ހައުސިން އުވާލުން: "ހިލުންގަނޑަކުން" ސަލާމަތްވުންތަ؟

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމާ އެކު އެމްއާރުއެމުން އައީ އެ މަގާމަށް ނަމެއް ހުށައަޅަން ތައްޔާރުވަމުންނެވެ. ކެބިނެޓް އެކުލަވާލިއިރު އެއްބަސްވެފައިވާ ގޮތުން ނަމަ އެއީ، މި ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު، އަދި ކުރީގެ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެކެވެ. ސިއްހީ ހާލުކޮޅު ގޯސްވެ، އާތިފާ މަގާމުން ދުރަށް ވަޑައިގަތުމާ އެކު ވެސް އެ ސްލޮޓް އެމްއާރުއެމްގައި އޮންނާނެ ކަމުގެ ކަށަވަރުކަން ރައީސް މައުމޫން ހޯއްދެވި އެވެ.


އެމްއާރުއެމްގެ އިސް ބޭފުޅަކު "މިހާރު"އަށް ވިދާޅުވީ އާތިފާގެ އިސްތިއުފާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މައުމޫން ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެ ސްލޮޓްގެ ކަށަވަރުކަން ރައީސް ދެއްވުމުން، އެ ވާހަކަ މައުމޫން ވަނީ އެމްއާރުއެމްގެ އިސް ބޭފުޅުންނާ ވެސް ހިއްސާކުރައްވައިފަ އެވެ.

އެމްއާރުއެމުން އޮންލައިންކޮށް، ބޭއްވި ޕާޓީގެ އިސް ބޭފުޅުންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރަކަށް ދެން ވެސް ވަޑައިގަންނަވާނީ އެމްއާރުއެމްގެ ބޭފުޅެއް ކަމުގެ އުއްމީދު މައުމޫން އާކޮށްދެއްވި އެވެ. އެ މަގާމަށް ގާބިލް ބޭފުޅަކާ ވާހަކަ ދައްކައި ނަމެއް ވެސް ފޮނުވަން އެމްއާރުއެމުން ތައްޔާރުވި އެވެ.

މިނިސްޓަރު އާތިފާ އަށް ރައީސް މަގާމުގެ ލިއުން ހަވާލުކޮށްދެއްވަނީ: އާތިފާ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވުމުން. --މިހާރު

އެކަމަކު ފަހުން ރައީސްގެ ފަރާތްޕުޅުން މައުމޫނަށް ގުޅުއްވި ބޭފުޅާ ވިދާޅުވި ކަމަށް ވަނީ ރައީސްގެ ވިސްނުންފުޅު މިހާރު ހުރީ ހައުސިން މިނިސްޓްރީ އުވާލައްވަން ކަމެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ރައީސް އޮފީހުން އެ ނިންމުން އިއުލާން ވެސް ކުރީ އެވެ. ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރު މުހައްމަދު އަސްލަމް ހިންގަވާ ޕްލޭނިން މިނިސްޓްރީގެ ދަށަށް ހައުސިންގެ މަސައްކަތްތައް ބަދަލުކުރީ އެވެ.

ރައީސްގެ މި ނިންމެވުމާ މެދު އެމްއާރުއެމްގެ އިސް ބައެއް ބޭފުޅުން ސުވާލު އުފައްދަވަ އެވެ. ފާޅުގައި ނުކުމެވަޑައިގެން އެ ވާހަކަ ދައްކަން ބޭނުން ނުވިޔަސް، އެމްއާރުއެމްގެ ސްލޮޓަށް ހެދި ގޮތް ގަބޫލުކުރަން އެ ބޭފުޅުންނަށް ފަސޭހައެއް ނޫނެވެ.

"ފުރަތަމަ ކަމަކަށް، ސްލޮޓްގެ ޔަގީންކަން ދެއްވުން. އެހެންވެ އެމްއާރުއެމުން ނަމެއް ފޮނުވަން ތައްޔާރުވީ. އެކަން ހިނގަނިކޮށް ކުއްލި ގޮތަކަށް މިނިސްޓްރީ އުވާލީ، ހަގީގަތުގައި ވެސް ގަބޫލުކުރަން އުނދަގޫވި ނިންމުމެއް އެއީ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

އެމްއާރުއެމްގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޔަގީންކަން ދެއްވައި މިނިސްޓްރީ އުވާލުމަކީ ރައީސް ވިދާޅުވި ބަސްފުޅުގެ އިތުބާރާ މެދު ވެސް ސުވާލު އުފެދުނު ކަމެކެވެ.

ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުން އެމްއާރުއެމަށް ލިބުނީ 20 ޕަސެންޓެވެ. އެއީ ކެބިނެޓުގައި ހަތަރު ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީންނާއި ކުންފުނިތަކާއި ބޭރުގެ މިޝަންތައް ވެސް ހިމެނޭ ގޮތުންނެވެ. ހަތަރު މިނިސްޓަރީއެއްގެ މިނިސްޓަރުކަމަށް ބޭފުޅުން ހަމަޖެއްސިޔަސް، އެއްބަސްވުމާ އެއްގޮތަށް އެމްއާރުއެމަށް އެހެން ވަޒީފާތަކެއް ނުލިބެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ކުރީގެ ރައީސް މައުމޫންއާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓުގައި މިހާރު ތިއްބެވީ އެ ޕާޓީގެ ތިން ވަޒީރުންނެވެ. އެއީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ.

އާތިފާ މަގާމުން ދުރުކުރުމުގެ ވިސްނުން ގެންގުޅުނު!

ހައުސިން މިނިސްޓްރީ އުވާލުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުންގެ ވިސްނުން ހުރީ އާތިފާ މަގާމުން ދުރުކުރާށެވެ.

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީ ބަދަލުވީ، އެއްފުރާޅެއްގެ ދަށުން އެންމެ ގިނަ މަޝްރޫއުތަކާއި މަސައްކަތްތައް ހިންގި އެންމެ ބިޔަ ވުޒާރާ އަށެވެ. މާލެ އާއި އަތޮޅުތަކުގައި ގިނަ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، ބައެއް މަޝްރޫއުތަކުގައި ބޮޑެތި މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. މި މައްސަލަތަކުގައި އޭރު އަމާޒުކުރި ފާޑުކިއުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި ސަރުކާރުގެ ނިންމުމަކަށް ވީ ހައުސިން މިނިސްޓްރީ ދެ ބައިކޮށްލައި ޕްލޭނިން މިނިސްޓްރީގެ ނަމުގައި އިތުރު މިނިސްޓްރީއެއް އުފެއްދުމެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމާއި (ވ) ކުރީގެ ހައުސިން މިނިސްޓަރު އާތިފާ، ހައުސިން ޔުނިޓުތަކެއްގެ ބިންގާ އަޅުއްވައިދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

މި ބައިކުރުމުގައި ވެސް އިންސާފުވެރި ނޫން ކަމުގެ ތުހުމަތު ކުރެ އެވެ. އެއް ކަމަކަށް ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު، ބޯހިޔާވަހިކަން ފުއްދުމުގެ ވުޒާރާގެ ގިނަ މަސައްކަތްތައް ޕްލޭނިން މިނިސްޓަރު އަސްލަމްގެ ދަށަށް ބަދަލުކުރުމެވެ. ހައުސިންގެ ވަޒީރަކަށް އާތިފާ ހުންނެވި ނަމަވެސް އޭނާގެ ޒިންމާތައް ވެސް ބަހާލެވޭ ގޮތަށް ބޯހިޔާވަހިކަމަށް ކުންފުންޏެއް ވެސް މި ސަރުކާރުން އުފެއްދި އެވެ. ބާރުތަކާއި ޒިންމާތައް ހަނިކުރުމުން ހައުސިން މިނިސްޓްރީ ވެފައި އޮތީ، ބޯހިޔާވަހިކަމާ ގުޅޭ ތަފާސްހިސާބުތައް ހޯދުން ފަދަ މަދު މަސައްކަތްތަކެއް ކުރާ ތަނެއްގެ ގޮތުގަ އެވެ. މި ދަތިތަކާ އެކު ވެސް އަތޮޅުތަކާއި މާލެ ހިމެނޭ ގޮތުން އެ މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ހުރި ކަންކަމަށް ހައްލު ހޯއްދަވަން އާތިފާ މަސައްކަތް ކުރެއްވި އެވެ.

އެކަމަކު މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އާތިފާ އަދާކުރެއްވި ކަމަކަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ. ސަރުކާރުގެ އެންމެ އިސްކަމެއް ދޭ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ނާގާބިލް ކަމުގެ ތުހުމަތު އަޅުވައި ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އާތިފާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ދުރުކޮށްދޭން، އެމްޑީޕީގެ އިސް މެމްބަރަކު ލައްވައި މަޖިލީހަށް ސިޓީއެއް ވެސް ހުށަހަޅުއްވާފައި ވަނިކޮށެވެ.

