތައް ހޯމްޕޭޖްގައި ހިމަނައި، އެ ސެކްޝަންތަކަށް ފަސޭހަ އިން ވަދެވޭނެ އެވެ. އަދި ބޭނުންވެއްޖެ ނަމަ އެ ސެކްޝަންތައް ނަގައި އޭގެ ބަދަލުގައި އެހެން ސެކްޝަންތައް ވެސް ހިމެނޭނެ އެވެ.

"އަޅުގަނޑެމެން އަބަދު ވެސް ބަލަނީ ޒަމާނީ ފަހުގެ ގޮތްތައް ތަޢާރަފްކޮށް ކިޔުންތެރިންނަށް ފަސޭހަ ވާނެ ގޮތަކަށް ހިދުމަތް ދިނުމަށް. މި ވަގުތު އެންޑްރޮއިޑް އެޕްލިކޭޝަން ލޯންޗްކުރި ކަމުގައި ވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން އައިފޯން އެޕްލިކޭޝަން ވެސް ލޯންޗު ކުރާނަން،" މިހާރުގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝަމްއޫން އަފީފް ވިދާޅުވި އެވެ.

އަވަދިނެތި އުޅެމުން ވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގަމުން ދާ ކަންތައްތަކުގެ ޚަބަރާއި މައުލޫމާތު ބަރާބަރަށް ލިބޭ ގޮތަށް ނޮޓިފިކޭޝަންއާ އެކު ތައްޔާރުކޮށްފައިވާ އެންޑްރޮއިޑް އެޕް ލޯންޗުކުރުމާ އެކު، "މިހާރު"ގެ ވެބްސައިޓަށް ފޯނުން ވަނުމުން އޮޓަމެޓިކް މެސެޖެއް ލިބޭނެ އެވެ. އަދި އެޕްލިކޭޝަން ޑައުންލޯޑު ކުރަން ބޭނުންތޯ އަހާނެ އެވެ.

މީގެ ހަތަރު މަސްދުވަސް ކުރިން ރާއްޖޭގެ މީޑިއާ އަށް ވަން "މިހާރު" ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކިއުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ރާއްޖޭގެ މުހިއްމު ޚަބަރުތައް ޒަމާނީ ފަސޭހަތަކުގެ ތެރެއިން ވަގުތުން ގެނެސްދިނުމަށް، "މިހާރު ލައިވް"ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށާއި، ކޮމްޕިއުޓަ ނޮޓިފިކޭޝަންގެ އިތުރުން ޓެލެގްރާމުން ވެސް ޚަބަރުތައް ލިބޭ ހިދުމަތެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ނޫހަށް ސަބްސްކްރައިބް ކުރުމަށް އޮންލައިންކޮށް ފޯމް ހުށަހެޅޭ ގޮތް ވެސް ވަނީ ހަދާފަ އެވެ.