އުނައިސް އަލުން ހައްޔަރުކުރީ އާ ތުހުމަތުތަކެއް ކުރުމުން: ކްރިމިނަލް ކޯޓު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އިއްޔެ ދޫކޮށްލަން އެންގުމަށް ފަހު މިއަދު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ އިތުރު ތުހުމަތުތަކެއްގައި އޭނާ އަލުން ހައްޔަރު ކުރުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.


ބ. ތުޅާދޫ ހިޔާވަހި، އުނައިސް އަހުމަދު ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައި ވަނިކޮށް ކޯޓުން އިއްޔެ އޭނާ ދޫކޮށްލީ އެ ކުށަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކުގެ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ އެވެ. އަދި އެ ލިސްޓުގައި ނުހިމެނޭ ކުށްތަކުގައި 15 ދުވަހަށް ވުރެ އިތުރަށް މީހުން ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވާއިރު، އެ މައްސަލާގައި އުނައިސް 15 ދުވަހަށް ކުރިން ބަންދު ކޮށްފައިވާތީ ގާނޫނު އޮތްގޮތުން އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެކަމަކު މިއަދު ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އަދި ފުލުހުން ވަނީ އޭނާގެ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުނައިސް އަލުން ހައްޔަރުކޮށް މިއަދު ކޯޓަށް ގެންދިޔައީ ކުރިން ތުހުމަތުކޮށްފައި ނުވާ އިތުރު ތުހުމަތުތަކެއް ހިމަނައިގެން ކަމަށާއި އެގޮތުން ޝަހްސު އޮޅުވާލުމާއި މަކަރާއި ހީލަތުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރި ކަމަށެވެ. އަދި އާ ތުހުމަތުތަކެއްގައި ފުރަތަމަ ފަހަރަށް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމާއިރު، ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އެ މީހަކާ ދެކޮޅަށް ހުރެއްޖެ ނަމަ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމްކުރާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ ބަޔާނުގައިވަނީ އުނައިސް ދޫކޮށްލަން އިއްޔެ އަމުރުކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ މައްސަލަތަކުގައި 15 ދުވަހަށް ވުރެ އިތުރަށް ބަންދުގައި ނުބެހެއްޓޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ޚާއްސަ އިޖްރާއާތުގެ ދަށުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބާރު އޮތަސް، އެގޮތަށް ދައުލަތުން އެދިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ބާވަތުން އެ ބާވަތުގެ މައްސަލަތަކުގައި އެ ކޯޓުގެ އަމުރުތައް ގާނޫނީ ގޮތުން ސައްހަކަން އެ ކޯޓުން ކަށަވަރު ކުރާނެ އެވެ. އެކަމަކު ތުހުމަތުގައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް ލިބޭތޯ އާއި އެ މީހުން ބަންދު ކުރަން ދައުލަތުން އެދެނީ ސައްހަ އިޖްރާއާތުތަކެއްގެ ތެރެއިން ކަން ވެސް ކޯޓުން ބަލަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އުނައިސް ދޫކޮށްލި މައްސަލަ ބަލަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް މިއަދު އޮތީ ނިންމައިފަ އެވެ.