"އާތިފާ ދުރުކުރަން އުޅުނީ އެމްޑީޕީ ބޭނުންވާ ގޮތަށް ހައުސިން މިނިސްޓްރީ ތެރެއިން ކަންކަން ކުރަން. އެ މިނިސްޓްރީ ޕްލޭނިންއާ އެއްކޮށްލައި ބިޔަ މިނިސްޓްރީއަކަށް ހަދައި މަޝްރޫއުތައް ހިންގުމަކީ ނުރަނގަޅު ކަންކަމަށް މަގުފަހިވާނެ ކަމެއް،" އެމްއާރުއެމްގެ ބޭފުޅާ ވިދާޅުވި އެވެ.

އާތިފާ މަގާމުން ދުރުކުރުމުގެ ސިޓީ މަޖިލީހަށް ވެއްދިއިރު ވެސް، އެނގިފައިވާ ގޮތުގައި، އާތިފާ ވަނީ އޭނާގެ ސިއްހީ ހާލުކޮޅު ގޯސްވެ، ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ވާހަކަ ރައީސަށް ދަންނަވައިފަ އެވެ.

"ބޮޑު ހިލުންގަނޑެއް ހުއްޓުވީ؟"

އާތިފާ މަގާމުން ދުރުކުރަން އެމްޑީޕީން ގެންގުޅުނު ވިސްނުމާއި ހައުސިން މިނިސްޓްރީ އުވާލުމުގެ ނުތަނަވަސްކަމުގައި އެމްއާރުއެމް ތިއްބައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވަނީ އެކަމުގެ ފަހަތުގައި އޮތް ސިޔާސީ ވާހަކަތަކެއް ނުސީދާކޮށް ވިދާޅުވެފަ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުގެ ހާލަތަށް ބައްލަވައި ކެބިނެޓަށް މިނިސްޓަރަކު އިތުރު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުން ހިކުމަތްތެރި ކަމަށެވެ. ނޫން ނަމަ، ހައުސިން މިނިސްޓަރުގެ މަގާމާ ހެދި "ލައްކަ ބޮޑު ހިލުންގަނޑެއް އައީސް" ކަމަށް ވިދާޅުވި އެވެ.

އެ ވިދާޅުވާ ހިލުންގަނޑަކީ، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އާތިފާ މަގާމުން ދުރުކޮށް، އެ ވުޒާރާގެ ހިންގުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ހަވާލު ކުރަން އެމްޑީޕީގެ ތެރެއިން ގެންގުޅުނު ވިސްނުމެއްގެ ވާހަކަ އެވެ. އަދި އެކަމުގައި ކޯލިޝަން ތެރޭގައި އުފެދޭނެ އަރައިރުންވުންތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ބޭނުންފުޅުވަނީ، ބޯހިޔާވަހިކަމުގެ ވައުދުތައް އެމްޑީޕީ އެދޭ ބާރު މިނުގައި ހިންގޭނެ މަގުތަކެއް ހޯއްދެވުމެވެ. އެކަން ކުރެވޭނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކަމަށް، އެ ޕާޓީއަށް ގަބޫލުކުރެވެ އެވެ.

ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ކަމުގެ ލިއުން ހޯދަން ހައުސިން މިނިސްޓްރީގެ ބޭރުގައި ބަޔަކު ކިޔޫ ޖެހިގެން: ތިން މަޝްރޫއަކުން ފްލެޓް ދިން ގޮތް ބަލަން މި ސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލާފައި. --ފޮޓޯ/މިހާރު

އެހެންވެ މަޖިލީހުގެ ތެރެއިން އާތިފާ ދުރުކޮށް، އެމްޑީޕީގެ ވަޒީރަކު އެ މަގާމަށް ހަމަޖެއްސުމަކީ ޝަރީފް އެ ވިދާޅުވާ "ހިލުންގަނޑަށް" ވުން އެކަށީގެންވެ އެވެ. އެކަމަކު މި ހިލުންގަނޑުން ވެރިކަން ކުރާ ކޯލިޝަނަށް އަސަރުކުރުމަކީ، ކޯލިޝަންގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާނެ ގޮތް ވެސް މެ އެވެ. ބައެއް މެމްބަރުން މިހާރު ދައްކަވަނީ ކޯލިޝަން ވެރިކަމެއް ހިންގުމުގެ ބުރަބޮޑު ވާހަކަ އެވެ. ކޯލިޝަނަކުން ނޫން ގޮތަށް އަދިވެސް ރާއްޖޭގެ ވެރިކަން، އެއް ޕާޓީއަކަށް ކާމިޔާބު ނުކުރެވޭނެ ކަމުގެ ހަގީގަތް މިވަގުތަށް ފޮރުވާފައި ބާއްވައިގެންނެވެ.

