ސިޓީ ކައުންސިލާ އިންޑަސްޓްރިއަލް ޒޯން ހަވާލު ކުރުމުން ސާފު ކުރަން ފަށައިފި

މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ބަލަހައްޓަމުން އައި މާލޭ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކުރުމުން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.


މާލޭ ހުޅަނގު، ދެކުނު ފަރާތް ހިއްކައިގެން ހަދައިފައިވާ އިންޑަސްޓްރިއަލް ޒޯން ސާފު ނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ވަނީ ކުނި ޖަމާވެފަ އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނީ އެ ސަރަހައްދުގެ މަގުތައް ބެލެހެއްޓުން ޕްލޭނިން މިނިސްޓްރީން އެ ކައުންސިލާ ބުދަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ. އެއާއެކު ވެމްކޯއާ ގުޅިގެން އެ ސަރަހައްދުގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

އިންޑަސްޓްރިއަލް ޒޯން ސާފު ކުރަން ނިންމިކަން އިއުލާންކޮށް ކައުންސިލިން ކުރި ޓްވީޓް

ސިޓީ ކައުންސިލްގެ ވެރިއަކު ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ ތަފްސީލް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭ ފަޅުން ބައެއް ހިއްކީ، މާލެ ތެރޭގައި ކުރަމުން އަންނަ އިންޑަސްޓްރިއަލް މަސައްކަތްތައް އެ ތަނަށް ބަދަލު ކުރުމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު އެ ޕްރޮޖެކްޓް މާ ބޮޑަކަށް ކުރިއަކަށް ނުދެ އެވެ. އެތަން މިހާރު ވެފައި ވަނީ ވެހިކަލް ޕާކް ކުރާ ތަނަކަށެވެ.