ފަލަސްތީނު ރެފިއުޖީންނަށް އެހީވާން މިނިސްޓަރު ޝާހިދު ގޮވާލައްވައިފި

ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަށް ހިމާޔާތްކޮށްދިނުމަށާއި އެ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.


ޝާހިދު މިހެން ވިދާޅުވީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށްޓަކައި އދ. އިން އުފައްދާފައިވާ "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކާސް އޭޖެންސީ ފޮ ޕަލަސްޓައިން ރެފިއުޖީސް އިން ދަ އީސްޓް" (އަންރުވާ) އިން ވާޗުއަލްކޮށް މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މި އަހަރާއި ކުރިއަށް އޮތް ދެ އަހަރު އަންރުވާ އަށް ބޭނުންވާ ފައިސާ އާއި ބައިނަލްއަގްވާމީ ސިޔާސީ މަދަދުވެރިކަން ހޯދަން ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޯޑަންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ އާއި ސްވިޑެންގެ ފޮރިން މިނިސްޓަރު ޕީޓާ އެރިކްސަން އެވެ.

އަންރުވާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތް ބައެއް ބޭފުޅުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ ރެފިއުޖީންގެ އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރަން އަންރުވާ އިން ކުރަމުން އަންނަ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ބައިނަލްއަގްވާމީ މުޖިތަމައަށް ގޮވާލައްވައިފަ އެވެ. މީގެ 70 އަހަރު ކުރިން އުފެއްދި އެ އޭޖެންސީއަށް ބަރޯސާވާ 5.5 މިލިއަން ރެފިއުޖީން ފަލަސްތީނުގައި އުޅެ އެވެ. އެ މީހުންނަށް ބޭސް ފަރުވާ އާއި އެހެނިހެން އަސާސީ ކަންކަން ހަމަޖައްސައިދެނީ އަންރުވާ އިން އެވެ.

އަންރުވާ އަށް ފައިސާ ލިބުމުގެ ދަތިކަން ކުރިމަތިވުމުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ކޮވިޑް-19 ގެ ސަބަބުން މި ދުވަސްވަރު ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ހިނދު ވެސް އެ ޖަމިއްޔާ އިން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން މެދުނުކެނޑި މަސައްކަތް ކުރަމުން ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އދ. އެހެން މެމްބަރު ގައުމުތަކުން ވަނީ އަންރުވާ އަށް މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެެފަ އެވެ.

އދ. ގެ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް މި ބައްދަލުވުމުގައި ވެސް މިނިސްޓަރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.