ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!

އާއިލާތަކަށް އިންސާފު ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން ނަތީޖާ ނުނެރެވި ކޮމިޝަން "މަރުވެފައިވާ" ކަމުގެ ކަންބޮޑުވުންތަކާ އެކު ސަރުކާރަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.


އެ ކޮމިޝަންގެ މިސްރާބާ މެދު ކުރިން ވެސް ސުވާލު އުފެދިފައި ވަނިކޮށް، މި ފާޑުކިއުން މި އަމާޒުވީ، ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ފުނަށް ފީނައި، ހެއްކާއި އެކަން ކުރި މީހުން ހޯދިފައިވާ ކަމަށް މަރު ކޮމިޝަނުން އޮތީ ބުނެފަ އެވެ. އެކަމަކު، މަޖިލީހުގެ ރައީސް މިއަދު ވިދާޅުވި ގޮތުން ނަމަ، އެ ހެކި އިންސާފަށް ވާސިލްވާން ނުފުދޭ ކަން ކޮމިޝަނުން ވަނީ އަންގައިފަ އެވެ. މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއްގެ ތަހުގީގު އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ އެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ތަހުގީގުތައް ނިންމަން އަމާޒު ހިފައި، ގާނޫނަކުން ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަނުގެ މަސައްކަތްތައް ވަނީ ދިގުލައިގެން ގޮސްފަ އެވެ. ބައެއް މެމްބަރުން އިސްތިއުފާ ވެސް ދެއްވީ އެވެ. ބޮޑު ތިން މަރާ ގުޅޭ ތަހުގީގު ނިންމައި، ރިޕޯޓުތައް ވެސް އެކުލަވައިލި އެވެ. އެކަމުގައި، ހިމެނެނީ ދީނީ ހަރުކަށި ޖަމާއަތެއް ކަމުގެ ތުހުމަތާ އެކު އެ މީހުންނާ ދެކޮޅަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވި އެވެ.

އެކަމަކު، އެ ތަހުގީގު ފުރިހަމަ ނުވާތީ ޕީޖީ އޮފީހުން ވަނީ ދައުވާނުކޮށް މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ. ރިޕޯޓްތަކުގައި، ތުހުމަތުކުރާ މީހުންގެ ނަން އާއްމުކޮށް، އެ މީހުން ދޫވެފައި ތިބުމަކީ ވެސް ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ކޮމިޝަންގެ މަސައްކަތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ރައްޔތުންގެ މަޖިލީހުގެ ޖަލްސާގައި، ކޮމިޝަނާ ގުޅޭ ގޮތުން އާއްމުކުރި މައުލޫމާތުތަކާ އެކު ގިނަ ބައެއްގެ ސުވާލަކީ "މަރު ކޮމިޝަން މަރުވީ" ހެއްޔެވެ؟

ސޯޝަލް މީޑިއާގައި ދަނީ، ކޮމިޝަނާއި ސަރުކާރާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ކޮމިޝަނުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.

ކޮމިޝަންގެ ބައެއް މެމްބަރުން ވިދާޅުވީ ތަހުގީގުތަކާ ގުޅޭ ގޮތުން މިއަދުގެ ވަގުތެއްގައި ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި، ސަރުކާރުގެ ވައުދާ އެއްގޮތަށް ކޮމިޝަންގެ މަސައްކަތް ނުދާ ކަމަށް ފާޑުވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދަކީ މަރުތަކުގެ ހަގީގަތް ހޯދައި އެ އާއިލާތަކާ މުޖުތަމައަށް ހަމަޖެހުން ގެނައުމަށެވެ. އެކަމަށް، މަރު ކޮމިޝަނަށް ގާނޫނޫ ހައިސިއްޔަތު ދީ ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރި ކަން ފާހަގަކުރައްވަމުން ވިދާޅުވީ ފަހު ވަގުތު އިންސާފު ހޯދައި ނުދެވުނު ކަމަށް ބުނުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެެވެ.

"ސެލެކްޓިވް ޖަސްޓިސްގެ ތެރެއިން އިންސާފުގެ ދަތުރު ނިންމާލީބާ،"؟ ޣައްސާން ސުވާލު އުފެއްދެވި އެވެ.

ޣައްސާންގެ ޓުވީޓެއް.

ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިންސާފު ހޯދައިދޭންވީ ވައުދު ފެއިލް ވެފައިވާ ކަމަށެވެ. ކޮމިޝަން ހަދައިގެން ކުރީ ބޮޑު އިސްރާފެއް ކަމަށް ވިދާޅުވެ އޭނާގެ ފާޑުވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

"ނަތީޖާ ނުނެރެވި، 2.3 މިލިއަނަށް ވުރެން ބޮޑު ޚަރަދެއް ކުރީ ކީއްވެތޯ ޕީޕީއެމް، ޕީއެންސީ ސަރުކާރަކުން ބަލާނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ ވެސް މުހިއްމު މައުލޫމާތުތަކެއް އާއްމުކޮށްފައިވާ އިރު މިހާތަނަށް ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅަ އެވެ. ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ ހަގީގަތް ވެސް އޮތީ ހޯދައިފަ އެވެ. އެކަމަކު އެ ތަހުގީގު އަދި އާއްމެއް ނުކުރެ އެވެ. މިހާތަނަށް އާއްމުކުރި ދެ ރިޕޯޓުން ކުށްވެރިންނަށް، އެ މީހުންނާ މެދު ކޮމިޝަނުން ކުރާ ތުހުމަތު ވަރަށް ސާފެވެ. ކުރިއެކޭ އެއްގޮތަށް އެއްވެސް ޖެހިލުމެއް ނެތި އެ މީހުން ތިބީ މިނިވަންކަން މަތީގަ އެވެ.

ކޮމިޝަންގެ މަސައްކަތާ މެދު ސުވާލު އުފެދުނު އަނެއް ސަބަބަކީ، މަރު ކޮމިޝަންގެ ރިޕޯޓްތަކާ ގުޅޭ ގޮތުން އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅޭވަރުގެ ހެއްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި އޮތުމެވެ.

ރިޕޯޓްތައް ނެރޭނީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ މެދު ފިޔަވަޅުތަކެއް އަޅައި ފަހަތުގައި ތިބި މީހުން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ގޮތެއް ހޯދުމަށް ފަހު ކަމަށް، ކޮމިޝަނުން އޮތީ ވައުދުވެފަ އެވެ. އެކަމަކު ފެންނަ ކަންކަން ފާހަގަކޮށްފައި ނެރުނީ އާދައިގެ ރިޕޯޓެއް ކަމަށް ތަހުގީގީ އިދާރާތަކުގެ ބޭފުޅުން ވެސް ގެންދެވީ ވިދާޅުވަމުންނެވެ.

މިއާއެކު މަޖިލީހުން މިއަދު އާއްމުކުރި މައުލޫމާތުން ކޮމިޝަން މަރުވީތޯ ސުވާލު އުފެދޭނެ ޖާގަ އޮތީ ލިބިފަ އެވެ.