Joކޮވިޑް-19 އަށް ގެނައި އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަނީ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭހުން ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލަން ފަށަައިފި އެވެ.


ކޮވިޑް-19އާ ގުޅިގެން މޯލްޑިވްސް ގޭހުން 4،128 ސިލިންޑަރު ގެނައީ 40 މިލިއަން ރުފިޔާ އަށެވެ. ދެ ކުންފުންޏަކާ ހަވާލުކޮށްގެން މިދިޔަ މަހު އެ ސިލިންޑަރުތައް ގެނެސްފައިވާއިރު އޭގެ ތެރޭގައި ވަރަށް ބާ ސިލިންޑަރުތަކެއް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރި ޓްވީޓް--

އޭސީސީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އަށް މޯލްޑިވް ގޭހުން ސިލިންޑަރު ގެނައުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން އަމިއްލަ އިސް ނެގުމަކަށް ބަލާ މައްސަލައެއްގެ ގޮތުގައި މިމަހުގެ ހަ ވަނަ ދުވަހު އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން، މޯލްޑިވްް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، އެއީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

"އަމިއްލައަށް ދިފާއު ވާކަށް ނެތިން. އޭސީސީ ރިޕޯޓް ނެރުމުން ނުވަތަ އަޅުގަނޑުމެންގެ އިންޓާނަލް ރިޕޯޓް ނެރުމުން ހަގީގަތް އެނގޭނެ،" އިކްރާމް ވިދާޅުވި އެވެ.

އިތުރު އޮކްސިޖަން ސިލިންޑަރުތަކެއް ގެންނަން ސަރުކާރުން ނިންމީ ކޮވިޑް-19 އަށް ފަރުވާ ދޭން އޮކްސިޖަންގެ ކެޕޭސިޓީ އިތުރު ކުރުމަށެވެ.

މޯލްޑިވްސް ގޭހަށް ކޮރަޕްޝަންގެ އިތުރު ތުހުމަތުތަކެއް ކުރެވޭއިރު އެފަދަ ތުހުމަތުކޮށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް މިދިޔަ އަހަރު ފަހުކޮޅު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. މިދިޔަ އޮކްޓޯބަރު 15 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލް އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ.