ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ އެއްމާބަނޑު ދެ ކުދިން މަރުވެއްޖެ

ދ. ކުޑަހުވަދޫގައި މިއަދު ސިޒޭރިއަން ހަދައިގެން ނެގި އެއްމާބަނޑު ދެ ކުދިން މަރުވެއްޖެ އެވެ.


އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ސައުދު "މިހާރު" އަށް ވިދާޅުވީ ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދ. މީދޫން ގެންދިޔަ އެ މީހާގެ ސިޒޭރިއަން ހަދައި ދެ ކުދިން ނެގިއިރު، ބަނޑަށް ވީ ހަ މަސް ކަމަށެވެ.

ކުއްލި ގޮތަކަށް މިއަދު ހެނދުނު ސިޒޭރިއަން ހަދައިގެން، އެ ދެ ކުދިން ނަގަން ޖެހުނު ސަބަބެއް ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ. އެހެންވެ. އެކަން ހިނގައިދިޔަ ގޮތެއް ރަނގަޅަކަށް އޮޅުމެއް ނުފިލަ އެވެ.

އާއްމު ގޮތެއްގައި ހަަ މަސް ނުވަތަ ހަތް މަހުގައި ސިޒޭރިއަން ހަދަނީ މައިމީހާ އަށް ނުވަތަ ދަރިފުޅަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ހާލަތްތަކުގަ އެވެ.

ސައުދު ވިދާޅުވިގޮތުގައި، އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފުރަތަމަ ކުއްޖާ މަރުވީ މިއަދު މެންދުރު ކުރީގެ ވަގުތެއްގަ އެވެ. ދެވަނަ ކުއްޖާ މަރުވި މެންދުރު ފަހު އެވެ.

އެ ދެ ކުދިން މަރުވީ މާލެ އަށް ގެންނަން މަސައްކަތް ކުރަނިކޮށް ކަަމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެކަން ލަސްވި ކަމަށް ބައެއް މީޑިއާތަކުގައި އޮތް ނަމަވެސް، އެފަދަ ގޮތަކަށް ކަންތައް ހިނގިކަން އެނގިވަޑައިނުގަންނަވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

"ބަލި މީހަކު އިމަޖެންސީކޮށް މާލެ އަށް ގެންދަން ޖެހޭ ހާލަތްތަކުގައި އާއްމު ގޮތެއްގައި ރަށު ކައުންސިލް ވެސް އެކަމުގައި ޝާމިލްވާނެ. އެކަމަކު މި ކޭސްގައި އަޅުގަނޑުމެންނަށް އެފަދަ މައުލޫމާތެއް ލިިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.