ގުޅުމެއް ނެތް ކޭސްތައްް އެބަ ގިނަވޭ، އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް: އެޗްޕީއޭ

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް އެއް ކޭސް އަނެއް ކޭސްއާ ގުޅުމެއް ނެތި ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް ކަމަށް ހެލްތު ޕްރޮޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެކަމަކު ކޭސްތަކުގެ ޖުމްލަ އަދަދު އެއާ އެކު އިތުރު ނުވާތީ އަދި އެއީ މާބޮޑު ކަންބޮޑުވުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ދީފައިވާ ލުއިތަކާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭނީ މި ޓްރެންޑް މިހެން ހުރުމާ އެކު ޖުމްލަކޮށް ކޭސްތަކުގެ އަދަދު އިތުރުވާ ނަމަ ކަމަށެވެ.

"އިންޑިޕެންޑެންޓް ކޭސްތައް ގިނަވާ ކަމަށްވާ ނަމަ އެއީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވާ ކަމުގެ އަލާމާތެއް. އެހެން ނަމަވެސް މީގައި ދެކަމަކަށް ބަލަން ޖެހޭނެ. އެއީ ޕަސެންޓޭޖް އޮފް ނޮން ލިންކްޑް ކޭސަސް އިތުރުވުމާ އަދި އެއާ އެކުގައި ފެންނަ ކޭސްތަކުގެ ޖުމްލަ އަދަދުވެސް އިތުރުވުން،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އާއްމުންގެ ތެރޭގައި ކޮވިޑް ފެތުރެން ފުރަތަމަ ފެށި އިރު އެއް ކޭސް އަނެއް ކޭހާ ގުޅުމެއް ނެތް ކޭސްތަކުގެ ނިސްބަތަކީ 10 ޕަސެންޓް ކަމަށާއި އެހެން ނަމަވެސް މިހާރު އެ ނިސްބަތް ގާތްގަނޑަަކަށް 30 ޕަސެންޓަށް އަރައިފި ކަމަށެވެ. އޭނާ މިރޭ ދެއްކެވި ގްރާފުން ފެންނަ ގޮތުގައި ގުޅުމެއް ނެތް ކޭސްތައް އިތުރުވާން ފެށީ މި މަހު އެވެ. ލޮކްޑައުން އަށް ލުއިދޭން ފުރަތަމަ ފެށީ މެއި މަހުގެ ފަހު ހަފްތާގަ އެވެ.

ގުޅުމެއް ނެތް ކޭސްތަކުގެ ނިސްބަތް ދައްކައިދޭ ގްރާފެއް

ތަފާސް ހިސާބުތަކުން ތައްޔާރުކޮށްފައިވާ ގްރާފްތަކާ އެކު މައުލޫމާތު ދެއްވަމުން އަފްޒަލް ވިދާޅުވީ ކޮވިޑްގެ ޕީކެއް އައުމަށް ފަހު ދަށަށް ދާކަން މިހާރު އެބަ ފެންނަ ކަަމަށެވެ.

"ލުއި ދިނަސް ފަރުވާތެރިވޭ"

އަފްޒަލް ވިދާޅުވީ މިހާރު ވެސް އެޗްޕީއޭގެ އިރުޝާދަކީ ޒަރޫރީ ބޭނުންތަކުގައި ނޫނީ ބޭރަށް ނުކުމެ ނޫޅުން ކަމަށާއި ނުކުންނަ އިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެ ގޮތުން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމާއި، މީހުންގެ މެދުގައި ބަހައްޓަން ޖެހޭ ދުރުމިން ބަހައްޓަން އޭނާ އިރުޝާދު ދެއްވި އެވެ.

"އަޅުގަނޑުމެން މިހާރު މީހުންނާ ބައްދަލުކުރުމުގައި ވެސް އަޅުގަނޑުމެން ގެންގުޅޭ ގްރޫޕަކާ އެކީގައޭ ގިނަ ވަގުތު ހޭދަކުރަން ވާނީ، އޭގެ މާނައަކީ އިތުރު ގްރޫޕްތަކާ އަލަށް ބައްދަލުވުންތައް ފުޅާކޮށްގެން ނުގެންދާށޭ،" އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތް ދައްކައިދޭ ގްރާފްތަކެއް

ލޮކްޑައުންއަަށް ލުއި ދިން އިރު އެކި ފަރާތްތަކަށް ހާއްސަކޮށްފައިވާ ގަޑިތަކަށް އިހުތިރާމް ކުރަން ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ނުކުންނަން ހާއްސަ ކޮށްފައިވާ ގަޑިތަކުގައި އެހެން މީހުން ނުކުންނަ މިންވަރު މަދުކުރުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް މިއަދު ރާއްޖެ އިން ޕޮޒިޓިވްވީ 26 މީހުންނެވެ. އެއީ 1048 ސާމްޕަލެއްގެ ތެރެއިންނެވެ. އެ ބަލިން މިއަދު ރަނގަޅުވީ މީހުންގެ އަދަދަކީ ހަތެކެވެ. އެއާ އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 433 އެވެ. ރާއްޖެ އިން އެބަލި ޖެހުނު މީހުންގެ ޖުމްލައަކީ މިއަދާ ހަމައަށް 2،120 އެވެ.