ލޮކްޑައުން ލުއިދޭން ފެށުމުން ގެވެށި އަނިޔާ ރިޕޯޓްކުރާ ވަރު އިތުރުވި: މިނިސްޓަރު

ރާއްޖޭގައި ގެވެށި އަނިޔާ ރިޕޯޓްކުރާ ވަރު މިދިޔަ މޭ މަަހުގެ ފަހުކޮޅުން ފެށިގެން އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަނިޔާ ރިޕޯޓްކުރާ ވަރު މަދުވިކަން އޭޕްރިލް މަހު މަދުވިކަން ފާހަގަ ކުރެވުނު ކަމަށާއި މޭމަހުގެ ފަހުކޮޅާ ޖެހެންދެން ވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ. އެހެން ނަމަވެސް މޭ މަހުގެ ފަހުކޮޅުން ފެށިގެން އަނެއްކާވެސް އަނިޔާ ރިޕޯޓް ކުރާ ވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭން އެޅި ފިޔަވަޅުތައް ވަރުގަދަ ކުރީ އޭޕްރިލް މަހު އެވެ. އަދި މޭ މަހުގެ ފަހުކޮޅު އެ ފިޔަވަޅުތަކަށް ލުއިދޭން ފެށި އެވެ. އަނިޔާ ރިޕޯޓްކުރާ މިންވަރު އެހިސާބުން އިތުރުވި ކަަމަށް މިނިސްޓަރު ވިދާޅުވީ ލޮކްޑައުން އަށް ލުއިދޭން ފެށުމުން ރިޕޯޓްކުރާ ވަރު އިތުރުވިތޯ ސުވާލުކުރުމުންނެވެ.

"ގިނަވި އަދަދުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ބޮޑަށް ޑޮމެސްޓިކް ވަޔަލެންސް. ދެން ޑޮމެސްޓިކް ވަޔަލެންސްގައި ވެސް ހަމަ ފިޒިކަލް ވަޔަލެންސް ބޮޑަށް ފާހަގަކުރެވިގެން ދިޔައީ،" އައިޝަތު ދީދީ ވިދާޅުވި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަދި ޖެންޑާ މިނިސްޓްރީގެ ޕާމަނެންޓް ސެެކްރެޓަރީ ބައިވެރިވެވަޑައިގަންނަވަނީ.

އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވެސް މި މުއްދަތުގައި އިތުރުވެފައިވާކަން ފާހަގަ ކުރެވެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާ ކިޔާ އިރު މިއަހަރު މައްސަލަތައް ވަކި އިތުރުވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިހައިތަނަށް ހުށަހެޅި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ އަދަދަކީ 387 މައްސަލަ އެވެ. އެއީ އަންހެންކުދިންނާ ގުޅޭ 221 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅޭ 166 މައްސަލަ އެވެ. ބޮޑެތި މީހުންނަށް ގެވެށި އަނިޔާ ދިން ކަމުގެ 112 މައްސަލައެއް މިއަހަރުގެ މިހައިތަނަށް ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި އިރު އޭގެ ތެރެއިން ނުވަ މައްސަލައެއް ފިޔަވާ ހުރިހާ މައްސަލައެއްގައި ވެސް އަނިޔާ ލިބުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ އަންހެނުންނަށެވެ.

"އެހެންވީމާ [މިއީ] އާއްމުކޮށް އޮންނަ ކަހަލަ ތަފާސްހިސާބެއް ކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަނިޔާގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ މައްސަލަތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުން ވެސް މި މުއްދަތުގެ ތެރޭގައި އިތުރުވި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން ލޮކްޑައުން ކުުރުމުން އަނިޔާ ލިބޭ މީހުންނާއި އަނިޔާ ދޭ މީހުން އެއް ގެއެއްގައި ބަންދުވެ، މައްސަލަތައް ރިޕޯޓްކުރާ އަދަދު މަދުވިކަމަށް އެހެން ގައުމުތަކުން ވެސް ރިޕޯޓްކޮށްފައި ވެ އެވެ.