އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް އެއްވުން ރޫޅާލާތަން ދެކެން ބޭނުން: އިމްރާން

އިންސާނީ ކަރާމަތަށް އިސްކަންދީގެން ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލުމުގެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


"މަޖިލިސް ހޭލައްވާ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް އިއްޔެ ހެނދުނު އެއްވެ މުޒާހަރާ ކުރަން އުޅުމުން ފުލުހުން ވަނީ އެ މީހުން ދުރަށް ޖައްސައިފަ އެވެ. "ނަވާނަވައި" ޖަމިއްޔާއިން ބޭއްވި މުޒާހަރާގެ ބައިވެރިވިން ދުރަށް ޖެއްސުމުގައި ފުލުހުން އަމަލުކުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އެ މުއައްސަސާ އަށް އަމާޒުވެފައިވެ އެވެ.

އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޣައިރު ގާނޫނީ އެއްވުންތައް، ޕްރޮފެޝަނަލްކޮށް ރޫޅާލެވޭނެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކިވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީނުތަކުގެ ތެރެއިން ކުރިއަށް އޮތްތާ އެކަން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެެއް ކަމަށްވާ ނަވާނަވައި އިން ބޭއްވި މުޒާހަރާ ރޫޅާލުމުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މޫސާ ސިރާޖާއި އައްޑޫ މީދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

އިމްރާންގެ ޓްވީޓް

އެކަމާ ގުޅިގެން އެމްޑީޕީގެ މެމްބަރު، ސިރާޖު ވިދާޅުވީ ހިޔާލުފާޅުކުރަން ނުކުތުމުން އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަަމަށެވެ.

"އޭރު ވެސް މިހާރު ވެސް އަޅުގަނޑު މިކަމާ [ހިޔާލު ފާޅުކުރުން ހުއްޓުވުމާ] ދެކޮޅު. ހިޔާލު ފާޅުކުރަން ނުކުތީމަ އެކަމަށް ހުރަސްއަޅައިގެން ނުވާނެ. ބާރުގެ ބޭނުން ކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފައި އޮންނަ ހާލަތުގައި އެކަނި،" ސިރާޖު ވިދާޅުވި އެވެ.

މި އެއްވުން ރޫޅާލުމަށް ފަހު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ މި ހާލަތުގައި އެއްވުމުގެ ބަދަލުގައި ހިޔާލުފާޅުކުރުމަށް އެހެން ގޮތެއް ހޯދުމަށް އިލްތިމާސްކުރައްވައިފަ އެވެ. ލޮކްޑައުން ނޫން ހާލަތްތަކުގައި އެއްވެއުޅުމުގެ ހުއްދަ ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުއްދަ ދޭން ވާނީ ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.