މެންބަރު އިބްރާހިމް ޝަރީފްގެ ޓްވީޓް

ހައުސިން އަށް އިތުރު ވަޒީރަކު އައްޔަން ކުރެއްވުމުގެ ބަދަލުގައި، މިނިސްޓްރީ އުވާލެއްވުމަކީ ކޯލިޝަން ރުޅިނާރުވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޅުއްވި ފިޔަވަޅެއްތޯ ވެސް އެއް ބަޔަކު ސުވާލު އުފައްދަ އެވެ.

"އެހެން ވެސް ވެދާނެ. އެއްބަސްވި ގޮތަކަށް ލީޑަރުންގެ މަޝްވަރާތަކެއް ނުދޭ. ބޮޑު ކަންކަމުގައި މަޝްވަރާ ކުރަން ނިންމާފައި އޮތް އިރު ކޮން ކަމެއްގައިތޯ މިހާތަނަށް ލީޑަރުން އެއްތަންވެ މަޝްވަރާ ކުރީ؟" ނިންމުންތަކުގައި ހާމަކަމެއް ނެތް ކަމަށް ވިދާޅުވެ ކުރިން ވާހަކަ ދެއްކެވި އެމްއާރުއެމްގެ ބޭފުޅާ ސުވާލު އުފެއްދެވި އެވެ.

"ކޯލިޝަން ހިއްސާ ސަރުކާރުން ދަމަހައްޓާނެ"

އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ފާޅުގައި ގެންދަވަނީ ކޯލިޝަން ރޫޅާލަން ގޮވާލަމުންނެވެ. ރައީސް ނަޝީދު ވެސް ދެކެވަޑައިގަންނަވަނީ ސަރުކާރުގެ ހުރިހާ ވަޒީރުންގެ ގޮތުގައި ތިއްބަވަން ޖެހިވަޑައިގަންނަވަނީ އެމްޑީޕީގެ ވަޒީރުން ކަމެވެ. ވައުދު ފުއްދުމުގައި ލަސްވާ މައްސަލައިގެ ހައްލު ގުޅިފައި އޮތީ އެ މިސްރާބާ ކަމަށް ވެސް ބައެއް ފަހަރަށް ވިދާޅުވެ އެވެ.

އެމަނިކުފާނުގެ ވިސްނުން މިގޮތަށް ހުއްޓަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔަގީން ދެއްވަނީ ކޯލިޝަން ދެމިއޮންނާނެ ކަމަށެވެ. އެކި ކަންކަމުގައި ބޮޑެތި ހިޔާލުތަފާތުވުން ހުއްޓަސް، މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ސްޓޭންޑަކީ ކޯލިޝަން ބަދަހިކޮށް ބޭއްވުމެވެ.

މާލެ: ނޮވެމްބަރު 15، 2018- އަންނަ ހޮނިހިރު ދުވަހު ހުވާކުރައްވާ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި އެކު ސިޔާސީ 4 ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީހީ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެކަމަކު އެމްއާރުއެމަށް ސްލޮޓް ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް އެޅުއްވި ފިޔަވަޅާ މެދު އެމްއާރުއެމްގެ އިސް ބޭފުޅުން ތިއްބެވީ މާޔޫސްވެފަ އެވެ.

"ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސް ވިދާޅުވާ ނަމަ ކެރިވަޑައިގަންނަވަން ވާނެ އެ ވިދާޅުވާ ބަސްފުޅުގައި ހިފަހައްޓަވައިގެން ނިންމުންތައް ނިންމަވަން،" އެކަކު ވިދާޅުވި އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު"އަށް ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގެ ދަށަށް ބަދަލުކުރީ ނަތީޖާ ނެރުމާއި ހިންގުމުގެ ހަރަދާއި އެ ނޫން ކަންކަމުގައި ވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ އެވެ. ހައުސިން މިނިސްޓަރުގެ ސްލޮޓާ ގުޅޭ ގޮތުން ރައީސާއި މައުމޫން ދެއްކެވި ކަމަށް އެމްއާރުއެމުން ބުނާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، އެކަމަކަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައީސްގެ މި ނިންމެވުމުގައި ކޯލިޝަނުން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށް ހޫދު ވިދާޅުވި އެވެ. ރައީސް ވައުދުވެވަޑައިގަތް ގޮތަށް، ކޯލިޝަން ބަދަހިކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަންގެ ހިއްސާ ސަރުކާރުން ދަމަހައްޓާނެ،" ހޫދު ވިދާޅުވި އެވެ.