ބިޒްނަސް ޕާމިޓް ފުލުހުން ދޫކުރަން ފެށުމުން ޝިފާ ސުވާލު އުފައްދަވައިފި

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.


"ޕޮލިސް ސިޓީއަކަށް [މާލެ] ބަދަލުވުން ރަނގަަޅެއް ނޫން،" ފުލުހުންގެ ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން މޭޔަރު ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުން ނަމަ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ދޫކުރަން ފެށީ ސިޓީ ކައުންސިލަށް ވެސް އެނގުމެއް ނެތި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުން ލުއިކުރުމުގެ މައުލޫމާތުތައް އާންމު ކުރުމަށް މިދިޔަ މަހުގެ 29 ގައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ބިޒްނަސް ޕާމިޓަށް އެދެވޭނީ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް ފުލުހުން އަނެއްކާ ވަނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ދޫކުރަން ފަށައިފަ އެވެ. އެގޮތަށް ފުލުހުން ނިންމައި ބައެއް މީހުންނަށް އެ ހުއްދަ ދޫކޮށްފައިވާއިރު، އެތައް ބަޔަކު ވަނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ އަށް އެދިފަ އެވެ. އެކަމަކު، ސިޓީ ކައުންސިލްގެ އިތުރުން ފުލުހުން ވެސް ބިޒްނަސް ޕާމިޓް ދޫކުރަން ފެށުމުން އެތައް ބަޔަކަށް އޮޅުން އަރައި، ތިބީ ވާނުވާގަ އެވެ.

"ޕޮލިސް ސިޓީއަކަށް [މާލެ] ބަދަލުވުން ރަނގަަޅެއް ނޫން،"---ޝިފާ

މޭޔަރު ޝިފާ "މިހާރު" އަށް މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން އަދިވެސް އަމަލްކުރަނީ ލޮކްޑައުން ލުއިކުރުމާ ގުޅޭ ގޮތުން ފުރަތަމަ އިއުލާންކުރި އުސޫލަށް ކަމަށެވެ. އެ އުސޫލުގެ ދަށުން ބިޒްނަސް ޕާމިޓަށް އެދެން ޖެހެނީ ސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށެވެ.

ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ބިޒްނަސް ޕާމިޓަށް އެދެވެނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލްގަައި މިހާރު އެ ކެޓަަގަރީ ވެސް ވަނީ ހިމަނައިފަ އެވެ. މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަައަށް އެދެން މަސައްކަތް ކުރި މީހުންނަށް ވެސް ލިބުނީ އެ މެސެޖެވެ.

އެ ބަދަަލާ ބެހޭ ގޮތުން، "މިހާރު" ން ސުވާލު ކުރުމުން ޝިފާ ވިދާޅުވީ ޕާމިޓްތައް ދޫކުރުމަށްޓަކައި ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ހުއްދައަށް އެދޭ ވިޔަފާރިތަކުގެ މައުލޫމާތު އެއްކޮށް ފުލުހުންނަށާއި އިކޮނޮމިކް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ އެ ބަދަލު އައީ ކީއްވެ ކަމެއް. އަޅުގަނޑުމެން އެއްބަސްވެފައި އޮތީ ސިޓީ ކައުންސިލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދުމުން، އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުން ވެރިފައި ކުރާ ގޮތަަށް،" ކަންބޮޑުވުމާ އެކު މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހޯމަ ދުވަހާ ހަމައަށް 2،000 އަށް ވުރެ ގިނަ ބިޒްނަސް ޕާމިޓް ދޫކޮށްފަ އެވެ.