އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި

ކޮވިޑް-19 އަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ޓެސްޓްކުރަން ފަށައިފި އެވެ.


ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ބުނީ އައްޑު އަށް ގެނައި ޕީސީއާރް (ބައޯ-ފަޔާ) މެޝިނާ އެކު މިހާރު އެތަނުގެ ލެބޯޓަރީގައި ސާމްޕަލްތައް ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައި ކަމަށާއި މަސައްކަތް ވެސް ކާމިޔާބުކަމަށެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފެށުމަކީ މާލެ ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި އެ ބައްޔަށް ޓެސްޓްކުރަން ފެށި ފުރަތަމަ ފަހަރެވެ. އައްޑޫގެ އިތުރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުށީގައި ވެސް ޓެސްޓްކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

އައްޑޫގައި ޓެސްޓްކުރަން ފެށުމާ އެކު ދުވާލެއްގެ މައްޗަށް 100-150 ދެމެދުގެ އަދަދަކަށް ސާމްޕަލް ޓެސްޓްކުރެވޭނެ އެވެ.

އައްޑޫގެ ކޮމިއުނިޓީ ތެރެއިން މިހާތަނަށް ކޮވިޑް-19 ގެ ޕޮޒިޓިވް އެއްވެސް ކޭހެއް ފެނިފައި ނުވިޔަސް، މާލޭން އައްޑު އަށް އައިސް ކަރަންޓީނުގައި ހުރި ދުވަސްވީ އަންހެނަކު މި މަހުގެ 12 ވަނަ ދުވަހު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.