ވައްޑެ އާއި ސުޖާއުގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް، ހާޒިރުނުވެއްޖެ ނަމަ ފިޔަވަޅު އަޅަނީ

ވެރިކަން ކުރާ ޕީޕީއެމް ދެ ފަޅިވެފައިވާއިރު އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވަައްޑެ) ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއުގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލަން ފަށައިފި އެވެ.


ރައީސް ޔާމީން ފެކްޝަންގެ ބާރު އޮންނަ ސުލޫކީ ކޮމެޓީން އެ ދެ މެމްބަރުންގެ މައްސަލަ ބަލާކަން އަންގައި، ޖަވާބުދާރީވެވަޑައިގަތުމަށް މިއަދު ހަވީރު ހ. ކޮރަޕް ރީފް އަށް ހާޒިރުވާން އެދި ވަނީ ސިޓީ ފޮނުވައިފަ އެވެ.

އެ ސިޓީގައި ދެ މެމްބަރުންނާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައިގެ ތަފްސީލެއް ނެތެވެ. އެކަމަކު މައްސަލަ ކުރިއަށް ގެންދަން ދެ މެމްބަރުންގެ ފަރާތުން ސުލޫކީ ކޮމެޓީ އަށް ދެ މީހަކު އައްޔަންކުރުމުގެ ފުރުސަތު ދީފައިވެ އެވެ.

މައުމޫން ރިޔާސަތު ބަލަހައްޓަވައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަހީދު އެ ޕާޓީގެ ނައިބު ރައީސް ކަމަށް އައްޔަންކުރައްވާފައިވާއިރު ސުޖާއު ވަނީ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.

މި ދެ މެމްބަރުންގެ މައްސަލަ ބަލައިދޭން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމެޓީގައި އެދުނީ، އެ ގްރޫޕްގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕުން ވެސް ބޭރުކުރުމަށް ފަހު އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވާން ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުނަސް، މި ދެ މެމްބަރުން އިއްޔެ ވަނީ އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ.

އެ ވޯޓުގައި އެ ދެ މެމްބަރުންގެ އިތުރުން ވެސް ސަރުކާރު ކޯލިޝަންގެ އެހެން މެމްބަރުންތަކެއް ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި އެވެ. މީގެ ކުރިން ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންތަކެއްގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މައުމޫން ފަޅިން ސުލޫކީ ކޮމެޓީ އަށް ހުށަހެޅީ، ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމުގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މައްސަލަ ބަލައިދިނުމަށެވެ. އެއީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާއި ޕީޖީ ގްރޫޕްގެ ގަވާއިދާ ހިލާފުވި ކަމަށް ބުނެ އެވެ.

މި މައްސަލަތައް ނުބެލި ލަސްވަނީ ސުލޫކީ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވި އެވެ.