ހުޅުޖެހުމާއި ވައްކަމުގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި

މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް ޖަމާއަތް ހަދައިގެން އަރައި، ބޮޑެތި ވައްކަންކޮށް، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ރ. އަތޮޅުން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.


އެ މައްސަލައާ ގުޅިގެން، އެ އަތޮޅުގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެ އެންމެން ވެސް ހައްޔަރުކުރީ އެ އަތޮޅު އުނގޫފާރުންނެވެ. ނަމަވެސް ދެން ހުރި މީހާ ހައްޔަރު ތަނެއް އަދި ސާފެއް ނުވެ އެވެ.

ސީރިއަސް ތުހުމަތުތަކާ އެކު، ހައްޔަރުކުރީ އުމުރުން 23، 24، 25، 28، 33 އަދި 36 އަހަރުގެ ފިރިހެނުންތަކެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ ހަތް ދުވަސް ދީފަ އެވެ.

މި ހަ މީހުންގެ ތެރެއިން ފަސް މީހަކު އުނގޫފާރުން ހައްޔަރުކުރުމަށް ފަހު، އެ މީހުންނާ ގުޅުން ހުރި ތިން ތަނެއް އެ އަތޮޅު މަޑުއްވަރީން ބަލާފައި ވެ އެވެ. މީގެ އިތުރުން، އެ މީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއް ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. އެ ތަންތަނުން މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެ މައްސަލައިގައި ހަ ވަނަ މީހަކު ހައްޔަރުކުރީ އެ ތަންތަން ފާސްކުރުމުގެ ތެރެއިންނެވެ. އެ މީހާ ހައްޔަރުކުރީ ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށް ފަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

އެމީހުން ފަޅުރަށުގައި އުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއެއްގެ ހުއްދަ ނުނަގަ އެވެ.

އެކި ރަށްރަށުގައި ހުޅުޖެހުމުގެ އަމަލުތަކެއް މި އަހަރު ހިންގާފައިވާއިރު މިއީ ފުލުހުންގެ އުޅަނދުތަކަށް ގެއްލުންދީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ރަށްރަށަށް އަރައި ސަރުކާރުގެ އެކި އޮފީސްތަކުގެ ތިޖޫރީ ވަގަށް ނެގުން ފަދަ އަމަލުތައް ވެސް ހިންގާފައިވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ފުލުހުންނާއި ސިފައިން މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށް، އެ މީހުންނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.