މުވައްޒަފަކަށް ކޮވިޑް ޖެހުނަސް މަޖިލީހުގެ މަސަައްކަތް ކުރިއަށް ގެންދާނެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓވް ވެފައި ވިޔަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުން މިއަދު ބުނެފި އެވެ.


މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ މެއިންޓެނެންސް ޔުނިޓްގެ މުވައްްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި އެ ފިޔަވަޅުތަަކަށް ފަހު މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށެވެ. އެގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ޑިސްއިންފެކްޓް ކުރުމެވެ.

މަޖިލީހުގެ އިދާރާ އިން އެ ތަނުގެ މުވައްޒަފުންނަށް އަންގާފައިވާ ގޮތުގައި، އެ މުވައްޒަފު އެންމެ ފަހުން އޮފީހަށް ހާޒިރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެހެންވެ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް އޭނާއާ ބައްދަލުވި އެންމެން އެޗްއާރު ޑިޕާޓްމަންޓަށް އެކަން އެންގުމަށް މިހާރު ވަނީ އެދިފަ އެވެ.

"...މަޖިލީހުގެ އިދާރާގައި މަސައްކަތް ފެށި އިރު ވެސް މިފަދަކަމެއް މެދުވެރިވެދާނެކަމަށް ބަލައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އެޅިފަ އެވެ. އަދި ރޯގާއާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން، އެހެން ނަމަވެސް މަޖިލީހުގެ މަސައްކަަަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒެކެވެ،" ބަޔާނުގައި ބުންޏެވެ.

ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ރައްކާތެެރިކަމުގެ ފިޔަަވަޅުތަކާ އެކު މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ބާއްވަމުން އައީ ވާޗުއަލްކޮށެވެ. އެކަމަކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ ލޮކްޑައުންއަށް ލުއި ދިނުމުގެ ކުރިން މިދިޔަ މަހުގެ 26 ގަ އެވެ. އޭރު ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނުލިބެނީހެވެ. އެކަަމަކު އެދުވަހު ބޭއްވި ޖަލްސާއަށް ދާން މެމްބަރުންނަށް ވަކި ވަކިން ހުއްދަ ދިނެވެ.