ލޯންޗް ގޮއްވައިލި މައްސަލައިގެ ޝަރީއަތް މިއަދު ވެސް ކެންސަލް

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ވެސް ކެންސަލްކޮށްފި އެވެ.


މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ރިޔާސީ ލޯންޗްކޮޅުގައި ދަތުރު ކުރައްވަނިކޮށް އޭގައި އެއްޗެއް ގޮއްވައިލި މައްސަލާގައި އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އަދި ލޯންޗްގައި ގޮވާ އެއްޗެއް ހަރު ކުރުމަށްޓަކައި އެ ލޯންޗް ބޭނުންކުރި ކަމަށް ބުނެ އަދީބުގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ.

އެ ދެ މައްސަލައިގެ އަޑުއެހުން މިއަދު ބާއްވަން ތާވަލްކޮށްފައި އޮތަސް އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އިއްޔެ ވެސް އެ ދެ މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީއަކު ސަލާމުގައި ހުންނެވުމުންނެވެ.

އެ ދެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރިޔަސް ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތާއި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބާއި އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައިވާ އަޑުއެހުން އަދި ކެންސަލެއް ނުކުރެ އެވެ.