ކުޑަކުއްޖަކާ ބެހުނު ކަމުގެ ހެކި ހުރެ ދޫކޮށްލަން ޖެހިއްޖެ

ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިޔަސް، 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވާތީ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު މިއަދު ބަންދުން ދޫކޮށްލަން ޖެހިއްޖެ އެވެ.


ހައި ކޯޓުން މި މަހު ކުރީކޮޅު ކަނޑައަޅާފައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ބ. ބުނާގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެއްކެއް ނެތަސް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ނުވަތަ ފިލާފާނެ ކަމަށް ނުވަތަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތަކުގައި 15 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް ބަންދު ކުރެވިދާނެ ކަމަށެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ބަންދުގެ މުއްދަތުު އިތުރު ކުރެވޭނީ ޖިިނާއީ ބޮޑު ކުށްތަކުގަ އެވެ. ބޮޑު ކުށެއްގެ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނައިފައެއް ނޯވެ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރު ކުރި އެ މީހާގެ ބަންދަށް އޭރު އިތުރު ކުރި 15 ދުވަސް ހަމަވެގެން އަލުން ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އެ ކޯޓުން ނިންމައިފައި ވަނީ އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ. ގާޒީ އާދަމް މުހައްމަދު ނެރެފައިވާ އަމުރުގައި ވަނީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ހެކި ހުރި ނަމަވެސް ހައި ކޯޓުގެ އެ އަމުރުގެ ސަބަބުން އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.

ޕީޖީން މިއަދު ކޯޓުގައި އެދުނީ ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ މަތީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވާން ލާޒިމް ވާތީ އެގޮތަށް އަމުރެއް ނެރެވެން ނެތް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގައިވާ އާންމު އިޖުރާއަތަށް ނުގޮސް، ހާއްސަ އިޖުރާއަތުގެ ދަށުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އަށް އެދުމުގެ ފުރުސަތު އޮތްނަމަވެސް، އެ ގޮތަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށަހަޅާފައި ނުވާ ކަމަށް ވެސް އަމުރުގައި ވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ހާއްސަ އުސޫލުތަކަކަށް އަމުރު ކުރުމުގެ ގާނޫނުގައި ބުނާ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހުގައި އޭނާގެ ބަންދު މުރާޖާ ކޮށްދިނުމަށް އަދިވެސް ޕީޖީ އާއި ފުލުހުންނަށް އެދެވޭނެ ކަމަށް ވެސް އަމުރުގައިވެ އެވެ.

ލޯބިވެރިޔާއާ މެދު މާރާމާރީ ހިންގުމުގެ ތުހުމަތެއްގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިތުރު 15 ދުވަހަށް އޭނާ ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމުގައިވަނީ ޖިނާއީ ބޮޑު ކުށަކަށް ނުވާ މައްސަލަތަކުގައި 15 ދުވަސް ހަމަވުމުން އިތުރަށް ބަންދު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ޖިނާއީ ބޮޑެތި ކުށްތަކުގައި 15 ދުވަސް ހަމަވުމުން އެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރުމަށް ފަހު އެ ނޫން ކުށްތަކާ މެދު ވަކި އެއްޗެއް ގާނޫނުގައި ބުނެފައި ނެތީ ކުދި ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދު ނުކުރުމުގެ މަގްސަދުގައި ކަމަށް އެ ހުކުމުގައިވެ އެވެ.